ކ. މާލެ
|
2 ސެޕްޓެންބަރ 2020 | ބުދަ 16:39
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް
އެމްއޭސީއެލް
ރާއްޖެ- ޗައިނާ
ރާއްޖެއިން ޗައިނާއަށް ދަތުރު ކުރާ ފަރާތްތައް ކޮވިޑް ޓެސްޓް ހަދަން ޖެހޭ
ތިން ދުވަސް ކުރިން ޓެސްޓް ހަދަން ޖެހޭ
އަމަލުކުރަން ފަށާނީ ސެޕްޓެމްބަރު 11 އިން ފެށިގެން

ދިވެހިރާއްޖެއިން ޗައިނާއަށް ދަތުރުކުރުމުގެ ކުރިން ކޮވިޑް-19 އަށް ޓެސްޓް ކުރާގޮތަށް ހަމަޖައްސައިފިއެވެ.

އެގޮތުން މިހިނގާ ސެޕްޓެމްބަރު މަހުގެ 11 އިން ފެށިގެން ރާއްޖެއިން ޗައިނާ އަށް ދަތުރު ކުރާ ފަސެންޖަރުން ދަތުރު ފެށުމުގެ ތިން ދުވަސް ކުރިން ކޮވިޑް-19 އަށް ނިއުކުލިކް އެސިޑް ޓެސްޓެއް ހަދަން ޖެހެއެވެ.

މި ޓެސްޓް ހައްދަން ޖެހޭނީ ޗައިނާގެ އެމްބަސީން ހަމަޖައްސާ ތަނަކުންނެވެ.

މި ޓެސްޓް ހެއްދޭ 2 ތަނެއް ވަނީ ހަމަޖައްސާފައެވެ. އެއީ އޭޑީކޭ ހޮސްޕިޓަލް އަދި ޓްރީޓޮޕް ހޮސްޕިޓަލުންނެވެ. އަދި އެޕޮއިންޓްމަންޓް ގުޅައިގެންނާއި މެއިލް މެދުވެރިކޮށް ހެއްދޭނެ ކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން ބިދޭސީ ފަތުރުވެރިން ހެލްތް ޑިކްލަރޭޝަން ފޯމް ހުށަހަޅަން ޖެހޭނެ ކަމަށާއި، މިގޮތަށް ނިންމާފައިވަނީ ކޮވިޑްގެ ނެގެޓިވް ނަތީޖާ ކުރީބައިގައި ހުށަހަޅާ އެއަރލައިންތަކުން ބޯޑިންގެ ކުރިން ކަންކަން ފަސޭހަ ކުރުމަށެވެ.

ހެލްތް ޑިކްލަރޭޝަން ފޯމް ހުށަހަޅަން ޖެހޭނެ ގޮތަކީ ފޯނު ނުވަތަ އީމެއިލް މެދުވެރިކޮށް ޓެސްޓް ހެއްދުމަށް އެޕޮއިންޓްމަންޓެއް ހައްދަން ޖެހޭނެއެވެ. ގްރޭޓަރ މާލެ ސަރަހައްދު ފިޔަވައި އެހެން ހިސާބެއްގައި ހުރި މީހެއްނަމަ ފުލުހުންނަށް އީމެއިލް މެދުވެރިކޮށް ހުއްދައެއް ނެގުމަށްފަހު މާލެ އައިސް ޓެސްޓް ހައްދަން ޖެހެއެވެ.

މީގެ އިތުރުން ޓެސްޓުގެ ނަތީޖާ ފުލައިޓް ފުރުމުގެ 24 ގަޑި އިރު ކުރިން ހޯދަން ޖެހޭނެ ކަމަށާއި، ބިދޭސީން ޖެހޭނީ ޕާސްޕޯޓުގެ މައުލޫމާތު ހިމެނޭ ފުށުގެ ސްކޭން ކޮޕީއަކާއި، ކޮވިޑް-19 ނެގެޓިވްވި ނަތީޖާ ސޮއިކޮށްފައިވާ ހެލްތް ޑިކްލަރޭޝަން ފޯމް ހުއްދައަށް އެދި އެމްބަސީގެ އީމެއިލް އަށް ފޮނުވަން ޖެހެއެވެ.

އަދި ހުއްދަ ލިބިއްޖެނަމަ ރަސްމީކޮށް އެމީހެއްގެ އީމެއިލްއަށް އަނބުރާ ފޮނުވޭނެ ކަމަށާއި، އަދި ފުރާ މީހާ އޭގެ ޕްރިންޓެއް ނެގުމަށްފަހު އޭގެ ހާޑް ކޮޕީއެއް އެއަރޕޯޓަށް ފުރަންދާއިރު ގެންދަން ޖެހެއެވެ.

ޗައިނާގެ ރައްޔިތުން ފިޔަވައި އެގައުމަށް އެތެރެވާ ހުރިހާ އެންމެން ކޮވިޑް-19 ގެ ނެގެޓިވް ނަތީޖާއެއް ހުށަހަޅަންޖެހޭ ގޮތަށް ޗައިނާ ސަރުކާރުން ވަނީ ނިންމާފައެވެ.

- ކޮމެންޓް