ކ. މާލެ
|
17 ސެޕްޓެންބަރ 2020 | ބުރާސްފަތި 22:17
ފުޑް ކޯޓުތައް، އަމަލުކުރަމުންދަނީ އުސޫލާ އެއްގޮތަށްތޯ ބަލާނެ
ފުޑް ކޯޓުތައް، އަމަލުކުރަމުންދަނީ އުސޫލާ އެއްގޮތަށްތޯ ބަލާނެ
ރާއްޖެއެމްވީ
ޚާއްސަ އިންސްޕެކްޝަނެއް ކުރިއަށް ގެންދަނީ
އަންނަ އާދިއްތަ ދުވަހުން ފެށިގެން އާއްމު ހިދުމަތްދޭ ތަންތަނުގެ ޚާއްސަ އިންސްޕެކްޝަނެއް ކުރިއަށް ގެންދަނީ
އާންމު ޚިދުމަތް ދޭ ތަންތަނުގެ ރެންޑަމްކޮށް އިންސްޕެކްޝަން ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައި
އުސޫލާ ހިލާފުވާނަމަ ފިޔަވަޅު އަޅާނެ
މީގެކުރިން ވެސް މާސް އިންސްޕެކްޝަނެއް ކުރިއަށް ގެންގޮސްފައިވޭ

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އާންމު ޚިދުމަތްދޭ ތަންތަނުގައި އަމަލު ކުރަން ޖެހޭ ގޮތަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެކުލަވާލާފައިވާ މިންގަނޑުތަކާއި އެއްގޮތަށް ތަންތަން ހުރިތޯ ބެލުމަށް ޚާއްސަ އިންސްޕެކްޝަނެއް އަންނަ އާދިއްތަ ދުވަހު ކުރިއަށް ގެންދާނެ ކަމަށް އެ އެޖެންސީން ބުނެފިއެވެ.

އެޗްޕީއޭ އިން ބުނީ ސަރުކާރުގެ އެހެނިހެން އިދާރާތައް ގުޅިގެން 20 ސެޕްޓެންބަރު ވާ އާދިއްތަ ދުވަހު ގްރޭޓަރ މާލޭ ސަރަހައްދުގައި މާސް އިންސްޕެކްޝަނެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެގޮތުން ސަރުކާރުގެ އޮފީސްތަކާއި، ޕްރައިވެޓް އޮފީސްތަކާއި، ޕަބްލިކް ޓްރާންސްޕޯޓުގެ ޚިދުމަތް ފޯރުކޮށްދޭ ތަންތަން ރެންޑަމްކޮށް އިންސްޕެކްޓް ކުރުމަށް ވަނީ ހަމަޖެހިފައިވާ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

އާންމު ޚިދުމަތްދޭ ތަންތަނުން އުސޫލުތަކާ އެއްގޮތަށް އަމަލު ކުރަމުންދޭތޯ ބެލުމަށް މީގެކުރިން ވެސް މާސް އިންސްޕެކްޝަނެއް ކުރިއަށް ގެންގޮސްފައިވެއެވެ. އަދި އުސޫލުތަކާ ޚިލާފުވެފައިވާ ފަރާތްތަކާ މެދު ވަނީ ފިޔަވަޅު ވެސް އަޅާފައެވެ. އެގޮތުން މިފަހަރު ވެސް ކުރިއަށް ގެންދާ އިންސްޕެކްޝަންގައި އުސޫލާ ހިލާފަށް އާއްމު ޚިދުމަތްދޭކަން ފާހަގަކުރެވޭ ހާލަތުގައި އުސޫލުގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅާނެ ކަމަށް އެޗްޕޭ އިން ބުނެއެވެ.

އުސޫލާ ހިލާފަށް ތަނުގައި ޚިދުމަތް ދެވޭނަމަ ފިޔަވަޅު އަޅާ ގޮތަށް ބަލާއިރު، ފުރަތަމަ ފަހަރު ނަމަ 48 ގަޑިއިރަށް ތަން ބަންދު ކުރެވޭނެއެވެ. އަދި ތަން އަލުން ހުޅުވާ ދެވޭނެ ގޮތަކީ ބަންދު ކުރާ ވަގުތުން ފެށިގެން 48 ގަޑިއިރު ފަހުންނެވެ.

ދެވަނަ ފަހަރު ނަމަ ތަން ބަންދު ކުރުމަށްފަހު -/1000 ރުފިޔާއިން ޖޫރިމަނާ ކުރާއިރު، ތަން ހުޅުވޭނީ ބަންދު ކުރާ ވަގުތުން ފެށިގެން 72 ގަޑިއިރު ފަހުންނެވެ.

ތިންވަނަ ފަހަރު ނަމަ، ތަން ބަންދު ކުރުމަށްފަހު -/1000 ރުފިޔާއިން ޖޫރިމަނާ ކުރާނެއެވެ. އަދި ތަން އަލުން ހުޅުވޭނީ ބަންދު ކުރާ ވަގުތުން ފެށިގެން ފަސް ދުވަސް ފަހުން ކަމަށް އެޗްޕީއޭގެ ގައިޑްލައިންގައިވެއެވެ.

ކޮވިޑް-19އާ ކޮންޓްރޯލް ކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން އާންމު ޚިދުމަތްދޭ ތަންތަނުން އަމަލުކުރަންވީ އުސޫލެއް ވަނީ އެކުލަވާލާފައިވާއިރު އެއުސޫލާ އެއްގޮތަށް އަމަލު ކުރުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.

- ކޮމެންޓް