ހަތް ރަށަކުން ކޮވިޑް-19ގެ ކޭސްތައް ހުކުރު ދުވަހު ފެނިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނެފި އެވެ.
ކޮވިޑް-19ގެ ޕޮޒިޓިވް ކޭސްތައް ފެނިފައިވަނީ، ހއ ދިއްދޫ އާއި އެއަތޮޅު ކެލާގެ އިތުރުން ތ ވޭމަންޑޫ އާއި، ނ މަނަދު އާއި، ޅ ނައިފަރާއި ރ ދުވާފަރުގެ އިތުރުން ގދ ހޯޑެއްދޫއިންނެވެ.
ހއ ދިއްދޫއިން ޕޮޒިޓިވްވީ ޢުމުރުން 22 އަހަރުގެ ދިވެހި އަންހެނެކެވެ. އަދި ކެލާއިން ޕޮޒިޓިވްވީ 57 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެމީހުން ކޮވިޑް-19އަށް ޕޮޒިޓިވްވިކަން އެނގުނީ ހޯމް ކަރަންޓީން ފުރިހަމަ ކުރުމަށްފަހު ދޫކޮށްލުމުގެ ކުރިން ނެގި ސާމްޕަލް ޕޮޒިޓިވްވުމުންނެވެ.
މީގެއިތުރުން ތ ވޭމަންޑޫއިން ވަނީ 54 އަހަރުގެ ދިވެހި އަންހެނަކު ވައިރަސް އަށް ޕޮޒިޓިވެފައެވެ. ނ މަނަދޫއިން ދިވެހި ފިރިހެނަކު ޕޮޒިޓިވްވުމާއި ގުޅިގެން އެރަށް ވަނީ މޮނިޓަރިންގ ގެ ހާލަތަށް ގެނެސްފައެވެ.
ޅ. ނައިފަރުން ބަންގްލަދޭޝް އަށް ނިސްބަތްވާ ފިރިހެނަކު ޕޮޒިޓިވްވެފައިވާއިރު ރ ދުވާފަރުން ޕޮޒިޓިވްވެފައިވަނީ 23 އަހަރުގެ އަންހެނެކެވެ. އަދި ގދ ހޯނޑެއްދޫއިން ވަނީ 18 އަހަރުގެ ފިރިހެނަކާއި އޭނާ އާ ދިމާވި ދެ މީހުންނެވެ.
ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު 8990ށް ވަނީ އަރާފައެވެ.