ޖެންޑާގެ ފަރާތުން ގދ. ހޯނޑެއްދޫ ރައްޔިތުންނަށް އެހީތެރިވެދޭން ނިންމައިފިއެވެ.
މާލެ ފިޔަވައި ރާއްޖޭގައި މިހާތަނަށް އެންމެ ގިނަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ ދެކުނުގެ ގދ. ހޯނޑެއްދޫއިންނެވެ.
މި ދަނޑިވަޅުގައި ޕޮޒިޓިވްވެފައިވާ މީހުންނަށާއި ކޮންޓެކްޓުވެފައިވާ މީހުންނަށް ނަފްސާނީ ގޮތުން އެކި އެކި މައްސަލަވަނީ ދިމާވެފައެވެ. އެގޮތުން ބައެއް މީހުންނަށް ނިދަން އުނދަގޫވާ މައްސަލަވެސްވަނީ ދިމާވެފައެވެ. އަދި ނަފްސާނީ އަދި އިޖްތިމާއީ މައްސަލަތަކަށް އެހީވުމުގެ ގޮތުން ގދ. ތިނަދޫ ކޮވިޑް ސެންޓަރުން އެކި ގޮތްގޮތުން ދަނީ އެހީތެރިކަން ފޯރު ކޮށްދެމުންނެވެ.
ރާއްޖެޓީވީ އަށް ދިން ހާއްސަ އިންޓަވިއުއެއްގައި ވާހަކަ ދައްކަމުން ޖެންޑާ މިނިސްޓްރީގެ އެސިސްޓެންޓު ޑައިރެކްޓަރ ރަޒާނާރަޝީދު ވިދާޅުވީ މިވަގުތު އެންމެ ފުރަތަމަ ކަމަކަށް ކުރިއަށްދަނީ މަތީ އުމުރުގެ މީހުންނާއި, ހައި ރިސްކް މީހުންނާއި, މާބަނޑުމީހުން އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ގުޅާ އެމީހުންގެ ހާލުބެލުމުގެ މަސައްކަތެވެ.
މިހާތަނަށް ދެ މީހަކަށް ނަފްސާނީ އެހީތެރިކަން ފޯރުކޮށްދެވިފައިވާނޭކަމަށް ރަޒާނާ ވިދާޅުވިއެވެ. އަދި ދެ އާއިލާއަކަށް އިޖްތިމާއީ ގޮތުން އެހީތެރިކަން ފޯރުކޮއްދީފައިވާނެކަމަށް ރަޒާނާ ވިދާޅުވިއެވެ.
ގދ. ހޯނޑެއްދޫ އިން ކޮވިޑް-19ގެ 38 ކޭސްވަނީ ފެނިފައެވެ. މީގެތެރޭގައި ކުޑަކުދިންވެސް ހިމެނެއެވެ. އަދި ޕޮޒިޓިވް 38 މީހުންގެ ތެރެެއިން 8 މީހުންނަކީ ހައިރިސްކު މީހުން ކަމަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗްއީއޯސީ) ގެ ތަރުޖަމާނު ޑޮކްޓަރ ނަޒްލާ ރަފީޤް ވިދާޅުވެފައިވެއެވެ.
ހޮނިހިރު ދުވަހުގެރޭ އެ ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޯނޑެއްދޫގެ މިހާރުގެ ހާލަތާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ޑރ. ނަޒްލާ ވިދާޅުވީ ޕޮޒިޓިވް ކޭސްތަކާއި ގުޅިގެން ކޮންޓެކްޓުންގެ އަދަދު މިހާރު 202ށް އަރާފައިވާ ކަމަށެވެ. އަދި ކޮންޓެކްޓުންގެ ތެރެއިން ހައިރިސްކު 18 މީހަކު ފާހަގަކުރެވިފައި ވާކަމަށެވެ.
ޑރ. ނަޒްލާ ވިދާޅުވީ ހޯނޑެއްދޫގެ 6 އިންސައްތަ ގޭބިސީން ކޮވިޑް-19 ގެ ޕޮޒިޓިވް ކޭސްތައް ވަނީ ފެނިފަވާކަމަށެވެ. އަދި 19 ޕަސެންޓް ގޭބިސީން ކޮންޓެކްޓްވެފައިވާ މީހުން ދިރިއުޅެމުންދާ ގެކަމަށްވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.
1300 އެއްހާ މީހުން ދިރިއުޅޭ ހޯނޑެއްދޫގައި ބަލި ފެތުރުނު ގޮތް އަދިވެސް ދަނީ ތަހުގީގު ކުރަމުނެވެ. އެ ރަށް ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެވިފައެވެ.