"ހިޔާ" މަޝްރޫޢުގެ H9 ކެޓަގަރީ، ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީއިން ދިރާސާކުރުމަށްފަހު ލިސްޓް އަލުން ނެރެފިއެވެ.
ރައީސް އޮފީހުން ބުނީ "ހިޔާ" މަޝްރޫޢުގެ ދަށުން ފްލެޓަށް އެދި ހުށަހަޅާފައިވާ ފަރާތްތަކަށް ޕޮއިންޓް ދީފައިވަނީ އުސޫލާއެއްގޮތަށްތޯ ބަލައި ކަށަވަރުކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން، H9 (މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ޚާއްސަ) ކެޓަގަރީ، ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީއިން ދިރާސާކުރެއްވުމަށްފަހު، އެ ކެޓަގަރީއަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ވަގުތީ ލިސްޓް މިހާރު އިޢުލާން ކުރެވިފައިވާނެ ކަމަށެވެ.
"ހިޔާ" މަޝްރޫޢުގެ H9 ކެޓަގަރީއަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ކޮމިޓީއިން ބެލިބެލުމުގައި އެ ކެޓަގަރީއަށް ފޯމު ހުށަހެޅުމަށް ޝަރުތުހަމަވާ ފަރާތްތަކާއި ޝަރުތުހަމަނުވާ ފަރާތްތަކުގެ (ޝަރުތުހަމަނުވާކަމަށް ކޮމިޓީއަށް ފެންނަ ސަބަބާއެކު) ވަގުތީ ލިސްޓުފައި ވަނީ ހިމަނާފައެވެ. އަދި މި ކެޓަގަރީއަށް ކުރިމަތިލުމަށް ޝަރުތުހަމަވާ ފަރާތްތަކުގެ ތެރެއިން، ދިރިއުޅުމުގެ ހާލަތު ބެލުމުގެ ކަންކަން ކުރިއަށްގެންދެވިފައިނުވާ ފަރާތްތައް ސަބަބާއެކު ވަގުތީ ލިސްޓުގައި ފާހަގަކޮށްފައިވާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ.
"ހިޔާ" މަޝްރޫޢުގެ H9 ކެޓަގަރީއަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާގޮތުގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު، ހޯމަ ދުވަހުން ފެށިގެން އަންނަ މަހުގެ 4 ވަނަ ދުވަހުގެ މެންދުރުފަހު 3:00ގެ ނިޔަލަށް ހުޅުވާލެވޭނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ. އެގޮތުންhcp.presidency.gov.mvމެދުވެރިކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ރައީސް އޮފީހުން ވަނި އެދިފައެވެ. "ހިޔާ" މަޝްރޫޢުގެ ދާއިމީ ލިސްޓް އެކުލަވާލުމުގައި މި ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭ ޝަކުވާތަކަށް ރިޢާޔަތްކުރެވޭނެ ކަމަށާއި، މިކަމާގުޅޭ އިތުރު މައުލޫމާތު ހޯއްދެއްވުމަށް 3010718 އަށް ގުޅުމަށް ވަނީ އެދިފައެވެ.
ރައީސް އޮފީހުން އާންމުކޮށްފައިވާ ލިސްޓުގެ ތެރެއިން ޝަރުތު ހަމަނުވަ 25 ފަރާތެއް ހިމެނެއެވެ. މީގެ އިތުރުން ޝަރުތު ހަމަވާ 2775 ފަރާތެއް ހިމެނެއެވެ. މީގެ އިތުރުން "ހިޔާ" މަޝްރޫޢުގެ އެހެން ކެޓަގަރީތަކުގެ މަސައްކަތް ނިމުނުހާ އަވަހަކަށް ވަގުތީ ލިސްޓް އިޢުލާންކުރެވޭނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ.