އެކްސެލެރޭޓިންގް ރިނިއުބަލް އެނަރޖީ އިންޓެގްރޭޝަން އެންޑް ސަސްޓެއިނަބަލް އެނަރޖީ (އެރައިސް) މަޝްރޫއުގެ ދަށުން ހަ ރަށެއްގައި އިރުގެ އަލިން ހަކަތަ އުފައްދާ ނިޒާމް ގާއިމްކުރުމަށް ހުޅުވާލުމުން ދުނިޔޭގެ ނަން މަޝްހޫރު ގިނަ ކުންފުނިތަކުން ޝައުގުވެރިކަން ފާޅުކޮށްފިއެވެ.
އެންވަޔަރަމަންޓް މިނިސްޓަރީން ބުނީ އެރައިސް މަޝްރޫއުގެ ދަށުން 6 ރަށެއްގައި 21 މެގަވޮޓްގެ އިރުގެ އަލިން ހަކަތަ އުފައްދާ ނިޒާމް ގާއިމްކުރުމަށް ހުޅުވާލުމުން ދުނިޔޭގެ ނަން މަޝްހޫރު ގިނަ ކުންފުނިތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ.
ވާލްޑް ބޭންކުގެ އެހީގައި އެންވަޔަރަންމަންޓް މިނިސްޓްރީ އިން ތަންފީޒުކުރަން ރާވާފައިވާ "އެރައިސް" މަޝްރޫއުގެ ދަށުން އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، ކުޅުދުއްފުށި ސިޓީ، ގދ. ތިނަދޫ، ބ. އޭދަފުށި އަދި ޅ. ހިންނަވަރުގައި ގާއިމްކުރުމަށް ހަމަޖެހިފައިވާ އިއާދަކުރަނިވި ހަކަތައިގެ މި މަޝްރޫއުގެ ޕްރީ-ކޮލިފިކޭޝަން ހުށަހެޅުމުގެ އެންމެ ފަހުގެ މުއްދަތު 19 އޯގަސްޓް 2020 އަށް ހަމަވެފައިވާއިރު މިކަމަށް ޝައުގުވެރިކަން ފާޅުކޮށް 61 ކުންފުންޏަކުން ވަނީ ރަޖިސްޓްރީކޮށްފައިވެއެވެ. މީގެ ތެރެއިން 36 ކުންފުންޏަކުން ވަނީ ޕްރީ-ކޮލިފިކޭޝަން ހުށަހަޅާފައި ކަމަށް އެންވަޔަރަމަންޓް މިނިސްޓަރީން ބުނެއެވެ.
މި ބީލަމުގެ ފުރަތަމަ މަރުހަލާއަކީ މަޝްރޫއު ހިންގުމަށް ޝައުގުވެރިވެ ރަޖިސްޓަރީ ކުރާ ކުންފުނިތަކުގެ ތެރެއިން ޕްރީ-ކޮލިފިކޭޝަން ހުށަހަޅާ މަރުހަލާ ކަމަށާއި، މި މަރުހަލާގައި ބަލާނީ މަސައްކަތް ކުރުމަށް ޝައުގުވެރިވާ ކުންފުނިތަކުގެ މާލީ އަދި ފަންނީ ގާބިލްކަން ހުރި މިންވަރަށް ކަމަށް އެންވަޔަރަމަންޓް މިނިސްޓަރީން ބުނެއެވެ. މިނިސްޓްރީން ބުނީ ދެވަނަ މަރުހަލާއަށް ބީލަން ހުށަހެޅުމުގެ ދައުވަތު ފޮނުވަނީ ފުރަތަމަ މަރުހަލާގައި ބަލަންޖެހޭ މިންގަނޑުތަކަށް ބަލައި ހަމައެކަނި މަސައްކަތް ކުރުމުގެ ގާބިލުކަން ހުރި ކުންފުނިތައް ކަމަށެވެ.
އެންވަޔަރަމަންޓް މިނިސްޓަރީން ބުނީ މިހާރު ކުރިއަށްދާ ޕްރީ-ކޮލިފިކޭޝަން މަރުހަލާ ނިމި މިކަމަށް ގާބިލް ކުންފުނިތަކަށް ބީލަން ހުށަހެޅުމުގެ ދައުވަތު 2021 ވަނައަހަރުގެ ޖަނަވަރީ މަހު ދެވޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. ގިނަ ކުންފުނިތަކެއް މި ބީލަމުގައި ބައިވެރިވުމަކީ އިއާދަކުރަނިވި ހަކަތައިގެ ދާއިރާގައި އިންވެސްޓް ކުރާ އަމިއްލަ ފަރާތްތަކުގެ ދައުރު އިތުރުކޮށް ދައުލަތުން މިކަމަށް ކުރާ ހޭދަ ކުޑަކުރުމަށް ކުރަމުންދަ މަސައްކަތައް ލިބިގެންދާ ކާމިޔާބީއެއް ކަމަށާއި، މިކަމަކީ ބީލަމުގެ ވާދަވެރިކަން އިތުރުވެ ކަރަންޓު ވިއްކާއަގު ކުޑަވުމަށް މަގުފަހިވާނޭ ކަމެއް ކަމަށް މިނިސްޓްރީން ބުނެއެވެ.
އެރައިސް މަޝްރޫއަކީ ރާއްޖޭގައި ބޭނުން ކުރެވޭ އިއާދަކުރަނިވި ހަކަތައިގެ ނިސްބަތް އިތުރުކޮށް، ރަށްތަކުގެ ކަރަންޓު ވިއުގަތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ ގޮތުން ވާލްޑް ބޭންކުގެ އެހީގައި ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއެކެވެ.
މި މަޝްރޫއުގައި ހިމަނާފައިވާ މައިގަނޑު ބައިތަކުގެ ތެރޭގައި އިއާދަކުރަނިވި ހަކަތައިގެ ދާއިރާއަށް އިންވެސްޓް ކުރާ އަމިއްލަ ފަރާތްތައް ބީލަމުގެ އުސޫލުން ހޯދުމާއި އެފަރާތަކަށް ބޭނުންވާ މާލީ ރައްކާތެރިކަން ފޯރުކޮށްދިނުމާއި، ކަރަންޓު ވިއުގައަށް އިއާދަކުރަނިވި ހަކަތަ ފޯރޮކޮށްދެވޭ ނިސްބަތް އިތުރު ކުރުމުގެ ގޮތުން އެކަމަށް ބޭނުންވާ ބެޓަރީ ނިޒާމުތައް ގާއިމުކުރުން ހިމެނިފައިވެއެވެ. އަދި ރަށްރަށުގެ ކަރަންޓު ނިޒާމުތައް ޒަމާނީ ފެންވަރަކަށް ތަރައްގީ ކޮށް، ވިއުގައަށް އިތުރުކުރެވޭ އިއާދަކުރަނިވި ހަކަތަ އެކަށީގެންވާ ގޮތަށް ބޭނުންކުރެވޭނެފަދަ އިންފްރާސްޓްރަކްޗަރ ގާއިމުކުރުން ހިމެނެއެވެ.
މީގެ އިތުރުން ހަކަތައިގެ ދާއިރާއަށް އަންނަ ޒަމާނީ ބަދަލުތަކަށް މުއައްސަސާތައް އަހުލުވެރިކޮށް، އެ ފަރާތްތަކުގެ ފަންނީ ގާބިލުކަން އިތުރުކުރުމަށް ތަމްރީނު ހިންގުމާއި، ރެގިއުލޭޓަރީ ކަންކަން ރަނގަޅު ކުރުމާއި ގުޅޭ ކަންތައްތައް ހިމަނާފައިވެއެވެ. އަދި ކުރިއަރަމުން އަންނަ ހަކަތައިގެ އިތުރު ޓެކްނޮލޮޖީތަކާއި ގުޅޭ ދިރާސާތައްކުރުން ހިމެނެއެވެ.