ޗައިނާއިން ރާއްޖެއަށް ދީފައިވާ ލޯނުތައް ދެއްކުން ފަސް ކުރުމަށް މަޝްވަރާ ކުރަމުންދާ ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޒަންގ ލީ ޒޮންގް ވިދާޅުވެއްޖެއެވެ.
ދަރަނީގެ މައްސަލައަށް އަލިއަޅުވާލައްވާ ޒަންގ ޓްވިޓަރގައި ހިއްސާ ކުރެއްވި މެސެޖެއްގައި ވިދާޅުވީ، އެކަމާ ގުޅިގެން ރައްޔިތުންގެ މެދުގައި ބޮޑެތި ކަންބޮޑުވުންތަކެއް ހުރިކަން ފާހަގަ ކުރެވޭ ކަމަށެވެ. ޒަންގ ވިދާޅުވީ، ދެމެހެއްޓެނިވި ތަރައްޤީ ޤާއިމު ކުރުމަށް ޚާއްސަ އިސްކަމެއް ދެއްވާނެކަން އައު ސަރުކާރު ވެރިކަމަށް އައިއިރު ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުވެސް ވިދާޅުވެފައިވާ ކަމަށެވެ. އަދި ކުއްލި ގޮތަކަށް ދިމާވެފައިމިވާ ކޮވިޑުގެ ޙާލަތާއި ގުޅިގެން އެ ސިޔާސަތުތައް އަލުން "އެޑްޖަސްޓް" ކުރަން ޖެހިފައިވާކަން ޒަންގ ފާހަގަ ކުރެއްވިއެވެ.
ޒަންގ އިތުރަށް ވިދާޅުވީ، ދެ ޤައުމުގެ ދެމެދުގައި ކުރެވުނު މަޝްވަރާތަކަށްފަހު ރާއްޖެއަށް ކުރިމަތިވެފައިވާ ދަތިތައް ޗައިނާ ސަރުކާރަށްވެސް ޤަބޫލުކުރެވޭ ކަމަށެވެ. އެގޮތުން ކޮމާރޝަލް ލޯނުތައް ދެއްކުން ފަސްކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެވެމުންދާކަން ޒަންގ ފާހަގަކުރެއްވިއެވެ.
ޒަންގ ވިދާޅުވީ، ކޮމަރޝަލް ލޯނުތައް ގިނައިން ދޫކޮށްފައިވަނީ ދައުލަތުގެ ކުންފުނިތަކަށް ކަމަށާއި، ޕްރައިވެޓް ރަށެއްވެސް އޭގެ ތެރޭގައި ހިމެނޭ ކަމަށެވެ. އަދި މި ލޯނުތައް ދެއްކުމާ ގުޅޭގޮތުން ޗައިނާގެ މާލީ އިންސްޓިޓިއުޝަންތަކުން މަޝްވަރާތައް ކުރިއަށް ގެންދިއުމަށް އެ ޤައުމުގެ ސަރުކާރުންވެސް ބާރު އަޅަމުންދާކަން ޒަންގ ފާހަގަ ކުރެއްވިއެވެ.
ޒަންގ ވިދާޅުވީ، މިކަމުގެ ސަބަބުން ރަނގަޅު ނަތީޖާތަކެއް ނުކުންނާނެ ކަމަށް ޤަބޫލު ކުރެއްވޭ ކަމަށެވެ.
ދިވެހިރާއްޖެއަށް ޗައިނާއިން ދޫކޮށްފައިވާ ލޯނުތަކަކީ ލޯނުގެ ދަންތުރަތަކެއް ކަމަށް ދެކެވޭ ވާހަކަތަކަށް ސަފީރު ޒަންގ ލީ ޒޮންގް ވަނީ ރައްދުދެއްވާފައެވެ. ސަފީރު ވިދާޅުވެފައިވަނީ ޗައިނާގެ ލޯނުތަކަކީ ދަރަނީގެ ދަންތުރައެއް ކަމުގައި ދެކެވޭ ވާހަކަތަކަކީ ހިޔާލީ ވާހަކަތަކެއް ކަމަށެވެ.