ގދ. ހޯނޑެއްދޫ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ 38 މީހުންގެ ތެރެއިން 8 މީހުންނަކީ ހައިރިސްކު މީހުން ކަމަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗްއީއޯސީ) ގެ ތަރުޖަމާނު ޑޮކްޓަރ ނަޒްލާ ރަފީޤް ވިދާޅުވެއްޖެ އެވެ.
ހޮނިހިރު ދުވަހުގެ ރޭ އެސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޯނޑެއްދޫގެ މިހާރުގެ ހާލަތާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ޑރ.ނަޒްލާ ވިދާޅުވީ ޕޮޒިޓިވް ކޭސްތަކާއި ގުޅިގެން ކޮންޓެކްޓުންގެ އަދަދު މިހާރު 202ށް އަރާފައިވާ ކަމަށެވެ. އަދި ކޮންޓެކްޓުންގެ ތެރެއިން ހައިރިސްކު މީހުންގެ ގޮތުގައި 18 މީހަކު ފާހަގަކުރެވިފައިވާ ކަަމަށެވެ.
މީގެއިތުރުން ޑރ. ނަޒްލާ ވިދާޅުވީ ހޯނޑެއްދޫގެ 6 އިންސައްތަ ގޭބެސީން ޕޮޒިޓިވް ކޭސްތައް ފެނިފައިވާއިރު 19 އިންސައްތަ ގޭބިސީގައި ކޮންޓެކްޓުން އުޅެމުންދާ ކަމަށެވެ.
އަދި ފާއިތުވި ދެ ދުވަހު 11 ސާމްޕަލެއް ނަގާފައިވާ ކަމަށް ޑރ ނަޒްލާ ވިދާޅުވިއެވެ.
އެންމެ ފުރަތަމަ ކޮންޓެކްޓް ވި 5 މީހެއްގެ ރިލީސް ސާމްޕަލް އަދި އަލާމަތް ހުރެގެން އިތުރު 6 މީހެއްގެ ސާމްޕަލް ނަގާފައިވާނެ. އެކަކުގެ ސާމްޕަލްގެ ނަތީޖާ ލިބިފައިވަނީ. އެމީހާގެ ނަތީޖާ ނެގެޓިވް. ވަރަށް އަވަހަށް އިތުރު ސާމްޕަލް ތަކުގެ ނަތީޖާ ލިބޭނެ.އެޗްއީއޯސީ ގެ ތަރުޖަމާނު ޑޮކްޓަރ ނަޒްލާ ރަފީޤް
މީގެއިތުރުން ޑރ. ނަޒްލާ ވިދާޅުވީ ހޯނޑެއްދޫގައި ކޮމިޔުނިޓީ ސްޕްރެޑެއް އޮތްކަމަށް މިހާތަނަށް ބެލިބެލިމުން ފާހަގަކުރެވިފައި ނުވާކަމަށެވެ.
ވަރަށް ގިނަ ސާމްޕަލް ނެގިއްޖެ އެކި ގޮތްގޮތަށް. ރޭންޑަމް ސާމްޕަލްވެސް ނެގިއްޖެ. ކޮންޓެކްޓުންގެ ސާމްޕަލްވެސް ނެގިއްޖެ. ނެގިއިރު މިހާތަނަށް ޕޮޒިޓިވްފެފައި ތިބީ ޕޮޒިޓިވްވި މީހުންނާއި ގުޅުންހުރި އެ ޓްރާންސްމިޝަން ޗެއިންގެ ތެރެއިން ޕޮޒިޓިވްވަމުން ދިޔަ މީހުން. އެއްވެސް ގޮތަކަށް ގުޅުމެއް ނެތް ބައިވަރު މީހުން ފެނިއްޖިއްޔާ ކޮމިޔުނިޓީ ޓްރާންސްމިޝަން ކަމަށް މިބަލަނީ. އެހެންނަމަވެސް އެކްލަސްޓަރ ތެރޭގައި ބަލި ފެތުރިފައިވާކަމަށް ބެލެވިފައިވަނީ. ސިންގަލް މީހެއްގެ ފުށުން ބަލި ފެތުރިފައިވަނީއެޗްއީއޯސީ ގެ ތަރުޖަމާނު ޑޮކްޓަރ ނަޒްލާ ރަފީޤް
ހޯނޑެއްދޫއިން އެންމެ ފުރަތަމަ ކޮވިޑް-19 އަށް މީހުން ޕޮޒިޓިވްވެގެން ރިޕޯޓް ކޮށްފައިވަނީ މި މަހުގެ ތިން ވަނަ ދުވަހު އެވެ. އެ ދުވަހު ޕޮޒިޓިވް ވެފައިވަނީ ކަރަންޓީނުގައި ތިބި ހަތަރު މީހެކެވެ. އަދި ހަމަ އެ ދުވަހު އެމީހުންނާ ލިންކެއް ނެތް ދެ މީހެއްގެ ގައިން އަލާމާތްތައް ފެނިގެން އިތުރު ދެމީހެއްގެ ގައިން ނެގުނު ސާމްޕަލްތައް ވަނީ ޕޮޒިޓިވްވެފައެވެ. އެ ދެ ކޭސްއާ ގުޅުން ހުރި 19 ކޭސް އެއް އޭގެ ފަހުން ސެޕްޓެމްބަރު ފަސް ވަނަ ދުވަހު ވެސް ވަނީ ފެނިފައެވެ. އޭގެފަހުން ތިން މީހަކު ޕޮޒިޓިވްވެފައިވަނީ ސެޕްޓެމްބަރ މަހުގެ 11 ވަނަ ދުވަހު އެވެ.
ހޯނޑެއްދޫން ޕޮޒިޓިވް ކޭސްތައް ފެނުމާއެކު އެ ރަށާއި ކޯސްވޭއަކުން ގުޅިފައިވާ މަޑަވެލި ވެސް ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ.