ލޮކްޑައުން އަށް ފަހު ޗުއްޓީ ހޭދަކުރުމަށް އެންމެ ކަމުދާ ގައުމަކީ ކޮބައިތޯ ބެލުމަށް އެންމެ ގިނަ މީހުން ގޫގްލްގައި ސަރޗްކުރި ދެ ވަނަ ގައުމަށް ދިވެހިރާއްޖެ ވެއްޖެއެވެ.
އޮންލައިންކޮށް ވިސާ އަށް އެދުމާއި ވިސާގެ ކަންތަކުގައި އެހީތެރިވެދޭ ފަރމެއްކަމުގައިވާ އޮފިޝަލް-އެސްޓަ.ކޮމް އިން ދާދިފަހުން ވަނީ ގޫގްލްގެ ކީވޯރޑް ޕްލޭނަރ ބޭނުން ކޮށްގެން މީހުން އެންމެ ބޮޑަށް ދާން ބޭނުންވާ ގައުމުތަކުގެ ލިސްޓެއް އެކުލަވާލާފައެވެ. އެގޮތުން ފްލައިޓުން ދާން ބޭނުންވާ ތަންތަނާއި ޗުއްޓީ ހޭދަކުރުމަށް ބޭނުންވާ ތަންތަނުގެ މައުލޫމާތު ހޯދުން ފަދަ ޖުމްލަ ތައް ބޭނުން ކޮށްގެން ގޫގުލް މެދުވެރިކޮށް ބެލިއިރު ގިނަ ބަޔަކު މިއަހަރުގެ ފަހު ތިން މަސްދުވަހު ޗުއްޓީ ހޭދަ ކުރުމަށް ދާން ބޭނުންވާ 10 ތަނެއް ވަނީ ހޯދާފައެވެ.
ލޮކްޑައުން އަށް ފަހު ޗުއްޓީ ހޭދަކުރުމަށް ގޫގްލް އިން އެންމެ ގިނައިން ސަރޗް ކޮށްފައިވާ ގައުމަކީ އިޓަލީ އެވެ. އެގޮތުން 1.94 މިލިއަން ފަހަރު އިޓަލީ ވަނީ ސަރޗް ކޮށްފައެވެ. ދެ ވަނައަށް ރާއްޖެ ސަރޗް ކުރި ގައުމަށްވަނީ 1.8 މިލިއަން ފަހަރު ސަރޗް ކޮށްގެންނެވެ. މެކްސިކޯ ތިން ވަނައަށް އަންނަނީ 1.7 މިލިއަން ފަހަރު ސަރޗް ކޮށްގެންނެވެ.
އެންމެ ގިނައިން ސަރޗްކޮށްފައިވާ 10 ގައުމުގެ ތެރޭގައި ތައިލެންޑް، ސްޕެއިން އަދި ކެނެޑާވެސް ހިމެނެ އެވެ.
ކޮވިޑް-19 އެންމެ ފުރަތަމަ ފެނުނު ގައުމަށް ޗައިނާވާއިރު ގޫގްލްގައި ޗައިނާ 1 މިލިއަން ފަހަރު ވަނީ ސަރޗް ކޮށްފައެވެ. ޗައިނާއަށް ލިބެނީ ލިސްޓުގެ 11 ވަނަ އެވެ.
ކޮވިޑް-19 ޕެންޑަމިކްގެ ތެރޭގައި އެންމެ ގިނަ މީހުން ސަރޗް ކުރި ސުރުޚީ ތަކުގެ ތެރޭގައި "ފްލައިޓް ޓު މޯލްޑިވްސް" އަދި "ޓްރިޕް ޓު މޯލްޑިވްސް" ހިމެނެއެވެ.
2019 ވަނަ އަހަރު އެމެރިކާގައި އެންމެ ގިނަ އަދަދެއްގެ މީހުން ޗުއްޓީ ހޭދަކުރުމަށް ސަރޗް ކުރި ގައުމަކީވެސް ދިވެހިރާއްޖެ އެވެ.