ދެ މިލިއަން ފީފާގެ ތެޔޮ ހިފައިގެން ސްރީލަންކާ ކައިރިން ދަތުރު ކުރި ތެޔޮ ޓޭންކަރުގައި ރޯވި އަލިފާންގަނޑުގެ ސަބަބުން ރާއްޖޭގެ ކަނޑަށް ތެޔޮ އެޅުމުގެ ފުރުސަތު ކުޑަ ކަމަށް ކޯސްޓް ގާޑުން ބުނެފިއެވެ.
އަލިފާން ހިފާފައިވަނީ ކުވެއިތުގެ ބަނދަރުން ދެ މިލިއަން ފީފާ ތެޔޮ ބަރު ކޮށްގެން އިންޑިއާގެ "ޕްރަދީޕް" ބަނދަރާ ދިމާއަށް މިސްރާބު ހިފާފައި ހުރި "ނިއު ޑައިމަންޑް" ނަމަކަށް ކިޔާ ޓޭންކަރެއްގައެވެ. އެ ޓޭންކަރުން އަދި މިހާތަނަށް ތެޔޮ ލީކުވެފައިވާ ކަމަށް ރިޕޯޓްކޮށްފައެއް ނުވެއެވެ.
އެކަމާއި ގުޅިގެން ކޯސްޓް ގާޑް އާއި އެންވަޔަރަމެންޓް މިނިސްޓްރީ އަދި މޯލްޑިވްސް މިޓިއަރޮލޮޖިކަލް ސާވީސް ގުޅިގެން ވަނީ ހުކުރު ދުވަހު ޕްރެސް ކޮންފަރެންސެއް ބާއްވާފައެވެ. އެ ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ކޯސްޓްގާޑްގެ ކޮމާންޑަންޓް ކާނަލް މުހައްމަދު ސަލީމް ވިދާޅުވީ، ޓޭންކަރުގައި އަލިފާނުގެ ހާދިސާ ހިނގުމާއި އެކު ސްރީލަންކާގެ މެރިޓައިމް ރެސްކިޔު ކޯޑިނޭޓަރުން އެ މައުލޫމާތު ރާއްޖޭގެ ކޯސްޓް ގާޑާއި ހިއްސާ ކޮށްފައިވާ ކަމަށެވެ.
އެ ޓޭންކަރުގައި އަލިފާން ހިފީ އިންޖީނުގެ ބޯއިލަރެއްގައި ރޯވެގެންނެވެ. ސަލީމް ވިދާޅުވީ، ބޯޓުން ތެޔޮ ލީކްވެ ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ތެޔޮ އެޅިދާނެ ހަލާތެއްގައި އަމަލު ކުރާނެ ގޮތާއި، އަޅާނެ ފިޔަވަޅުތަކާއި ގުޅޭ ގޮތުން ޓްރާންސްޕޯޓް މިނިސްޓްރީއާ، އެންވަޔަރަމެންޓް މިނިސްޓްރީއާ ގުޅިގެން ޓާސްކު ފޯހެއް އެކުލަވާލައި އެކަން ބަލަމުންދާ ކަމަށެވެ. އެކަމަކު އަދި މިހާތަނަށް އެކަމުގެ ނުރައްކަލެއް ރާއްޖެ އަށް އޮތް ކަމަށް ލަފާ ނުކުރެވޭ ކަމަށް ވިދާޅުވިއެވެ.
މިހާރު ހުރި ޕްރޮޑިކްޝަންތަކަށް ބަލާއިރު ރާއްޖެއާ ދިމާލަށް މީގޭ ގެއްލުމެއް އަންނާނެ ކަމަށް އަޅުގަނޑުމެންނަށް ފާހަގައެއް ނުކުރެވޭކޯސްޓްގާޑްގެ ކޮމާންޑަންޓް - ކާނަލް މުހައްމަދު ސަލީމް
ކޯސްޓުގާޑުން ބުނީ، މި ކަހަލަ ކަމެއް ހިނގާފާނެތީ ކުރީއްސުރެ ގިިނަ މަަސައްކަތެއް ކުރެވިފައިވާ ކަމަށެވެ.
ލަންކާ، ރާއްޖެއާ އިންޑިއާގެ ގުޅިގެން ދޯސްތީގެ ނަމުގައި އެކްސަސައިޒްތަކެއް ބާއްވައި އީޕީއެއާ ޓްރާންްޕޯޓް އަދިވެސް ކަމާއި ގުޅުން ހުރި ސަރުކާރުގެ އިދާރާތައް ބައިވެރިވެގެން މި ޕްލޭންތައް ހެދި މިކަމާއި ގުޅިގެން ޒަމާނުއްސުރެ މަސައްކަތް ކުރެވިގެން އައީ. އަދި މިއަހަރުގެ ތެރޭގައި މިކަމާއި ގުޅިގެން ޖަޕާނު ސަރުކާރުގެ އެހީގައި ޕްލިއުޝަން ރެސްޕޯންސް ޓިއާ ވަން އަށް ރެސްޕޮންޑް ކުރެވޭ ސާމަނުތައް ލިބިފައިކޯސްޓްގާޑްގެ ކޮމާންޑަންޓް - ކާނަލް މުހައްމަދު ސަލީމް
ރިޕޯޓްތައް ބުނާ ގޮތުން އަލިފާން ހިފިއިރު ޓޭންކަރުގައި 23 ފަޅުވެރިން ދަތުރު ކުރިއެވެ. އޭގެ ތެރޭގައި ހިމެނެނީ ފިލިޕީންސްގެ 18 މީހަކާއި، ގްރީކަށް ނިސްބަތްވާ 5 މީހެކެވެ. އޭގެ ތެރެއިން 22 މީހުން ސަލާމަތް ކޮށްފައިވާއިރު އެކަކު ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.