ވޭތުވެދިޔަ ދޮޅު އަހަރެއްހާ ދުވަހު ފުލުހުންގެ މުއައްސަސާއިން ކުރި ބުރަ މަސައްކަތުން ގައުމުގައި އަމަން އަމާންކަން ގާއިމުކޮށް ބިރުވެރިކަން ނައްތާލެވިއްޖެ ކަމަށް ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ހުޅުމާލޭގައި ގާއިމުކޮށްފައިވާ ފުލުހުންގެ މަރުކަޒު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވީ، ފާއިތުވެދިޔަ 16 އަހަރުގެ ތެރޭގައި ފުލުހުން ވަނީ ރާއްޖޭގައި އަމާންކަމާއި ސުލްހަ މަސަލަސްކަން ގާއިމްކުރުމުގައި މުހިންމު ދައުރެއް އަދާކޮށްފައި ކަމަށެވެ.
ފުލުހުންގެ މުއައްސަސާ އަކީ ރައްޔިތުންގެ މެދުގައި އަމާންކަމާއި ސުލްހަ މަސަލަސްކަން ގާއިމުކުރުމުގެ އެންމެ މަތީ ޒިންމާ އަދާކުރާ ފަރާތްކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ މަދުން ނަމަވެސް، ވަކިވަކި ފުލުހުން ކުރަމުންދާ ނޭދެވޭ ކަންކަމުގެ ސަބަބުން މުޅި މުއައްސަސާ އަށް ހުތުރު ބަދުނާމުގެ ބަސްތައް ރައްދުވެފައިވާ ކަމަށެވެ. ނަމަވެސް އެގޮތަށް އަމަލުތައް ނުބެހެއްޓެވުމަށް މިނިސްޓަރ ވަނީ މުޅި ފުލުހުންގެ މުއައްސަސާ އަށް އިލްތިމާސް ކޮށްފައެވެ.
"ފާއިތުމިވީ 17 މަހެއްހައި ދުވަހުގެ ތެރޭގައި ފުލުހުންގެ މުއްއަސާއިން ކުރެއްވި ބުރަމަސައްކަތުން ރާއްޖޭގައި ހިނގަމުންދިޔަ އަނިޔާވެރި އަމަލުތަކާއި، މާރާމާރީއާއި ތަޅާފޮޅުން ވަނީ ހުއްޓުވިފަ. މިހާރުވެސް ގިނަ ކަންތައްތަކެއް ހައްލުކުރަން އެބަހުރި މުޖުތަމައުގެ ތެރޭގައި ހުރި ނޭދެވޭ ކަންކަން ހުއްޓުވުމުގައި. މިކަމުގައި ފުލުހުންގެ ޒިންމާ ބޮޑު."ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ
މިނިސްޓަރ އިމްރާން ވިދާޅުވީ ރައީސް އިބްރާހީމް މުޙަންމަދު ސޯލިހުގެ ސަރުކާރުން ފުލުހުންނާ ދޭތެރޭ ވަރަށް މަތީ އުންމީދުތަކެއް ކުރަމުން އަންނަ ކަމަށާއި ފުލުހުންގެ ހިދުމަތްތައް ފުރިހަމަކޮށް ފުލުހުންނަށް ގާއިމުކޮށް ދޭންޖެހޭ ވަސީލަތްތައް ގާއިމުކޮށް ދިނުމަކީ މުހިންމު ޒިންމާއެއް ކަމުގައި ދެކިލައްވާ ކަމަށެވެ. އެގޮތުން ފުލުހުންގެ މުއައްއަސާގެ ވަސީލަތްތަކާއި، ކުރިއެރުމަށް ޚާއްސަ އިސްކަމެއްދީގެން މިސަރުކާރުން މުހިންމު މަސައްކަތްތަކެއް ކުރަމުންދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
"ފުލުހުންގެ ތެރެއިން އެއް ފަރުދަކު ނުވަތަ މަދު އަދަދެއްގެ ފުލުހުންކޮޅެއް ކުރާ ކަމެއްގެ ނަތީޖާއެއްގެ ގޮތުން ރައްޔިތުންގެ ހިތުގައި ފުލުހުންނާ މެދު ނުތަނަވަސްކަމާއި، ހިތްހަމަނުޖެހުން އުފެދެމުން ދަނީ. މިކަމަކީ އެންމެން ހިތާމަކުރާ ކަމެއް. ރައްޔިތުންގެ ފުރިހަމަ ލޯތްބާއި އިހްތިރާމާއި އިތުބާރަށްޓަކައި ފުލުހުންގެ މުއައްސަސާގެ އިތުބާރާއި ކަރާމާތަށްޓަކައި ކޮންމެ ފުލުހަކުވެސް އެ ފުލުހެއްގެ ޒިންމާ އަދާކުރަން ޖެހޭ."ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ
ހޯމް މިނިސްޓަރު އިމްރާން ވިދާޅުވީ ރަނގަޅު މުޖުތަމައުއެއް ގާއިމް ކުރުމަށް ބޭނުންވާ އެންމެ މުހިންމު ދެ ސިފަ އަކީ އިގްތިސާދީ ތަނަވަސްކަމާއި މުޖްތަމައުގެ އަމަން އަމާންކަން ކަމަށެވެ. އަދި މި ދެ ސިފަ އަކީ މުޖްތަމައު ދެމި އޮތުމަށްޓަކައި ލާޒިމް ކުރާ ދެ ސިފަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.