ނ މަނަދޫގައި ކޮންޓެކް ޓްރޭސިންގް ގެ ދަށުން ޖުމްލަ 26 މީހުން ހޯމް ކަރަންޓިީނުގައި މިހާރު އެބަ ތިބިކަމަށް ނ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރ ވިދާޅުވެއްޖެއެވެ.
ނ. އަތޮޅު ހޮސްޕިޓަލް މެނޭޖަރ އިސްމާއިލް ޝަފީގް ރާއްޖެޓީވީ ގެ ކޮވިޑް-19 ކަވަރޭޖްގައި ވާހަކަ ދައްކަމުން އާދިއްތަ ދުވަހު މަނަދޫގެ ހާލަތު ކިޔާދެއްވަމުން ވިދާޅުވީ އެޗް.ޕީ.އޭ އާ ގުޅިގެން މިހާރު ކޮންޓެކްޓް ޓްރޭސިންގެ ގެ ހުރިހާ މަސައްކަތެއް ނިމިފައިވާކަމަށާ މިހާރު މުޅިއެކު ހޯމް ކަރަންޓީންގައި 26 މީހުން އެބަ ތިބި ކަމަށެވެ. އަދި ކައުންސިލުން ވެސް އެމީހުން ހޯމް ކަރަންޓީންގައި ތިބިކަން ކަށަވަރު ކޮށްފައިވާކަމަށްވެސް އޭނާ މައުލޫމާތު ދެއްވިއެވެ.
އިތުރަށް ވާހަކަ ދައްކަމުން ޝަފީގް ވިދާޅުވީ ހައި ރިސްކް ކެޓަރަކީގައި ތެ ދިން މީހަކު ހިމެނޭ ކަމަށާ ހިމެނެނީ ދުވަސްވީީ މީހުން ކަމަށެވެ. އަދި އެރަށުން މީހަކު ޕޮޒިޓިވް ވުމާ ގުޅިގެން ހޮސްޕިޓަލުން އަންނަނީ ހުއްޓުމެއްނެތި އިރުޝާދު ދެމުން ކަމަށާ އެއްވެސް މީހަކު ގެއިން ނުކުމެއްޖެ ކަމަށް މައުލޫމާތު ލިބިއްޖެނަމަ ކައުންސިލުން ވެސް އަދި ހޮސްޕިޓަލުން ވެސް ފުލުހުންނާ ގުޅިގެން ކަންކަން ބަލަމުން އަންނަ ކަމަށެވެ.
މިހާރު މަނަދޫއިން ޕޮޒިޓިވް ވި ކޭސްގެ ވާހަކަ ދައްކަމުން ޝަފީގް ވިދާޅުވީ މައުލޫމާތު ދޭން ބެލިއިރު އޭނާ ގޭގައި ނޫޅޭކަން އިނގުމުން ފުލުހުންނާ ގުޅިގެން އޭނާ ހޯދަން ބެލިއިރު އޭނާ ފެނިފައި ވަނީ ކަނޑުމަތިން ފީނާ ބަޔަކާއެކުގައި ކަމަށެވެ. އަދި ފުލުހުންނާ ކައުންސިލުން އަދި ހޮސްޕިޓަލުންވެސް އޭނާ ހޯދުމަށް އެތަނަށް ދިޔަ ކަމަށްވެސް ޝަފީގް ވިދާޅުވިއެވެ.
ރަށުގެ ކަންކަން ބަލަހައްޓަމުން ދަނީ ކައުންސިލުން ކަމަށާ ހޮސްޕިޓަލުން މީހުންގެ ހާލު ބެލުމާ އަދި ސާމްޕަލް ނެގުން ފަދަ ކަންކަން ކުރަމުން އަންނަ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި ހޮސްޕިޓަލުގެ ޒިންމާ އަކީ ސިއްހީ އެއްވެސް މައްސަލައެއް ދިމާވެއްޖެ ނަމަ އެކަންކަން ބެލެހެއްޓުންކަމަށްވެސް ޝަފީގް ކިޔައި ދެއްވިއެވެ.
ނ. އަތޮޅު ހޮސްޕިޓަލުގައި ވަސީލަތްތައް މިހާރު އެބަހުރި ކަމަށްވެސް އޭނާ އިތުރަށް މައުލޫމާތު ދެއްވިއެވެ. ނަމަވެސް މަނަދޫ މޮނިޓަރިންގ ގެ ހާލަތުގައި އޮތުމާއެކު ބައިވަރު ކަންކަމަށް ދަތި ވަމުން ދާކަމަށްވެސް ކިޔައި ދެއްވިއެވެ. އެގޮތުން ސްކޭން ކުރުން ފަދަ ކަންކަމަށް މީހުން އެހެން ރަށަކަށް ބަލިމީހާ ފޮނުވަން ޖެހުމާ އެހެން ރަށްރަށުން އެމީހުން ގެންދިއުމަށް ފަސްޖެހޭކަން ފާހަގަ ކުރެވޭކަމަށް ބުނުމާއެކު ހާއްސަކޮށް އެނޯމަލީ ސްކޭން ކުރުމަށް ދަތިވާކަމަށް އޭނާ ވިދާޅުވިއެވެ.
އަދި މިހާރު ހުރި ގޮންޖެހުންތައް ކިޔައި ދެއްވަމުން ޝަފީގް އިތުރަށް ވިދާޅުވީ މިހާރު ލެބޯޓަރީގެ މެޝިނެއް ހަލަކާކުވެފައި ވާކަމަށާ ފެރީތައް ދަތުރު ކުރުން ހުއްޓާލައިފައި ވުމާއެކު ގިނަ ދަތިތަކާ ކުރިމަތި ވަމުން ދާކަމަށެވެ.
މީގެ އިތުރުންވެސް ރައްޔިތުން ގެ ހާލަތު ކިޔަދެއްވަމުން ޝަވީގް ވިދާޅުވީ މަދުންނަމަވެސް ކަރަންޓީނުގައ ތިބޭ މީހުންގެ ޝަކުވާތައް އަންނަމުން ދާ ކަމަށެވެ. ފަރުވާ ކުޑަކަމުގެ ސަބަބުން ބައެއް މީހުން ގެއިން ނިކުމެގެން އުޅޭ ކަމުގެ ޝަކުވާ ލިބެމުން އަންނަކަމަށާ މިއީވަރަށް ދެރަ ކަމެއްގެ ގޮތުގައި ޝަފީގް ސިފަކުރެއްވިއެވެ.
އަދި ހޮސްޕިޓަލްގެ އިލްތިމާސް އަކީ އާއްމު ބަލިތަކަށް ފަރުވާ ހޯދުމަށް ނ. އަތޮޅު ހޮސްޕިޓަލަށް އެހެން ރަށްރަށުން އިމަރޖެންސީ ނޫންނަމަ މަޑުކޮށްލުން ކަމަށާ ހާއްސަ ކޭސް އެއްނަމަ ޓެލެ ކޮންސަލްޓޭޝަން ހިޔާުރު ކުރެއްވުމަށް ވެސް ހޮސްޕިޓަލުން އެދޭކަމަށް އޭނާ މައުލޫމާތު ދެއްވިއެވެ. އަދި މަނަދޫ ގެ ރައްޔިތުންނާ ނ. އަތޮޅުގެ ރައްޔިތުންވެސް އެޗް.ޕީ.އޭ ގެ އިރުޝާދުތައް އަޑު އެހުމާއެކު ހާއްސަކޮށް ކަރަންޓީނުގައި ތިބޭ ފަރާއްތަކުން 14 ދުވަސް ވުމަށްފަހު ވެސް ނަތީޖާ ލިބެންދެން ގޭގައި ތިއްބެވުމަށް ޝަފީގް ވަނީ ނަސޭހަތްތެރި ވެފައެވެ.