ނ. އަތޮޅު ހޮޅުދޫ ކައިރީގައި އޮންނަ ހޮޅުމީދޫ އަކީ، ހޮޅުދޫގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ރަށެއްގެ ގޮތުގައި ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ހާއްސަ ގަރާރަކުން ކަނޑައަޅައިފިއެވެ.
28 ހެކްޓަރު ބިމެއް އޮންނަ ހޮޅުމީދޫ އަކީ ހޮޅުދޫ ކައިރީގައި އޮންނަ ފަޅު ރަށެކެވެ. މީގެ ކުރިން ހޮޅުދޫގައި ބިން ދަތިވުމުގެ ސަބަބުން މީހުން ދިރިއުޅުމަށްޓަކައި ހޮޅުމީދޫ ކަނޑައަޅައިދޭން އެ ރަށު ރައްޔިތުން އެދުމުން 2002 ވަނަ އަހަރު އޭރުގެ އެޓޯލް މިނިސްޓްރީން އެ ރަށް އެއީ ހޮޅުދޫގެ އިހްތިސާސް ތެރޭގައި ހިމެނޭ ރަށެއްގެ ގޮތުގައި ކަނޑައެޅިއެވެ. އެކަަަމަކު ރަސްމީ އެއްވެސް ލިޔުމަކުން އެކަން އެނގޭކަށް ނެތެވެ.
އެހެން އެކަން އޮއްވައި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި، 2014 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 14 ވަނަ ދުވަހު ނެރުނު ގަރާރަކުން އެއީ ހޮޅުދޫގެ ބައެއްގެ ގޮތުގައި ރަސްމީކޮށް ކަނޑައެޅިއެވެ. އެކަމަކު ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީކޮށް ހިންގުމުގެ ގާނޫނަށް ގެނައި އިސްލާހުތަކާއި އެ ރަށަކީ ހޮޅުދޫގެ ބައެއްގެ ގޮތުގައި ކަނޑައެޅޭނެ ޖާގައެއް ނެތެވެ. ލާމަރުކަޒީ ގާނޫނުގެ އަށްވަނަ އިސްލާހުގެ 56 ވަނަ މާއްދާގެ (ށ) ގައި ބުނާ ގޮތުން ރަށަކާ ގުޅޭގޮތުންނަމަ، އެ ރަށެއްގެ ކައުންސިލްގެ އިހްތިސާސަކީ އެ ރަށާއި އެ ރަށުގެ އުރަފަތުން ފެށިގެން 700 މީޓަރެވެ. އެކަމަކު ހޮޅުދޫ އާއި ހޮޅުމީދޫއާ ދެމެދު ހުންނަނީ 750 މީޓަރެވެ.
އެހެން ކަމުން ރައީސްއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ހޮޅުމީދޫ އަކީ ހޮޅުދޫގެ ބައެއްގެ ގޮތުގައި ކަނޑައަޅައި ގަރާރެއް ވަނީ ނެރުއްވާފައެވެ. މިކަމާ ގުޅިގެން ހޮޅުދޫ ކައުންސިލްގެ ރައީސް މުހައްމަދު ނަސީރު "ރާއްޖެ.އެމްވީ" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ހޮޅުމީދޫ އަކީ "ލޭންޑް ޔޫޒް ޕްލޭން" ތައްޔާރުކޮށްފައިވާ ރަށެއް ކަމަށެވެ.
ހޮޅުމީދޫ އަކީ ދަނޑުވެރިކަންވެސް ކުރަމުން އަންނަ ރަށެކެވެ.