މީހުން ދިރިއުޅޭ ސަރަޙައްދުތަކުގައި ތެޔޮ ރައްކާކޮށް ގެންގުޅުމާއި ސަޕްލައި ކުރުމަކީ މަނާކަމެއް ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.
މާލޭ ސިޓީގައި ހިނގާ އަލިފާނުގެ ހާދިސާތައް މަދުކޮށް، އެފަދަ ހާދިސާތަކުން މީހުން ސަލާމަތް ކުރުމަށް ކުރުމުގެ ގޮތުން މިނިސޓްރީ އޮފް ޑިފެންސުން އޮގަސްޓު މަހުގެ 12 ވަނަ ދުވަހު ގެޒެޓްކޮށްފައިވާ ގަވައިދާ ހަވާލާދީ ބުރާސްފަތި ދުވަހު ސިޓީ ކައުންސިލުން ނެރުނު އިއިލާނުގައި ވަނީ ތެލުގެ ބާވަތްތައް ގެންގުޅެ ބޭނުންކޮށް އަދި ގުދަން ކުރުމާބެހޭ ގަވައިދުގެ ދަށުން ތެލުގެ ހިދުމަތްދޭ އެއްވެސް ތަނަކުން މީހުން ދިރިއުޅޭ ސަރަހައްދުތަކަށް ތެޔޮ ސަޕްލައި ކޮށްދިނުމަކީ މަނާކަމެއް ކަމަށެވެ.
އިއުލާނުގައި އިތުރަށް ބުނެފައިވަނީ މި ގަވައިދާ ހިލާފަށް މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ތެޔޮ ރައްކާކޮށް ގެންގުޅުމަކީ ވެސް މަނާކަމެއް ކަމަށާއި، އެ ގަވައިދާ ހިލާފުވާ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމަށެވެ.
މާލޭ ސިޓީ ކައުންސިލުން ތެޔޮ ވިއްކުމާއި ގުދަން ކުރުމުގެ ގަވައިދެއް އާންމުކުރި އިރު، މާލޭގައި މަދުން ނަމަވެސް މީހުން ދިރިއުޅޭ ސަރަޙައްދުތަކުގައި ތެޔޮ ރައްކާކޮށް އޭގެ ވިޔަފާރި އަންނަނީ ކުރަމުންނެވެ. އަދި ބައެއް ސަރަހައްދުތަކުން އެކި ވަގުތުތަކުގައި ފުޅިފުޅިއަށް އަޅައިގެން ޕެޓްރޯލް ވިއްކަމުންދާކަން ވެސް ވަނީ ފާހަގަކުރެވިފައެވެ.
ތެޔޮ ނުވަތަ ކެމިކަލް ރައްކާކޮށްފައި ހުންނަ ތަންތަނުގައި ދިމާވާ އަލިފާނުގެ ހާދިސާތަކުގައި ފޫނުބެއްދޭވަރުގެ ބޮޑެތި ގެއްލުންތަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ.
ދާދިފަހުން މާލޭގައި ކެމިކަލް ރައްކާ ކޮށްފައި ހުރި ގުދަނެއްގައި ރޯވުމުގެ ސަބަބުން މުޅި ހިސާބަށް އަލިފާނުގެ އަސަރުކޮށް ގެއެއްގެ ތެރޭގައި ނުނިކުމެވި ހުރި މީހަކު ވަނީ މަރުވެފައެވެ.