ކޮންޓްރެކްޓަރ ފައިނޭންސްގެ ދަށުން ހދ.ކުޅުދުއްފުއްޓާއި ގދ.ތިނަދޫގައި ޓާޝިއަރީ ހޮސްޕިޓަލެއް ޢިމާރާތްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފިއެވެ.
މި ދެ ހޮސްޕިޓަލަކީ އަލަށް ތަރައްގީކުރެވޭ ޓާޝިއަރީ ފެންވަރުގެ ދެ ހޮސްޕިޓަލެވެ. ރާއްޖޭގެ ފަސް ސަރަހައްދެއްގައި ޓާޝިއަރީ ހޮސްޕިޓަލް ތަރައްގީ ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ.
ފިނޭންސް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މިނިސްޓްރީ އޮފް ހެލްތުގެ އެދުމުގެ މަތިން، ދެ ޓާޝިއަރީ ހޮސްޕިޓަލުގެ މަސައްކަތް ކުރުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލާ ކަމަށެވެ. ކުޅުދުއްފުށި އަދި ތިނަދޫ ޓާޝިއަރީ ހޮސްޕިޓަލުގެ ބިޑް ސެކިއުރިޓީއެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ހޮސްޕިޓަލަކަށް 2.3 މިލިއަން ރުފިޔާއެވެ.
ފިނޭންސް މިނިސްޓްރީން ބުނީ މި މަސައްކަތަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އައިސީބީ) އުސޫލުގެ މަތިން ކަމަށެވެ. އަދި މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ، ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެ ކަމަށެވެ.
ބީލަމުގައި ބައިވެރިވުމަށް 1500 ރުފިޔާ ނުވަތަ 100 ޑޮލަރުގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހެއެވެ. ފައިސާ ބަލައިގަންނާނީ އާދީއްތަ ދުވަހުން ފެށިގެން ގޮސް މި މަހުގެ 21 ވަނަ ދުވަހަށް މިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް - ބަނޑޭރި މެދުވެރިކޮށް ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ. އަދި ފައިސާ ދެއްކުމަށްފަހު، ބީލަމަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތުގެ ނަމާއި އެޑްރެސް، ގުޅޭނެ ނަންބަރާއި އީ-މެއިލް އެޑްރެސް އަދި ފައިސާ ދެއްކި ރަސީދުގެ ކޮޕީ ފިނޭންސް މިނިސްޓްރީއަށް ފޮނުވަން ޖެހެއެވެ.
މި މަސައްކަތުގެ ބީލަން ހުޅުވުން އޮންނާނީ 22 އޮކްޓޫބަރު 2020 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި މިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.