ސިޔާސީ ޕާޓީތަކުގެ ގާނޫނާ ހިލާފުވާ ޕާޓީތައް ވަކި މުއްދަކަށް ސަސްޕެންޑް ކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ހުށައަޅަން ޑްރާފްޓެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފިއެވެ.
މިހާރު އަމަލުކުރަމުންދާ ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ ގޮތުން ގާނޫނާ ހިލާފުވެއްޖެނަމަ އަދަބެއްގެ ގޮތުގައި ކަނޑައެޅިފައިވަނީ ޖޫރިމަނާ ކުރުމުގެ އިތުރުން ޕާޓީތައް އުވާލުމެވެ.
ވީޓީވީ ''ފަސް މަންޒަރު'' ޕްރޮގްރާމްގައި އީސީގެ ނައިބް ރައީސް އަހުމަދު އަކްރަމް ވިދާޅުވީ، އެ ދެ ގޮތަކީ އެންމެ އިންސާފުވެރި ގޮތް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. ސަބަބެއް ކަމަށް އޭނާ ވިދާޅުވީ، ސިޔާސީ ޕާޓީތަކަކީ ވަރަށް ގިނަ ބައެއްގެ މަސައްކަތުން އުފައްދާ ތަނަކަށްވާތީއެވެ. އަކްރަމް ވިދާޅުވީ، އޭގެ ބަދަލުގައި ޕާޓީތައް އުވާލުމުގެ ކުރިން ޕާޓީތަކަށް އިތުރު ފުރުސަތު ލިބޭ ގޮތަށް ގާނޫނަށް އިސްލާހު ހުށައެޅުުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އަޅުގަނޑުމެން މިހާރު ގާނޫނަށް ގެންނަ ޑްރާފްޓުގައިވާ ގޮތުން ސިޔާސީ ޕާޓީގެ ކޮންގްރެސް ބޭއްވުމަށް އޮންނަ މުއްދަތު ތެރޭގައި ކޮންގްރެސް ނުބާއްވައިފިނަމަ އަޅުގަނޑުމެން އެ ޕާޓީއެއް ސަސްޕެންޑް ކުރާނީ. ސަސްޕެންޑް ކުރުމަށް ފަހުގައި ދެން އެ ޕާޓީ އަށް ދޭނީ މުއްދަތެއް. ކޮންގްރެސް ބާއްވަން އެ މުއްދަތުގެ ތެރޭގައި ބޭއްވޭނީ ހަމައެކަނީ ކޮންގްރެސް. ސިޔާސީ އެއްވެސް ހަރަކާތެއް ނުބޭއްވޭނެ. މަޝްވަރާ އެއް ގައިވެސް ބައިވެރިނުވެވޭނެ އިތުރު ކަމެއްވެސް ނުކުރެވޭނެ.އިލެކްޝަން ކޮމިޝަން - އަހުމަދު އަކްރަމް
އަކްރަމް ވިދާޅުވީ، އެހެނިހެން ކަންތައްތަކުގައިވެސް އަމަލުކުރަން ހަމަޖެހިފައިވަނީ އެގޮތަށް ކަމަށެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެންނަން ހުށައަޅާފައިވާ އިތުރު އިސްލާހުތަކުގެ ތެރޭގައި، ސިޔާސީ ޕާޓިތަކުގެ މައި ދަފްތަރަކީ އީސީން ބަލަހައްޓާ ދަފްތަރު ކަމަށް ހަމަޖެއްސުމާއި، ޕާޓީތަކުގެ ކޮމިޓީ އަދި ކައުންސިލްގެ މަގާމުތަކުގެ މަދުވެގެން 33 އިންސައްތަ އަންހެނުންނަށް ހާއްސަ ކުރުން ހިމެނެއެވެ. އަދި ސިޔާސީ ޕާޓީތަކުގެ އަހަރީ ރިޕޯޓާއި އޮޑިޓް ރިޕޯޓް ފެބްރުއަރީ 28 ގެ ކުރިން ހުށައަޅަން ޖެހޭ ގޮތަށާއި، ސިޔާސީ ޕާޓީތަކަށް 31 މާރޗްގެ ކުރިން ފައިސާ ދޫކުރުން ހިމެނެއެވެ. ސިޔާސީ ޕާޓީ ހިންގުމަށް ދައުލަތުގެ ބަޖެޓުން ދޭ ފައިސާ އަކީ ދައުލަތުގެ އާމްދަނީގެ 0.1 ޕަސެންޓް ކަމަށްވެސް ގާނޫނަށް ހުށައަޅާ އިސްލާހުތަކުގެ ތެރޭގައި ހިމެނެއެވެ.
އަކްރަމް ވިދާޅުވީ، ގާނޫނަށް ގެންނަން ބޭނުންވާ އިސްލާހުތައް ވަރަށް އަވަހަށް ބަންޑާރަ ނައިބްގެ އޮފީހަށް ފޮނުވާނެ ކަމަށެވެ. ނަމަވެސް އެކަން ކުރާނީ ސިޔާސީ ޕާޓީތަކުގެ އިތުރުން އާއްމުންގެ މަޝްވަރާ ހޯދުމަށް ފަހު ކަމަށް އޭނާ ވިދާޅުވިއެވެ.