ރައްޔިތުންގެ މަޖިލީހުގެ ދ، މީދޫ ދާއިރާގެ މެމްބަރު އަދި އެމްޑީއޭގެ ލީޑަރު މަޝްހޫރު ވިޔަފާރިވެރިޔާ އަހުމަދު ސިޔާމް މުހައްމަދުގެ، ސަން ޓްރެވަލްސް ކުންފުނީގެ ބޭންކް އެކައުންޓްތައް ފްރީޒްކުރަން ސިވިލް ކޯޓުން އަމުރުކޮށްފި އެވެ.
ސިވިލް ކޯޓުން މިއަމުރު ނެރެފައިވަނީ މިދިޔަ އާދިއްތަ ދުވަހު އެވެ. މިއަމުރަކީ ސިވިލް ކޯޓުގެ ހުކުމް ތަންފީޒު ޑިވިޝަނުން ނެރެފައިވާ އަމުރެކެވެ. އެ އަމުރު ނެރުނީ ސަން ޓްރެވަލްސްއާ ދެކޮޅަށް ހިލްޓަން އިންޓަނޭޝަނަލް ކުންފުނިިން ހުށަހަޅާފައިވާ ހުކުމް ތަންފީޒު ކުރުމުގެ މައްސަލައަކާ ގުޅިގެން ނެރުނު އަމުރެއްކަމަށް އެކޯޓުން ބުނެއެވެ. ސަން ޓްރެވަލްސްގެ ބޭންކު އެކައުންޓްތައް ފްރީޒް ކުރުމާއެކު އެކައުންޓްތަކުގެ ތަފްސީލުތައް ސިވިލް ކޯޓަށް ފޮނުވަން ވެސް އަމުރުކޮށްފައި ވެއެވެ.
މިމައްސަލައަކީ، ނ. އިރުފުށި ރިސޯޓް ހިންގުމުގެ އެއްބަސްވުން ސަން ޓްރެވަލްސް އިން ބާތިލްކުރި މައްސަލާގައި ހިލްޓަނަށް 24 މިލިއަން ޑޮލަރުގެ ބަދަލެއް ދޭން ސިންގަޕޫރު އާބިޓްރޭޝަނުން އަންގާފައިވީ ނަމަވެސް އާބިޓްރޭޝަނުގެ އެނިންމުމާ އެއްގޮތަކަށް ސަން ޓްރެވަލްސްއިން ފައިސާ ދައްކަމުން ނުދާތީ، ހުކުމް ތަންފީޒު ކުރުމަށް ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލަ އެކެވެ.
އިރުފުށި ރިސޯޓް ހިންގަން ހިލްޓަންއާއެކު ހެދި އެއްބަސްވުން ސަން ޓްރެވަލްސް އިން ބާތިލްކޮށްފައިވަނީ 2013 ވަނަ އަހަރުއެވެ. އިރުފުށީގެ ކޮންޓްރެކްޓް ސަން ޓްރެވަލް އިން ބާތިލްކޮށް 221 އެނދުގެ އެ ރިސޯޓް ހިންގަމުން އަންނަނީ އެ ކުންފުނިން އަމިއްލައަށް، "ސަން ސިޔާމް" ބްރޭންޑްގެ ރިސޯޓެއްގެ ގޮތުގައެވެ.
ދުނިޔޭގައި ބްރޭޑް ނޭމެއްގެ ގޮތުގައި މަޝްހޫރު "ހިލްޓަން" އަކީ ފުޅާދާއިރާއެއްގައި ދުނިޔޭގެ ގިނަ ގައުމުތަކުގެ ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ކުންފުންޏެކެވެ.
ސަން އިން ރާއްޖޭގައި ހަތަރު ރިސޯޓު ހިންގައެވެ. އެ ކުންފުނީގެ ރިސޯޓު ވިޔަފާރި މިހާރު ވަނީ "ސަން ސިޔާމް"ގެ ނަމަށް 2014 ވަނަ އަހަރުގެ ފެބްރުއަރީގައި ބަދަލުކޮށްފައެވެ.
ސިންގަޕޫރު އާބިޓްރޭޝަނުން ސަން ޓްރެވަލްސްގެ މައްޗަށް 24 މިލިއަން ޑޮލަރު، ހިލްޓަނަށް ދެއްކުމަށް އަންގާފައި ވަނިކޮށް، 2017 ވަނަ އަހަރު ސިވިލް ކޯޓުން ވަނީ ސަން ޓްރެވަލްސްއަށް 16 މިލިއަން ޑޮލަރުގެ ބަދަލެއް ދޭން ހިލްޓަންގެ މައްޗަށް ހުކުމްކޮށްފަ އެވެ. ނަމަވެސް އެ ހުކުމް ހައި ކޯޓުން ދާދިފަހުން ވަނީ ބާތިލްކޮށްފަ އެވެ.