ސަރުކާރާ ދެކޮޅަށް ކިތަންމެ ވަރަކަށް މުޒާހަރާ ކުރި ނަމަވެސް، ކުރީ ސަރުކާރުން ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލަތައް ބަލައި އެކަމުގައި ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކަށް ސަރުކާރުން ފިޔަވަޅު އަޅާނެ ކަމަށް ރައީސް އޮފީހުގެ މިނިސްޓަރ މުހައްމަދު ޝިފާޒު ވިދާޅުވެއްޖެއެވެ.
ކޮވިޑް-19 ގެ މިދުވަސްވަރު ޕްރޮގްރެސިވް ކޯލިޝަނުން އަންނަނީ ތަފާތު އެކި ނަން ނަމުގައި ސަރުކާރާ ދެކޮޅަށް މުޒާހަރާތަކާއި ސައިކަލު ބުރުތައް ބާއްވަމުންނެވެ. އަދި މިފަދަ ހައްސާސް ދަނޑިވަޅެއްގައި މުޒާހަރާތަކަށް ނުކުމެގެން އިދިކޮޅުގެ އެތައް ބަޔަކު ވަނީ ޖޫރިމަނާ ވެސް ކޮށްފައެވެ.
ރާއްޖެޓީވީގެ "ސިޔާސީ ދުނިޔެ" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ނައިބު ރައީސް ޝިފާޒް ވިދާޅުވީ، ރާއްޖޭގެ ރައްޔިތުންނަށް އެންމެ ބޮޑަށް ބޭނުންވެފައި އޮތީ އިންސާފު ކަމަށެވެ. އަދި އިންސާފު ގާއިމުކުރުމަށް ކުރަންޖެހޭ ކަންކަމުގައި ސަރުކާރު އޮތީ ވަރަށް ސާބިތުކަމާއެކު ކަމަށް އޭނާ ވިދާޅުވިއެވެ.
ޝިފާޒް ވިދާޅުވީ ސަރުކާރަށް ގޮންޖަހައި، ޗެލެންޖު ކުރުމަށް އެއްވެސް ފަރާތަކުން މަސައްކަތް ކުރުމަކީ ގޯހެއް ކަމަށާއި، އެ ނިޔަތުގައި ސަރުކާރާ ކުރިމަތި ނުލެވެނޭ ކަމަށެވެ.
"އިދިކޮޅުގެ ކޮރަޕްޝަންގެ ވާހަކަ ދައްކަން ފެށީމަ ސައިކަލު ބުރެއް ނޫން ކާރު ބުރުވެސް ޖަހަންވީ. ފްލައިޓުގަވެސް ބުރުޖަހަންވީ. ރާއްޖެ މަތިންވެސް ދުއްވަންވީ. އިންޑިއާ އައުޓު ޖަހައިގެންވެސް ދުއްވަންވީ. އެކަމަކު ކީއްކުރާނީ؟ އެކަން ކުރިއަށްދާނެ. މައްސަލަތައް ބަލާނެ. އެކަމުގެ މައްޗަށް ހަމަ ރީތިކޮށް ޝަރީއަތް ހިންގާ ލިބެންޖެހޭ އަދަބުވެސް ދެވޭނެ."އެމްޑީޕީގެ ނައިބު ރައީސް މުހަންމަދު ޝިފާޒް
ޝިފާޒު ވިދާޅުވީ، މުޒާހަރާތަކަށް ނުކުންނަންވާނީ ފިސާރި ކެރިގެން ކަމަށާއި، ކަމުން ރެކިގެން އެހެން ބައެއްގެ ބޮލުގައި އިލްޒާމު އެޅުވުމުގެ ހަޑި ސިފަ ދޫކޮށްލަންޖެހޭ ކަމަށެވެ. އަދި ޖޫރިމަނާ ކުރާ ކޮންމެ ފަހަރަކު ފަންޑު ފޮއްޓެއް ހުޅުވައިގެން ރައްޔިތުންގެ އަތުން ފައިސާ ހޯދުމުގެ މާނައެއް ނެތް ކަމަށް ވެސް ޝިފާޒް ވިދާޅުވިއެވެ.
"އަޅުގަނޑުމެންނާ ދިމާލަށް ނޫންތޯ ވިދާޅުވީ އަތުގައި މިއޮތް އަނގޮޓި ގަނެލާނެހާ ފެންވަރުވެސް ނުހުންނާނެއޭ. ދެން އެހެންވީރު ޖޫރިމަނާއަށް ރައްޔިތުން ގުރުބާން ނުކޮށް އަނގޮޓި ނީލަމަށް ލާންވީ ނޫންތޯ. ލޯޔަލްޓީ ކާޑާއި ފަންޑު ފޮށީގެ އެއްވެސް ބޭނުމެއް ނެތެއް ނޫންތޯ."އެމްޑީޕީގެ ނައިބު ރައީސް މުހަންމަދު ޝިފާޒް
ޝިފާޒު ވިދާޅުވީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން ވިއްކާފައިވާ ރަށްތަކާއި ފަޅުތަކުން ހޯދި ފައިސާ އަނބުރާ ދައުލަތަށް ހޯއްދަވާނެ ކަމަށާއި، އަދި ހާބަރު ފުޓު ކޯޓުގައި ހަދާފައި ހުރި ކެފޭތައް ނުހައްގުން ދީފައިވާ ފަރާތްތައް ހޯދައި، އެކަމުގައި ވެސް ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.
ޝިފާޒް ވަނީ އެމްޑީޕީން އިދިކޮޅުގައި ތިބިއިރު މުޒާހަރާތައް ރާވާ ހިންގި ގޮތް ނަމޫނާއަކަށް ބަލައި، މިހާރުގެ އިދިކޮޅު ފަރާތްތަކުން މުޒާހަރާތައް ރޭވުމަށް ގޮވާލާފައެވެ.