ކޮވިޑް-19 އަށް އިތުރު 90 މީހަކު ޕޮޒިޓިވްވެ، 281 މީހަކު ބަލިން ފަސޭހަ ވެއްޖެއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ހުކުރު ދުވަހުގެ އިރުއޮއްސި 6:00 ގެ ނިޔަލަށް ޕޮޒިޓިވްވި 90 މީހުންގެ ތެރެއިން 58 މީހުންނަކީ ދިވެހިން ކަމަށާއި، 32 މީހުންނަކީ އެހެން ގައުމުތަކަށް ނިސްބަވްތާ މީހުން ކަމަށެވެ. އަދި 78 ކޭސް ރިޕޯޓު ކޮށްފައިވަނީ މާލެ ސަރަހައްދުން ކަމަށާއި، 12 ކޭސް ރިޕޯޓު ކުރެވިފައިވަނީ އަތޮޅު ތެރެއިން ކަމަށް އެޗްޕީއޭ އިން ބުނެއެވެ.
އެޗްޕީއޭ އިން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މިހާތަނަށް ރާއްޖޭގައި ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 8990ށް އަރާފައެވެ. ރާއްޖޭގައި ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 6846ށް އަރާފައެވެ. އަދި މިވަގުތު އެކްޓިވް ކޭސްގެ ގޮތުގައި ރިޕޯޓް ކޮށްފައިވަނީ 2107 ކޭސް އެވެ.
މީގެ އިތުރުން 951 މީހަކަށް އައިސޮލޭޝަން ފެސިލިޓީތަކުގައި ފަރުވާ ދެމުންދާއިރު، 120 މީހަކަށް ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ ކަަމަށް އެޗްޕީއޭ އިން ބުނެއެވެ.
127،961 ސާމްޕަލްއެއް މިހާތަނަށް ނަގާފައިވާއިރު، މި ބަލީގައި ރާއްޖެއިން މިހާތަނަށް 31 މީހަކު ވަނީ މަރުވެފައެވެ. މަރުވި މީހުންގެ ތެރޭގައި ގިނައީ އުމުރުން ދުވަސްވީ މީހުންނެވެ.
އެޗްޕީއޭގެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ކޭސްތަކުގެ ޕީކް އަންނާނެ ދުވަސްވަރަކީ ނިމިދިޔަ އޮގަސްޓް މަހުގެ ފަހުކޮޅާއި މި ހިނގާ ސެޕްޓެމްބަރު މަހުގެ ފުރަތަމަ ހަފުތާތަކެވެ. މިހާރު 100ށްވުރެ ކޭސްތައް ރިޕޯޓު ކުރާ މިންވަރު ދަށްވި ނަމަވެސް ބަލީގެ ނުރައްކާ ކުޑަ ނުވާ ކަމަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)ގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވިދާޅުވެފައިވެއެވެ.
އެގޮތުން ރައްކާތެރި ކަމަށް އަޅާފައިވާ ފިޔަވަޅުތަކަށް ފަރުވާ ކުޑަ ނުކުރުމަށް ޑރ. ނަޒްލާ އިލްތިމާސް ކޮށްފައިވެއެވެ.
ކޮވިޑް ކޭސްތައް ކޮންޓްރޯލް ކުރުމުގެ ގޮތުން އަޅާފައިވާ ބައެއް ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކޮށްފައިވާއިރު، އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ވަނީ އަންނަ މަހުގެ 6 ވަނަ ދުވަހާ ހަމައަށް އިތުރު ކޮށްފައެވެ. އަދި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި މާލެ ސިޓީގައި ފަސް މީހުންނަށް ވުރެ ގިނަ މީހުން އެއްވުން ވެސް ވަނީ މަނާކޮށްފައެވެ.