އެހެން އެއްވެސް ގައުމެއްގެ އަސްކަރީ ހަރަކާތެއް ރާއްޖޭގައި ނެތް ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އާދިއްތަ ދުވަހު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވމުމުގައި ވާހަކަ ދައްކަވަމުން ޝަމާލް ވިދާޅުވީ، އެހެން އެއްވެސް ގައުމެއްގެ ހަނގުރާމަވެރި، ހަތިޔާރު އަޅައިގެން ތިބޭ ސިފައިންގެ ފައުޖެއް ރާއްޖޭގައި ނެތް ކަމަށެވެ.
އެހެން ނަަމަވެސް އިންސާނީ ހިދުމަތްތަކެއް ދިނުމުގެ ގޮތުން އެހެން ގައުމުތަކުގެ އަސްކަރީ ޓެކްނިޝަނުންގެ އެހީތެރިކަން ރާއްޖެއިން އަބަދުވެސް ހޯދަމުން އަންނަ ކަމަށް ޝަމާލް ފާހަގަކުރެއްވިއެވެ. މިއީ މިއަދު ނުވަތަ އިއްޔެ އެމްއެންޑީއެފް އިން ކުރަން ފެށި ކަމެއް ނޫން ކަމަށާއި މިއީ ހަމަ އެންމެ ކުރީއްސުރެވެސް ކުރަމުން އަންނަ ކަމެއް ކަމަށް ފާހަގަކުރައްވާ ޝަމާލް ވަނީ ބޭރު ގައުމުތަކާއި ގުޅިގެން ވަރަށް ގިނަ ހަރަކާތްތައް ގެންދެވޭ ކަމަށް ފާހަގަކުރައްވާފައެވެ. އެގޮތުން، އެކި ގައުމުތަކާއި އެކު ގިނަ ތަމްރީނު ޕްރޮގްރާމްތައް އެމްއެންޑީއެފް އިން ކުރިއަށް ގެންދާ ކަމަށް ފާހަގަކުރެއްވިއެވެ.
ޝަމާލް ވަނީ، ރާއްޖެ ފަދަ ކުޑަ ގައުމަކަށް ދިފާއީ ފުރަތަމަ ރޮނގު އަޅާލެވޭނީ ޑިޕްލޮމަސީގެ ތެރެއިން ކަމަށާއި ގައުމުތަކާއި އެގައުމުތަކުގެ އަސްކަރިއްޔާ އާއި ގުޅިގެން މަސައްކަތްކުރުމަކީ މުހިންމުކަމެއް ކަމަށްވެސް ފާހަގަކުރައްވާފައެވެ.