ރާއްޖެއިން ކޮވިޑް-19ށް އިތުރު 80 މީހަކު ޕޮޒިޓިވްވެއްޖެއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މި މީހުންގެ ތެރެއިން 60 މީހުންނަކީ ދިވެހިން ކަމަށެވެ. އަދި ބާކީ ތިބި 20 މީހުންނަކީ އެހެން ގައުމުތަކަށް ނިސްބަވްތާ މީހުން ކަމަށެވެ.
80 ކޭސް ތެރެއިން 77 ކޭސްއެއް ރިޕޯޓް ކުރެވިފައިވަނީ މާލެ ސަރަހައްދުންނެވެ. އަދި 3 ކޭސް ރިޕޯޓް ކުރެވިފައިވަނީ އަތޮޅު ތެރެއިންނެވެ. މި އަދަދުތަކާއި އެކު ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 8361 އަރާފައެވެ.
ހުކުރު ދުވަހު 159 މީހަކު ބަލިން ރަނގަޅުވެފައިވާއިރު، ޖުމްލަ 5642 މީހަކު ވަނީ ބަލިން ފަސޭހަވެފައެވެ. ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން މި ވަގުތު ފަރުވާދެމުން ދަނީ 162 މީހަކަށެވެ. އަދި އައިސޮލޭޝަން ފެސިލިޓީތަކުގައި 1253 މީހުންނަށް ދަނީ ފަރުވާ ދެމުންނެވެ.
ފަހަކަށް އައިސް ރަށްރަށުން ވެސް ކޮވިޑް-19 ކޭސްތައް ރިޕޯޓް ކުރެވޭ މިންވަރު އަންނަނީ އިތުރު ވަމުންނެވެ. އެގޮތުން ހުކުރު ދުވަހުގެރޭ ހައެއްގެ ނިޔަލަށް 39 ރަށަކުން ކޮވިޑުގެ ކޭސްތައް ރިޕޯޓް ކުރެވިފައިވާއިރު 20 ރިސޯޓަކުން ވެސް ވަނީ ކޭސްތައް ފެނިފައެވެ. މި ރިސޯޓުތަކުން 17 ފަތުރުވެރިންނާއި 45 މުވައްޒަފުން ވަނީ ޕޮޒިޓިވްވެފައެވެ.
މި މަހަށް އެކަނި ބަލާލިޔަސް ރާއްޖޭގައި ރިޕޯޓް ކުރެވޭ ކޭސްތަކުގެ އަދަދު އުޅެނީ 100 އިން މަތީގައެވެ. ބަލި ކޮންޓްރޯލް ކުރުމަށް މިހާރު ވެސް ވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. ނަމަވެސް އާއްމުންގެ ފަރާތުން އެކަށީގެންވާ ވަރަށް އެއްބާރުލުން ނުލިބޭނަމަ ކޭސްތަކުގެ އަދަދު މައްޗަށް ގޮސް ދެވަނަ ލޮކްޑައުން އަކަށް ހިނގައިދާނެ ކަމުގެ އިންޒާރު ސިއްހީ މާހިރުން ދަނީ ތަކުރާރުކޮށް ދެމުންނެވެ.