ކޮވިޑް-19 އާއި ގުޅިގެން ރާއްޖެ ނާދެވި އިންޑިއާ އަދި ސްރީލަންކާގައި ތާށިވެފައި ތިބި ދިވެހިންގެ ތެރެއިން ރާއްޖެ އެނބުރި އައުމަށް ޓިކެޓް ނަގާފައިވާ ތާރީޚުގެ ކުރީ ދުވަސްތަކަށް 3 ފަރާތަކަށް ފައިސާ ދީފައިވަނި އިދާރީ މައްސަލައަކުން ކަމަށާއި، އެ މައްސަލަ އޮޑިޓްގައި ފާހަގަކޮށްފައިވާ ގޮތަށް ހައްލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އާސަންދަ ކުންފުނިން ބުނެފިއެވެ.
ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އަދި އާސަންދަ ކުންފުނިން ކުރި ހަރަދުތަކުގެ ކޮމްޕްލަޔަންސް އޮޓިޑް ރިޕޯޓުގައި ބުނެފައިވަނީ އާސަންދަ ކުންފުނިން ފައިސާގެ އެހީ ދީފައިވާ ފަރާތްތަކުގެ ތެރެއިން ބައެއް ފަރާތްތަކަށް، ރާއްޖެ އެނބުރި އައުމަށް ޓިކެޓް ނަގާފައިވާ ތާރީޚުގެ ކުރިއަށް ފައިސާގެ އެހީ ދީފައިވާ ކަމަށެވެ. މިގޮތުން އޮޑިޓުގައި ސާމްޕަލް އުސޫލުން ބެލި ބެލުމުން، 30 ޖޫން 2020 ގެ ނިޔަލަށް 3 ފަރާތަކަށް ޖުމުލަ 116،807 (އެއްލައްކަ ސޯޅަހާސް އަށްސަތޭކަ ހަތެއް) ރުފިޔާ އިތުރަށް ދީފައިވެއެވެ. މިކަމުގެ ސަބަބުން، ދައުލަތުން ކުރަން ނުޖެހޭ ޚަރަދެއް ކުރެވިފައިވާކަން އޮޑިޓް ރިޕޯޓުގައި ފާހަގަ ކޮށްފައިވެއެވެ.
ފައިސާ ދީފައިވާ ގޮތަށް ބަލާއިރު، މި ތިން މީހުންގެ ރިޓާން ޓިކެޓުގައި ވާ ތާރީހަކީ 22 މެއި އެވެ. ނަމަވެސް ފައިސާ އެހީ ދޭން ފަށާފައިވަނީ 22 މާޗް އިން ފެށިގެންނެވެ. އުސޫލުގައިވާ ގޮތުން މި ތިން މީހުންގެ ތެރެއިން ފުރަތަމަ މީހާ އަށް ދޭން ޖެހޭނީ 11565 ރުފިޔާއެވެ. ދެވަނަ އަދި ތިންވަނަ މީހާއަށް ދޭން ޖެހޭނީ މީހަކަށް 8674 އެވެ. ނަމަވެސް ފުރަތަމަ މީހާއަށް 40555 ރުފިޔާ އިތުރަށް ދީފައިވާއިރު، އަނެއް ދެ މީހުންނަށް 38126 މީހަކަށް ދީފައިވެއެވެ. އެހެންކަމުން މި ތިން މީހުންނަށް 116،807 ރުފިޔާ އިތުރަށް ދީފައިވެއެވެ. އުސޫލުގައިވާ ގޮތުން މި ތިން މީހުންނަށް ދޭން ޖެހޭނީ 28913 ރުފިޔާއެވެ. ނަމަވެސް 145،720 ޖުމްލަ ދީފައިވެއެވެ.
މިކަން އިޞްލާޙް ކުރަން ލަފާދީފައިވާ ގޮތަކީ ފައިސާގެ އެހީ ދިފާއިވާ ހުރިހާ ފަރާތްތަކަށް ފައިސާގެ އެހީ ދެވިފައިވަނީ ރާއްޖެ އެނބުރި އައުމަށް ޓިކެޓު ނަގާފައިވާ ތާރީހުންތޯ ޗެކުކޮށް އެ ތާރީޚުގެ ކުރިއަށް ފައިސާ ދެވިފައިވާނަމަ، އަދި އެ ފަރާތަކަށް މިހާރު ވެސް ފައިސާގެ އެހީ ފޮނުވާނަމަ، އިތުރަށް ދީފައިވާ އަދަދު އުނި ކުރުމަށްފަހު ފައިސާގެ އެހީ ދިނުމަށް އަންގާފައިވެއެވެ. އަދި ފައިސާގެ އެހީ ދިނުން ހުއްޓާލާފައިވާ ފަރާތެއްނަމަ، އެ ފަރާތަކަށް ފައިސާ ދިނުމުގައި އިހުމާލުވާ މުވައްޒަފުން މެދުވެރިކޮށް، މި ފައިސާ ހޯދާ، ދައުލަތުގެ ޕަބްލިކް ބޭންކް އެކައުންޓަށް ޖަމާކުރުމަށް އަންގާފައިވެއެވެ.
މިކަމާއި ގުޅޭ ގޮތުން ރާއްޖެ.އެމްވީއަށް މައުލޫމާތު ދެއްވަމުން އާސަންދަ ކުންފުނީގެ އެސިސްޓެންޓް މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ރަޝީދު ވިދާޅުވީ އާސަންދައިން މަސައްކަތް ކުރީ ލޮކްޑައުންއާ ގުޅިގެން ބޭރުގައި ތާށިވި އެ ކުންފުނީގެ ބެލުމުގެ ދަށުން ދިޔަ ފަރާތްތަކަށް އެހީތެރިވުމަށް ކަމަށެވެ. އަދި އުސޫލެއް އެކުލަވާލާ އެ އުސޫލާ އެއްގޮތަށް ފައިސާ ދީފައިވާނެ ކަމަށާއި، 3 ފަރާތަކަށް އިތުރަށް ފައިސާ ދެވިފައިވަނީ އިދާރީ މައްސަލައަކުން ކަމަށެވެ. އަދި އޮޑިޓް ރިޕޯޓުގައި އެކަން ފާހަގަ ކޮށްފައިވާއިރު އެ މައްސަލަ ހައްލު ކުރަމުންދާ ކަމަށާއި، އެފަރާތްތަކައި ގުޅައިގެން އިތުރަށް ދެވުނު ފައިސާ އަނބުރާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އިބްރާހިމް ރަޝީދު ވިދާޅުވީ އެ ދުވަސްވަރަކީ ބޭންކު ބަންދު ދުވަސްވަރަކަށް ވެފައި އަދި ބޭންކުން ހިދުމަތް ދެމުން ދިޔައީ ވަކި ގަޑިތަކެއްގައި ކަމުން، ބެރުގައި ތާށިވި ފަރާތްތަކަށް ފައިސާ ފޮނުވުމުގައި ދަތިތަކެއް ދިމާނުވާނެ ފަދައިން މަސައްކަތް ކުރުމަށް އުސޫލާ އެއްގޮތަށް ފައިސާތައް ފޮނުވަމުން ގެންގޮސްފައިވާ ކަަމަށެވެ. އަދި އުސޫލުގައި ބުނެފައިވާ ފަދައިން ރާއްޖެ އައުމާ ހަމައަށް އިތުރަށް ފައިސަ ދީފައިވާނަމަ އެ ފައިސާ ޕޭޝެންޓުންނާއި ގުޅައިގެން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ދިމާވެފައިވާ ހުރިހާ މައްސަލަތައް ކުންފުނިން ހައްލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމުގެ ޔަގީންކަން އޭނާ ވަނީ ދެއްވާފައެވެ.
އިދާރީ މައްސަލައެއް ކަމަށް އިބްރާހިމް ރަޝީދު ފާހަގަ ކުރެއްވި އިރު، އޭނާ ވިދާޅުވީ ރާއްޖެއިން ބޭރުގައި ގިނަ އަދަދެއްގެ ބަޔަކު ތާށިވުމާއި ގުޅިގެން އެފަރާތްތަކަށް ތަކުލީފެއް ދިމާނުވާނެ ގޮތަށް ކަންކަން ރޭވުމަށް އާސަންދަ ޓީމުން މާލޭގައި ތިބެގެން ދިޔައީ 24 ގަޑި އިރު ޑިއުޓީ ބަހައިގެން މަސައްކަތް ކުރަމުން ކަމަށާއި، ފައިސާ ފޮނުވާފައިވާނީ އެމްބަސީ ނުވަތަ ކޮންިސިއުލޭޓުން ފޮނުވާފައިވާ މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ކަމަށެވެ. އެހެންކަމުން އެފަދަ މައްސަލައެއް ދިމާވުން އެކަށީގެންވާ ކަމަށެވެ.