ސިޔާސީ ޕާޓީތަކުގެ ގާނޫނުތަކުގެ އިލެކްޝަން ކޮމިޝަން (އީސީ) އިން ގެންނަން ބޭނުންވާ އިސްލާހު މި މަހުގެ ތެރޭގައި ބަންޑާރަ ނައިބްގެ އޮފީހަށް ހިއްސާ ކުރައްވާނެ ކަމަށް އިސީގެ ނައިބު ރައީސް އަހުމަދު އަކްރަމް ވިދާޅުވެއްޖެ އެވެ.
ހުކުރު ދުވަހު ''ރާއްޖެ.އެމްވީ'' އަށް ދެއްވި އިންޓަވިއުއެއްގައި އީސީގެ ނައިބު ރައީސް އަކްރަމް ވިދާޅުވީ، ސިޔާސީ ޕާޓީތަކަށް ގެންނަން ބޭނުންވާ އިސްލާހުގެ ޑްރާފްޓް އެކުލަވާލުމުގައި އެންމެ ބޮޑަށް އިސްކަން ދެއްވާފައިވާނީ މިހާރު އެކުލަވާލާފައިވާ ގާނޫނުގައި ފާހަގަކުރެވިފައި ހުރި ކަންތައްތަަކަށް ކަމަށެވެ. އަކްރަމް ވިދާޅުވި ގޮތުގައި މިހާރު ކުރެވެމުންދަނީ ޑްރާފްޓް އެކުލަވާލުމުގެ އެންމެ ފަހުގެ މަސައްކަތެވެ. އިސީން ބުނީ، ޑްރާފްޓު ހުށައެޅުމުގެ ކުރިން ސިޔާސީ ޕާޓީތަކާއި އެކު ބައްދަލުވުމެއް ބާއްވާނެ ކަމަށެވެ.
އިރާދު ކުރެއްވިއްޔާ އަޅުގަނޑުމެންގެ ލީގަލް ސެކްޝަނާއި އަޅުގަނޑުމެންގެ ލީގަލް ފާމް މެދުވެރިކޮށް ޑްރާފްޓް އެއްކޮށް ފައިނަލް ކޮށްލެވުމާއި އެކުގައި ކުރިޔަށް އޮތް ހަފްތާގެ ތެރޭގައި އަޅުގަނޑުމެން ބަންޑާރަނައިބްއާ އެކު ބައްދަލުވުމެއް ބާއްވާ އެ މަޝްވަރާތަކުގެ އަލީގައި އެ ޑްރާފްޓްތައް ބަންޑާރަ ނައިބާ ހިއްސާ ކުރާނަން.އަހުމަދު އަކްރަމް - އިލެކްޝަން ކޮމިޝަންގެ ނައިބް ރައީސް
އީސީގެ ނައިބު ރައީސް ވިދާޅުވީ، ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ހުށައަޅާ އިސްލާހުތައް، މިހާރު އަމަލު ކުރަމުންދާ ގާނޫނުގެ 70 އިންސައްތަ ތަފާތުވާނެ ކަަމަށެވެ.
އަކްރަމް ވިދާޅުވީ، އެ އިސްލާހުތަށް ފާސްވެގެން ދިޔުމުން ސިޔާސީ ޕާޓީތަކަށް ރެގިއުލޭޓް ކުރަން އީސީ އަށް ފަސޭހަ ވެގެންދާނެ ކަަށެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެންނަން ހުށައަޅާފައިވާ އިސްލާހުތަކުގެ ތެރޭގައި، ސިޔާސީ ޕާޓިތަކުގެ މައި ދަފްތަރަކީ އީސީން ބަލަހައްޓާ ދަފްތަރު ކަމަށް ހަމަޖެއްސުމާއި، ޕާޓީތަކުގެ ކޮމިޓީ އަދި ކައުންސިލްގެ މަގާމުތަކުގައި މަދުވެގެން 33 އިންސައްތަ އަންހެނުންނަށް ހާއްސަ ކުރުން ހިމެނެއެވެ.
އަދި ސިޔާސީ ޕާޓީތަކުގެ އަހަރީ ރިޕޯޓާއި އޮޑިޓް ރިޕޯޓް ފެބްރުއަރީ 28 ގެ ކުރިން ހުށައަޅަން ޖެހޭ ގޮތަށާއި، ސިޔާސީ ޕާޓީތަކަށް 31 މާރޗްގެ ކުރިން ފައިސާ ދޫކުރުން ހިމެނެއެވެ. ސިޔާސީ ޕާޓީ ހިންގުމަށް ދައުލަތުގެ ބަޖެޓުން ދޭ ފައިސާ އަކީ ދައުލަތުގެ އާމްދަނީގެ 0.1 ޕަސެންޓް ކަމަށް ވެސް ގާނޫނަށް ހުށައަޅާ އިސްލާހުތަކުގެ ތެރޭގައި ހިމެނެއެވެ. އެންމެ މުހިއްމު އެއް އިސްލާހަކީ ގާނޫނާ ހިލާފުވާ ޕާޓީތައް ވަކި މުއްދަތަކަށް ސަސްޕެންޑް ކުރެވޭ ގޮތަށް ހުށައަޅާ އިސްލާހެވެ.