ބ. ކިހާދޫގައި ޔޫތު މިނިސްޓްރީގެ ފަރާތުން ގާއިމުކުރި ކުޑަކުދިންގެ ޕާކު ހުޅުވައިފިއެވެ.
ޔޫތު މިނިސްޓްރީއާއި ކިހާދޫ ކައުންސިލްގެ ބައިވެރިވުމާއެކު ހަދާފައިވާ މި ޕާކު ހުޅުވާފައިވަނީ ހުކުރު ދުވަހު ހަވީރުއެވެ.
ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން ކިހާދޫ ކައުންސިލްގެ ނައިބު ރައީސް މުހައްމަދު ޝަރީފް ވިދާޅުވީ، މި މަސައްކަތަކީ މީގެ ތިން އަހަރު ކުރިން ރަށު ކައުންސިލާއި އެރަށުގެ ޖަމިއްޔާއެއްގެ އިސްނެގުމުގެ މަތިން ފެށި މަޝްރޫއެއް ކަމަށެވެ. އަދި މި މަޝްރޫއަށް ޔޫތު މިނިސްޓްރީގެ ފުރިހަމަ އެއްބާރުލުން ލިބިފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.
"ޔޫތު މިނިސްޓްރާ މަޝްވަރާކޮށްގެ އަޅުގަނޑުމެންނަށް ވަނީ ޕްލޭ ހައުސް އެއް ދެއްވާފަ. މީގެ އިތުރުން ރަށާއި ކައިރީގައި ހުރި ބައެއް ރިސޯޓުތަކުންނާއި ބީއެމްއެލްގެ ވެސް ވަރަށް ބޮޑު އެހީތެރިކަމެއް ލިބުނު މި މަސައްކަތަށް. ވަރަށް ހިތް ފަސޭހަ އެހާމެ އަރާމު ސަރަހައްދެއްގައި ޕާކު ހެދިފައިމިވަނީ. މިތަނުގައި ކުޑަކުދިންގެ އިތުރުން ބޮޑެތި މީހުންނަށްވެސް ރޭގަނޑުގެ ހިތްފަސޭހަ ވަގުތު އަރާމުކޮށްލަން ތިބެވޭނެ. ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުމަށް ހަމަ ވަރަށް ބޮޑަށް ޝުކުރު ދަންނަވަން."ކިހާދޫ ކައުންސިލްގެ ނައިބު ރައީސް މުހައްމަދު ޝަރީފް
ޝަރީފް ވިދާޅުވީ، ރަށްރަށުގައި ހިންގާ މިފަދަ މަޝްރޫއުތަކަށް ސަރުކާރުން ދެއްވާ އެއްބާރުލުން ފާހަގަކުރާ ކަމަށާއި އަދި ކުރިއަށް އޮތް ތަނުގައި މިހާރަށްވުރެން ރަނގަޅަށް އެއްބާރުލުން ދެއްވާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.
ކިހާދޫ ކުޑަކުދިންގެ ޕާކު ހުޅުވުމާއި ގުޅިގެން މިނިސްޓަރ އަހުމަދު މަހުލޫފު ވަނީ އެ މަސައްކަތުގައި އެރަށުގެ ރައްޔިތުންނާއި ކައުންސިލުގެ ފަރާތުން ލިބުނު އެއްބާރުލުމަށް ޝުކުރު އަދާކުރައްވާފައެވެ.
ޔޫތު މިނިސްޓްރީ އަންނަނީ ރާއްޖޭގެ ގިނަ ރަށްތަކެއްގައި ކުޑަކުދިން ކުޅޭނެ ހިތްފަސޭހަ ޕާކުތަކާއި ޒުވާނުންނަށް ހާއްސަކޮށް ފުޓްސަލް އަދި ފުޓުބޯޅަ ކުޅޭނެ ދަނޑުތައް ތަރައްގީ ކުރަމުންނެވެ. އެގޮތުން މިހާރުވެސް ގިނަ ރަށްތަކެއްގައި ވަނީ މިފަދަ މަޝްރޫއުތައް ހިންގާފައެވެ.