އާމްދަނީގެ ގޮތުގައި ދިއްފުށި ކައުންސިލަށް ބަލައިގަތް ފައިސާ ގަވާއިދުން ބޭންކަށް ޖަމާކޮށްފައި ނުވާ ކަމަށް އޮޓިޑް ރިޕޯޓުން ހާމަވެއްޖެއެވެ.
އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ ދައުލަތުގެ އޮފީސްތަކަށް ލިބޭ ފައިސާ ޖަމާކުރެވޭހާ ވަގުތު އޮއްވަ ފައިސާ ލިބިއްޖެނަމަ، އެ ފައިސާ ލިބޭ ދުވަހު ޖަމާކުރަން ޖެހޭ އެކައުންޓަކަށް ޖަމާ ކުރަންވާނެ ކަމަށެވެ.
އޮޑިޓުން ބުނީ ކޮންމެ ދުވަހަކު ފައިސާ ޖަމާކުރުމަކީ ދަތި ކަމަކަށްވެފައި، އަދި ޖަމާނުކޮށް ބެހެއްޓޭ ފައިސާ އެކަށީގެންވާ ރައްކާތެރި ގޮތެއްގައި ބެހެއްޓޭނަމަ، ދުވާލަކު އެއްފަހަރު ފައިސާ ޖަމާނުކޮށް ބެހެއްޓޭނީ އެ އޮފީހެއްގެ ފައިނޭންސް އެގްޒެކެޓިވްގެ ހުއްދަ ލިބިގެން ކަމަށް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާން ކޮށްފައިވާ ކަމަށެވެ.
ނަމަވެސް ދިއްފުށި ކައުންސިލް އިދާރާއިން 2018 ވަނަ އަހަރު ބަލައިގަތް، ދައުލަތުގެ އަދި ކައުންސިލުގެ އިދާރާގެ ބައެއް އާމްދަނީ ފައިސާ، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް ބޭންކަށް ޖަމާކޮށްފައި ނުވާ ކަމަށެވެ.
އެގޮތުން ބެލި ބެލުމުން ޖުމްލަ 359,620 (ތިން ސަތޭކަ ފަންސާސް ނުވަ ހާސް ހަ ސަތޭކަ ވިހި) ރުފިޔާ ބޭންކަށް ޖަމާކުރުމަށް 7 ދުވަހާއި 29 ދުވަހާ ދެމެދުގެ މުއްދަތެއް ހޭދަވެފައި ވާކަން ފާހަގަކުރެވިފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެއެވެ.
އޮޑިޓް ރިޕޯޓުން ބުނީ އެ ފައިސާގެ ތެރޭގައި ތެޔޮތާންގި އާއި، ޕްރީ ސްކޫލް އަދި އުންމީދު ދޯނި ކުއްޔަށް ދީގެން ލިބުނު ފައިސާއާއި، އައިސް ވިއްކައިގެން ލިބުނު ފައިސާ ހިމެނޭ ކަމަށެވެ. އަދި ފައިސާ ޖަމާނުކޮށް ކައުންސިލުގެ އިދާރާގައި ބެހެއްޓުމަށް އެ އިދާރާގެ ފައިނޭންސް އެގްޒެކްޓިވް ހުއްދަ ދީފައިވާކަން އެނގޭނެ އެއްވެސް ލިޔެކިޔުމެއް ނެތް ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެއެވެ.
މީގެ އިތުރުން އޮޑިޓުން ބުނީ ބޭންކަން ޖަމާނުކޮށް ކައުންސިލުގެ އިދާރާގައި ގިނަ ދުވަސްތަކެއް ވަންދެން ފައިސާ ބަހައްޓާނަމަ، އެ ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރުމަށް މަގުފަހިވުމުގެ އިތުރުން، ފައިސާ ގެއްލުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
އޮޑިޓަރ ޖެނެރަލްގެ އޮފީހުން މި މައްސަލައިގައި ލަފާދީފައިވަނީ މާލިއްޔަތުގެ ގަވާއިދުގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތީން، ކައުންސިލުގެ އިދާރާ އިން ބަލައި ގަންނަ ފައިސާ ޖަމާކުރެވޭހާ ވަގުތު އޮއްވައި ލިބިއްޖެނަމަ، އެ ފައިސާއެއް ލިބޭ ދުވަހު އެ ފައިސާއެއް ޖަމާކުރަންޖެހޭ އެކައުންޓަކަށް ޖަމާކުރުމަށާއި، ކޮންމެ ދުވަހަކު ފައިސާ ޖަމާކުރުމަކީ ދަތިކަމަކަށްވެފައި، އަދި ޖަމާނުކޮށް ބެހެއްޓޭ ފައިސާ އެކަށީގެންވާ ރައްކާތެރި ގޮތެއްގައި ބެހެއްޓޭނަމަ، ދުވާލަކު އެއްފަހަރު ފައިސާ ޖަމާނުކޮށް ބެހެއްޓުމުގެ ކުރިން ކައުންސިލުގެ އިދާރާގެ ފައިނޭންސް އެގްޒެކެޓިވްގެ ހުއްދަ ހޯދުމަށެވެ.