ސިލްވަރ، ގޯލްޑް އަދި ޕްލެޓިނަމް ކާޑާއި އެކު 3 ކެޓެގެރީއަކުން ޕީޕީއެމްއިން މެމްބަރުންނަށް ލޯޔަލްޓީ ކާޑެއް ވިއްކަން ނިންމައިފިއެވެ.
މިކަން ހާމަކުރެއްވީ ޕީއެންސީގެ ރައީސް އަދި މިހާރު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ހިންގެވުމާއި ހަވާލުވެވަޑައިގެން ހުންނެވި އަބްދުއްރަހީމް އަބްދުﷲ އެވެ. ހުކުރު ދުވަހުގެ ހަވީރު ޕީޕީއެމް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން، އަބްދުއްރަހީމް ވިދާޅުވީ މި މަހުގެ ތެރޭގައި އެ ކާޑު އިފްތިތާހު ކުރާނެކަމަށާއި ބައްލަވައިގަންނަ ހުރިހާ ފަރާތްތަކަށް ގިނަ ފައިދާތަކެއް ކުރާނެކަމަށެވެ. އަދި އިފްތިތާހްކުރާ ދުވަހު އެ މައުލޫމާތު ހިއްސާކުރައްވާނެކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ލޯޔަލްޓީ ކާޑެއް ވިއްކުމުގެ މަގްސަދެއް ކަމަށް އަބްދުއްރަހީމް ވިދާޅުވީ ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުން ކަމަށެވެ. އެގޮތުން، ލޯޔަލްޓީ ކާޑު ބައްލަވައިގަންނަން ބޭނުންވާ އެތައް ބަޔަކު މިހާރުވެސް ތިބިކަން ފާހަގަކުރައްވައި އޭނާ އިތުރަށް ވިދާޅުވީ ގިނަ ރިކުއެސްޓްތަކެއް ލިބެމުންދާކަމަށެވެ. އަދި މިހާރު މެމްބަރުން ޝަކުވާ ކުރަމުންދަނީ ކާޑުތައް ވިއްކުމަށް ހަމަޖެހިފައި އޮތް އަގު ކުޑަވެގެންކަމަށާއި ބޮޑު އަގެއް ދީގެން ކާޑު ގަންނަން ބޭނުންވާ ފަރާތްތައް އެބަތިބި ކަމަށް އަބްދުއްރަހީމް ވަނީ ވިދާޅުވެފައެވެ.
އަބްދުއްރަހީމް ވިދާޅުވީ، ކުޑަ އަގުގެ ބަދަލުގައި ބޮޑު އަގުގައި ލޯޔަލްޓީ ކާޑެއް ގަތުމަށް ރައްޔިތުން ބޭނުންވާކަމުން އެނގިގެންދަނީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނަށް އޮތް އިތުބާރުކަމަށެވެ.
ޕީޕީއެމް ޕީއެންސީން ގެންދަނީ ގާނޫނާއި ހިލާފަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ސިޔާސީ ހަރަކާތްތައް ހިންގުމުން، އިލެކްޝަންސް ކޮމިޝަނުން ޖޫރިމަނާ ކުރުމާއި ގުޅިގެން ފަންޑު ފޮށި ބަހައްޓައި ފަންޑު ހޯދުމަށް މަސައްކަތް ކުރަމުންނެވެ. އަދި، ޕާޓީން އަންނަނީ ތަކުރާރުކޮށް އެޗްޕީއޭގެ އެންގުމާއި ހިލާފަށް އެއްވުންތައް ބާއްވާ މާލެ ހަލަބޮލިކުރުމަށް މަސައްކަތް ކުރަމުންނެވެ.