ހއ އަތޮޅުން ފެށިގެން ތ. އަތޮޅަށް ޔެލޯ އެލަރޓް ނެރެފި އެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ އާދިއްތަ ދުވަހުގެ މެންދުރު 1ން ފެށިގެން ހަވީރު 5 ޖެހުމާ ހަމައަށް އެސަރަހައްދަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭތީ އެސަރަހައްދަށް ޔެލޯ އެލަރޓް ނެރޭކަަމަށެވެ.
އެގޮތުން ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދު ބާރު މިނުގައި ވައިޖެހޭނެކަމަށް ލަފާކުރެވޭ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މީގެއިތުރުން މެޓް އޮފީހުން ވަނީ ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ނެރެފައިވާ ވައިޓް އެލަރޓްގެ ގަޑި ހަވީރު 4އާ ހަމައަށް އިތުރުކޮށްފަ އެވެ. ކުރިން އެލަރޓް ނެރެފައިވަނީ އާދީއްތަ ދުވަހުގެ 08:00 ން 12:00 އަށެވެ.
ކުރިއަށް އޮތް 24 ގަޑިއިރަށް މޫސުން ލަފާކުރާ ގޮތަށް ބަލާއިރު، މެޓް އޮފީހުން ބުނީ ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެ އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މެޓް އޮފީހުން ބުނީ ހުޅަނގުދެކުނާއި ހުޅަނގުން، ގަޑިއަކު 17 މޭލާއި 27 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 55 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެން ވާ ކަމަށެވެ.
މީގެ އިތުރުން މެޓް އޮފީހުން ބުނީ ކަނޑުތައް އާދައިގެ ވަރަކަށް ގަދަ ވާނެ ކަމަށެވެ.
ބޯކޮށް ވާރޭވެހި ވިލާގަނޑުގައި ވައިގަދަ ވާނެކަމަށް ލަފާކުރެވޭތީ އާއްމުކޮށް ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.