ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ހުސައިން މުހައްމަދުގެ ހަނދާނުގައި ހުޅުވާފައިވާ ތަޢުޒިޔާގެ ދަފުތަރުގައި ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ސޮއިކުރައްވައިފިއެވެ.
މެންބަރު ހުސެއިންގެ ހަނދާނުގައި ތައުޒިޔާގެ ދަފްތަރެއް ހުޅުވާލިކަން ހާމަކުރެއްވީ އާދީއްތަ ދުވަހުގެ ޖަލްސާގައި ރިޔާސަތުގައި އިންނެވި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އެވެ. އީވާ ވިދާޅުވި ގޮތުގައި މި ހަފްތާ ނިމެންދެން ދަފްތަރު ހުޅުވާލެވިފައި އޮންނާނެ ކަމަށާއި މި ދަފްތަރުގައި މެމްބަރު ހުސެއިން އާއި އެކު މަސައްކަތްކުރެއްވި ކުރީގެ މަޖިލިސް މެމްބަރުންނާއި އާއްމު ރައްޔިތުންނަށް ވެސް ލިޔުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
އާދީއްތަ ދުވަހުގެ ވަގުތެއްގައި ރައީސް ސޯލިހު ވަނީ މަޖިލީހުގެ އިދާރާއަށް ވަޑައިގެން މި ދަފްތަރުގައި ތައުޒިޔާގެ މެސެޖެއް ލިޔުއްވައި ސޮއިކުރައްވާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެންބަރުކަން ކުރެއްވި ހުސެއިން އަވަހާރަވީ ބުރާސްފަތި ދުވަހުގެ ރޭގެ ދަންވަރުގެ ވަގުތެއްގައި ހުޅުމާލޭގައި ހުންނަ ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.
އަލްމަރުހޫމް ހުސައިން މުހައްމަދު ވަނީ، ރައްޔިތުންގެ މަޖިލީހުގެ އަރިއަތޮޅު އުތުރުބުރީގެ މެމްބަރުކަން 2005 ވަނަ އަހަރުން ފެށިގެން، 2009 އަހަރަށް ކުރައްވާފަ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރުކަން، 2009 އިން ފެށިގެން 2019 އަށް ކުރައްވާފައިވާއިރު އެއީ ނިމިދިއަ 18 ވަނަ ރައްޔިތުންގެ މަޖިލީހާއި އޭގެ ކުރިން އޮތް 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ކަމެވެ.
މީގެއިތުރުން، މިހާރު އަމަލު ކުރަމުންދާ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ އައު ގާނޫނުއަސާސީ އެކުލަވާލުމަށް އިންތިހާބުކުރި ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މެމްބަރުކަން ވެސް ކުރެއްވި އެވެ.
ހުސައިން މުހައްމަދުއަކީ، ދިވެހިރާއްޖެއަށް ޑިމޮކްރަސީ ގެނައުމަށްޓަކައި ހިންގި އިސްލާހީ ހަރަކާތުގައި ވެސް މުހިއްމު ބައިވެރި އެކެވެ. ހާއްސަކޮށް، ނިމިދިޔަ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އޭރު ހިނގަމުންދިޔަ 18 ވަނަ މަޖިލީހުގައި ތަޅުއަޅުވައި، ދިވެހި ސިފައިން ބޭނުންކޮށް، މަޖިލިސް ހިސޯރުކޮށް، ރާއްޖޭގެ ބަރުލަނީ ހަޔާތުގައި ދުވަހަކު ވެސް ދެކެފައިނުވާ އެ އަނދިރި ދުވަސްތަކުގައި އޭރުގެ ސަރުކާރުން ހިންގި ލާއިންސާނީ އަދި އަނިޔާވެރި އަމަލުތަކާ ދެކޮޅަށް ތެދުވެވަޑައިގެން ބަސްފުޅު ވިދާޅުވި ބޭފުޅެކެވެ.