ކ. މާލެ
|
2 ސެޕްޓެންބަރ 2020 | ބުދަ 08:10
ކާކު ނޫނެކޭ ބުނާނީ ނަމުގައި ކުރިޔަށްގެންދާ ކެމްޕެއިން ޕޯސްޓަރ
ކާކު ނޫނެކޭ ބުނާނީ ނަމުގައި ކުރިޔަށްގެންދާ ކެމްޕެއިން ޕޯސްޓަރ
ސޯޝަލް މީޑިއާ
ޕްލާސްޓިކާ ދެކޮޅު ކެމްޕެއިން
"ކާކު ނޫނެކޭ ބުނާނީ"ގެ ނަމުގައި ޕްލާސްޓިކާއި ދެކޮޅު ކެމްޕެއިނެއް ލޯންޗްކޮށްފި
އިނާމު ލިބޭނީ "ނޯ ޕްލާސްޓިކް މޯލްޑިވްސް" ގައި ފޯސްޓްކުރެވޭ ޕޮޓޯ/ވީޑިއޯގެ ތެރެއިން އެންމެ ގިނަ ލައިކްސް އަދި ޝެއަރ ލިބޭ ފަރާތަކަށް
މި ކެމްޕެއިން ކުރިޔަށްދާނީ މަސް ދުވަހުގެ މުއްދަތަށް

ޕްލާސްޓިކަށް ނޫނެކޭ ބުނުމުގެގޮތުން "ކާކު ނޫނެކޭ ބުނާނީ"ގެ ނަމުގައި ނޯ ޕްލާސްޓިކް މޯލްޑިވްސް އާއި ވީ.އޭ.އެމް.ކޯ އިން ކެމްޕެއިނެއް ލޯންޗްކޮށްފިއެވެ.

މަސްދުވަހުގެ މުއްދަތަށް ދިގުދެމިގެންދާ މި ކެންޕެއިންގައި އެއްވަނައަށް އަންނަ ފަރާތަކަށް ވީ.އޭ.އެމް.ކޯއިން ވަނީ ބޯފެން ފިލްޓަރ ކުރެވޭ ސިސްޓަމެއް ހުށައަޅާފައެވެ. މި ކެމްޕެއިން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ނޯ ޕްލާސްޓިކް މޯލްޑިވްސްގެ ފޭސްބުކް ޕޭޖުގައި ކަމަށް ނޯ ޕްލާސްޓިކް މޯލްޑިވްސް އިން މައުލޫމާތުދެ އެވެ.

މި ކެމްޕެއިންގައި ބައިވެރިވުމަށް"ނޯ ޕްލާސްޓިކް މޯލްޑިވްސް"ޕޭޖްއަށް ލައިކް ކުރުމަށްފަހު ތިމާވެއްޓާއި ރައްޓެހި ގޮތަކަށް އެމީހަކު ކުރަމުން އަންނަ ކަމެއްގެ ނުވަތަ ކަންތައްތަކެއްގެ ޕޮޓޯ ނުވަތަ ވީޑިއޯ އެ ޕޭޖެއް ހިއްސާކުރަން ޖެހެއެވެ. އެގޮތުން ފޮޓޯ އާއި ވީޑިއޯ ހިއްސާކުރުމަށް ޑައިރެކްޓް މެސެޖެއް ޕޭޖަށް ކުރުމުން ޕޭޖްގެ ފަރާތުން އެ ވީޑިއޯ އެއް ނުވަތަ ފޮޓޯއެއް ޕޭޖަށް ޕޯސްޓްކުރަމުންދާނެ އެވެ.

ނޯ ޕްލާސްޓިކް މޯލްޑިވްސް އިން މައުލޫމާތުދޭ ގޮތުގައި އިނާމު ލިބޭނީ "ނޯ ޕްލާސްޓިކް މޯލްޑިވްސް" ގައި ޕޯސްޓްކުރެވޭ ޕޮޓޯ/ވީޑިއޯގެ ތެރެއިން އެންމެ ގިނަ ލައިކްސް އަދި ޝެއަރ ލިބޭ ފަރާތަކަށެވެ.

"ކާކު ނޫނެކޭ ބުނާނީ" ކެމްޕެއިންގެ މައިގަނޑު މަގުސަދަކީ ކޮންމެ ދުވަހެއްގެ ދިރިއުޅުމުގައި އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކާއި ދުރުގޮތެއް އިހުތިޔާރު ކުރުމުގެ އާދަ އަށަގެންނެވުމާއި އަދި ޕްލާސްޓިކާއި ނުލާވެސް ދިރިއުޅުމުގެ ކަންކަން ފުރިހަމަ ކުރެވެން އޮންނަކަން އަންގައިދިނުން ކަމަށް ނޯ ޕްލާސްޓިކް މޯލްޑިވްސްގެ ފައުންޑަރ އަހުމަދު ނޫމާން ވިދާޅުވިއެވެ.

ނޫމާން ވިދާޅުވީ ކުރިޔަށް އޮތްތަނުގައިވެސް މިފަދަ ކެމްޕެއިންތައް ރޭވިފައިވާ ކަމަށެވެ. އަދި މިހާރުގެ ހާލަތު ތަންދޭ މިންވަރަކުން މި ކެންޕެއިންތައް ކުރިއަށް ހުރި މަސްތަކުގައި ކުރިޔަށް ގެންދާނެ ކަމަށް ނޫމާން ވިދާޅުވިއެވެ.

މިކެމްޕެއިންގައި ދެން ބައިވެރިވާ ވީ.އޭ.އެމް.ކޯ އަކީ މިހާރު ވެސް ރާއްޖޭގައި ޕްލާސްޓިކަށް ނޫނެކޭ ބުނުމުގެގޮތުން އެކި ބާވަތުގެ ފެން ފިލްޓަރ ކުރާ ޕްލާންޓް ވިޔަފާރި ކުރަމުންގެންދާ ފަރާތެކެވެ.

ދާދިފަހުން ހެދި ދިރާސާއަކުން ރާއްޖެއަކީ ދުނިޔޭގެ އެންމެ މަތީ ލެވެލްގެ މައިކްރޯ ޕްލާސްޓިކް ތަޣައްޔަރުކަން އޮތް ގައުމުގެ ގޮތުގައި ވަނީ ރިކޯޑްކޮށްފައެވެ.

- ކޮމެންޓް