ކޮރަޕްޝަނަށް މަގުފަހިވާ އަމަލެއް ހިންގާފައިވާ ނުވާނެ ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދު ވިދާޅުވެއްޖެއެވެ.
ސައީދު މިހެން ވިދާޅުވެފައި މިވަނީ އޭނާގެ މައްޗަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތުތަކާއެކު އަމިއްލަ ފަރާތަކުން އެންޓި ކޮރަޕްޝަން ކޮމިޝަނަށް މައްސަލަތަކެއް ހުށަހަޅާފައިވާ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވަނިކޮށެވެ. އަދި އެފަދަ މައްސަލަތަކެއް ހުށަހެޅިފައިިވާކަން އޭސީސީން ވެސް ވަނީ އެ މީޑިއާތަކަށް ކަށަވަރު ކޮށްދެއްވާފައެވެ. ނަމަވެސް މައްސަލަތައް ބެލުމާއިމެދު ގޮތެއް ނިންމާފައިނުވާ ކަމަށް އޭސީސީގެ އޮފިޝަލާއި ހަވާލާދީ މީޑިއާތަކުގައި ރިޕޯޓް ކޮށްފައިވެއެވެ.
އެކަމަށް ރައްދު ދެއްވާ ސައީދު ވިދާޅުވީ ފެނަކައިގެ އަދުގެ މެނޭޖްމަންޓުން ކުރާ މަސައްކަތްތައް އެކަށީގެންވާ ބާރުމިނުގައި، އަދި ހަލުވިކަމާއިއެކު ކުރިއަށް ދިއުމަކީ އެކުންފުނީގެ ވަސީލަތްތައް ކުރިން ބޭނުން ކުރި ބޭފުޅުންނަށް ޤަބޫލު ކުރެވޭ ކަމެއް ނޫން ކަމަށެވެ. ތަކުރާރުކޮށް ސައީދު ވިދާޅުވީ ގޯހެއް ހައްދަވާފައިނުވާނެ ކަމަށާއި، މައްސަލަތައް ބެލުމަށް އަބަދުވެސް މަރުހަބާ ކިޔައި، ފުރިހަމަ އެއްބާރުލުންތައް ދެއްވަމުން ގެންދަވާނެ ކަމަށެވެ.
އެހެންވުމާއި އެއްކޮށް އަޅުގަނޑު އުފާކުރަން އޭސީސީއަށްވެސް ދާންވީ އަދި އެހެން މުއައްސަސާތަކަށްވެސް ދާންވީ. ގޮސްގެންހަމަ ރަނގަޅަށް ބަލަންވީ.ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދު
އިތުރަށް ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ ކޮރަޕްޝަނަށް މަގުފަހިވާ މައްސަލަތަށް މިނިވަންކަމާއިއެކު ބެލޭނެ ނިޒާމެއް މިއަދުގެ ސަރުކާރުން ޤާއިމްކޮށްފައިވާތީ ފެނަކައިގެ މެނޭޖްމަންޓާއި ހަވާލުވެ ހުންނެވި ބޭފުޅެއްގެ ހައިސިއްޔަތުން އެކަމާ އުފާ ކުރައްވާ ކަމަށެވެ.
އެމައްސަލަތައް ބަލަންވީ. އަޅުގަނޑަށް ވަރަށް އުއްމީދު އެބައޮތް. އަޅުގަނޑުމެން ނޯންނާނެ ގޯހެއް ހަދާފައެއް، ކޮރަޕްޝަނަށް މަގުފަހުވާ އަމަލެއް ހިންގާފައެއް ނޯންނާނެ. މައްސަލަތައް ކަމާބެހޭ އިދާރާތަކުން ބަލަންވީ.ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދު
އަމިއްލަ ފަރާތަކުން ހުށަހެޅި ޝަކުވާތަކުގައި 27 މައްސަލައެއް ބަަލައި ދިނުމަށް އެދިފައިވާ ކަމަށެވެ.
ސައީދު ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުގައި ފެނަކަ ކޯޕަރޭޝަނުން ކޮރަޕްޝަންގެ ގިނަ އަމަލުތަކެއް ހިންގާފައިވާ ކަަމަށް ތުހުމަތުތައް ކުރެވިފައިވީ ނަމަވެސް ފެނަކަ ހިންގެވުމާއި ހަވާލުވެވެޑައިގެންނެވިފަހުން ރައްޔިތުންގެ އިތުބާރު އަލުން އަނބުރައި ހޯދުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރެއްވި ކަމަށެވެ.
ވިރާނާ ވެފައިވާ ފޭރާމުން ސަލާމަތްވުމަށްޓަކައި ގިނަ ގުނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށާއި ނަތީޖާއެއްގެ ގޮތުން ފާއިތުވެގެންދިޔަ ދެ ކުއާރޓާގައި ވެސް ގެއްލުމާއި ފައިދާގެ ގޮތުގައި ބަލަންޖެހޭ މިންގަޑުން މިނެކިރިއިރު، ކުންފުންޏަށް ފައިދާވަމުން އަންނަކަން ސައީދު އުފަލާއެކު ފާހަގަ ކުރައްވާފައިވެއެވެ.
ކުރެވުނު މަސައްކަތްތަކުން ވައްކަމާއި ކޮރަޕްޝަން ހުއްޓުވައިގެން 23 މިލިއަން ރުފިޔާ ސަލާމަތް ކުރެވިފައިވާ ކަމަށް ސައީދު ވަނީ ވިދާޅުވެފައެވެ.
ފެނަކަ ކޯޕަރޭޝަނަކީ ވަރަށް ދެފުށްފެންނަ ގޮތަށް ކުރިޔަށްދާ ކުންފުންޏެއް ކަމަށާއި ކުންފުނި ތެރޭގައި ކޮރަޕްޝަނަށް މަގުފަހިވާ ކަމެއް އެއްވެސް ރައްޔިތަކަށް ފާހަގަކުރެވޭ ކަމުގައިވާނަމަ އެކަން އެންގެވުމަށް ވެސް މީގެ ކުރިން ސައީދު ވަނީ އެދިވަޑައިގެންފައެވެ.