ލޮކްޑައުން ގެ މުއްދަތުގައި ރާއްޖޭން ބޭރުގައި ނިޔާވެފައިވާ ފަރާތަކަށް، ނިޔާވި ތާރީޚުގެ ފަހުން ފައިސާގެ އެހީ ދީފައިވާ ކަމަށް ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އަދި އާސަންދަ ކުންފުނިން ކުރި ހަރަދުތަކުގެ ކޮމްޕްލަޔަންސް އޮޓިޑް ރިޕޯޓުން ހާމަވެއްޖެއެވެ.
ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އަދި އާސަންދަ ކުންފުނިން ކުރި ހަރަދުތަކުގެ ކޮމްޕްލަޔަންސް އޮޓިޑް ރިޕޯޓުގައި ބުނެފައިވަނީ ކޮވިޑް-19 އާ ގުޅިގެން އާސަންދަ އިން ބޭސްފަރުވާ ކުރުމަށް އިންޑިއާ އަދި ސްރީލަންކާ އަށް ގޮސް ތިބި ދިވެހިންގެ ތެރެއިން ހާލުގައި ޖެހިފައިވާ މީހުންނަށް ފައިސާގެ އެހީ ދީފައިވާ ގޮތް ޗެކުކުރުމުގައި، ލޮކްޑައުންގެ މުއްދަތުގައި ރާއްޖޭން ބޭރުގައި ނިޔާވެފައިވާ ފަރާތަކަށް، ނިޔާވި ތާރީޚުގެ ފަހުން ފައިސާގެ އެހީ ދީފައިވާ ކަމަށެވެ.
މިގޮތުން އާސަންދައިގެ ދަށުން ބޭސްފަރުވާ ކުރުމަށް ރާއްޖެއިން ބޭރުގައި ހުރި ފަރާތެއް، 15 އޭޕްރީލް 2020 ގައި ނިޔާވެފައިވާކަން އޮޑިޓަރުންނަށް ލިބިފައިވާ ލިޔެކިޔުންތަކުން ފާހަގަވިއެވެ. ބަލިމީހާ ނިޔާވިކަން 16 އޭޕްރީލް 2020 ގައި ހޮސްޕިޓަލުން އާސަންދަ ކުންފުންޏަށް އަންގާފައިވާ ކަމަށް އާސަންދަ ކުންފުނިން އޮޑިޓަށް މައުލޫމާތު ދިނެވެ.
ނަމަވެސް، އެ ފަރާތް ނިޔާވި ތާރީޚުގެ ފަހުން އާސަންދަ ކުންފުނިން އަދި އެންސްޕާއިން ފައިސާގެ އެހީގެ ގޮތުގައި 9498 ރުފިޔާ އެ ފަރާތުން ދީފައިވާ ބޭންކް އެކައުންޓަށް ޖަމާކޮށްފައިވާކަން ވަނީ ފާހަގަކޮށްފައެވެ.
އާސަންދައިން ފައިސާ ދީފައިވަނީ 15 އެޕްރީލް 2020ން 25 އެޕްރީލް 2020ށް 11 ދުވަހަށް 4749 ރުފިޔާ އަދި އެންސްޕާ އިން ވެސް 11 ދުވަހަށް 4749 ރުފިޔާ ވަނީ ދީފައެވެ.
އޮޑިޓަރ ޖެނެރަލްގެ އޮފީހުން މި މައްސަލައިގައި ލަފާދީފައިވަނީ ނިޔާވެފައިވާ ފަރާތަށް ނިޔާވި ފަހުން ދީފައިވާ ފައިސާ ދިނުމުގައި އިހުމާލު ވެފައިވާ މުވައްޒަފުން މެދުވެރިކޮށް، މި ފައިސާ ހޯދާ ދައުލަތުގެ ޕަބްލިކް ބޭންކް އެކައުންޓަށް ޖަމާކުރުމަށާއި، ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 12.10 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައި ވާގޮތަށް ދައުލަތުގެ އޮފީސްތަކުގެ މުވައްޒަފުންގެ އިހުމާލުން ދައުލަތަށް ލިބޭ ގެއްލުންތަކަށް އެ މުވައްޒަފުން ޒިންމާ އުފުލަން ޖެހޭނެ ކަމަށެވެ.
އަދި މިފަދަ މައްސަލައެއްގައި އެ މުވައްޒަފަކު އިއުތިރާޒު ކުރާނަމަ، ކަމުގެ ކުޑަބޮޑުމިނަށް ބަލައި އެ މައްސަލައެއް ހުށަހަޅަން ޖެހޭ ފަރާތަކަށް ހުށަހެޅުމަށް ވަނީ އަންގާފައެވެ. މީގެ އިތުރުން މުސްތަޤުބަލުގައި މި ފަދަ ކަމެއް މެދުވެރި ނުވާނެ ގޮތަށް ކަންތައްތައް އިންތިޒާމުކޮށް ކަމާގުޅޭ އެންމެހައި ލިޔެކިޔުންތަކާއި ރިކޯޑުތައް އަޕްޑޭޓް ކުރުމަށް ވަނީ އަންގާފައެވެ.