ކ. މާލެ
|
1 ސެޕްޓެންބަރ 2020 | އަންގާރަ 08:59
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)
ރާއްޖެ އެމްވީ
އިންސާނީ ވަގުފާރި ހުއްޓުވުން
އިންސާނީ ވަގުފާރި ހުއްޓުވާ ގާނޫނު ހެދިފައިވަނީ ފަރަށްދާ އުސޫލުން: ޝިހާބު
ރާއްޖޭގައި ފުޅާދާއިރާއެއްގައި އިންސާނީ ވަގުފާރީގެ ނުބައި އަމަލު ހިންގާ
ތަންފީޒީ އިދާރާތައް ވަނީ މިކަން ހުއްޓުވަން ނުކުޅެދިފަ

އިންސާނީ ވަގުފާރި ހުއްޓުވުމަށް ރާއްޖޭގައި ހަދާފައިވާ ގާނޫނަކީ ފަރަށްދާ އުސޫލުން ހެދިފައިވާ އެއްޗެއް ކަމަށް ހިއުމަން ރައިޓްސް ކޮމިޝަންގެ ކުޑަކުދިންގެ ހައްގުތަކުގެ އެމްބެސެޑަރު ވިދާޅުވެއްޖެއެވެ.

އިންސާނީ ވަގުފާރީގެ ސަބަބުން އެތައް ބައެއްގެ ހައްގުތައް ގެއްލި އެފަރާތްތަކަށް ލިބެންޖެހޭ ސަލާމަތާއި ރައްކާތެރިކަން ހޯދުމަށް ގިނަ ގައުމުތަކުން ވަނީ ނުކުޅެދިފައެވެ. ރާއްޖޭގެ މިކުޑަކުޑަ އާބާދީގެ ތެރޭގައި ތަފާތު އެކި ގޮތްގޮތަށް އިންސާނީ ވަގުފާރީގެ ނުބައި އަމަލު އަންނަނީ ހިންގަމުންނެވެ. ނަމަވެސް އެފަރާތްތަކަށް ގާނޫނުން ކަނޑައެޅިފައިވާ އަދަބު ލިބޭތަން ފެންނަމުން ނުދާކަން ފާހަގަކޮށްލެވެއެވެ.

ރާއްޖެޓީވީގެ ހަބަރުފީތާ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ހިއުމަން ރައިޓްސް ކޮމިޝަންގެ ކުޑަކުދިންގެ ހައްގުތަކުގެ އެމްބެސެޑަރު މުހަންމަދު ޝިހާބު ވިދާޅުވީ އޮޅުވާލައިގެން ރަނގަޅު ވަޒީފާ ދޭނެކަމަށްބުނެ އިންސާނީ ވަގުފާރި ހިންގުން ރާއްޖޭގައި އިތުރުވެފައިވާ ކަމަށެވެ. އަދި އެފަދަ ފަރާތްތައް ލައްވާ މަސައްކަތްކުރުވާ މައްސަލައަކީ ހައްލުކުރަންދަތިކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ޝިހާބު ވިދާޅުވީ އިންސާނީ ވަގުފާރި ހުއްޓުވުމުގެ ގާނޫނު އޮތް ނަމަވެސް އެއަށް އަމަލުކުރަމުން ނުވަތަ ތަންފީޒުކުރަމުންދާތަން ފެންނަމުން ނުދާ ކަމަށެވެ. އަދި މިގާނޫނު ތަންފީޒުކޮށް އިންސާނީ ވަގުފާރި ހިންގާ ފަރާތްތައް މޮނިޓަރކޮށް ބެލެހެއްޓުން މަތިކޮށްފައިވަނީ ރާއްޖޭގެ ކޮން މުއައްސަސާއަކަށްކަންވެސް އެނގޭނެ ގޮތެއް ނެތްކަމަށް އޭނާ ވިދާޅުވިއެވެ.

ތަންފީޒުކުރުމުގައާއި ނަތީޖާ ނެރުމަށް ފުންކޮށް ވިސްނާ ފިކުރު ހިންގައިގެން ހަދާފައި އޮތް އެއްޗެއް ކަމަށް އަޅުގަނޑަށް ނުފެނޭ. ހިއުމަން ޓްރެފިކިންގ ގާނޫނުގައި މާނަކޮށްފަ އޮތީ އެގާނޫނުގެ 12، 13 އަދި 14 ވަނަ މާއްދާގަ. ނަމަވެސް ގާނޫނުގަ ތަރުޖަމާކޮށްފަ އޮތީ ނުވަތަ މަފްހޫމަކީ 2000 ވަނަ އަހަރު އދ.ގެ ޓްރެފިކިންގ ޕްރޮސެސް އެންޑް ޕްރޮޓޮކޯލްގެ ބަސްމަގާ ގުޅޭގޮތަށް އޮތް މަފްހޫމެއް ނޫން. ރާއްޖޭގައި މިގާނޫނު ހެދީ 2013 ވަނައަހަރު
ހިއުމަން ރައިޓްސް ކޮމިޝަންގެ ކުޑަކުދިންގެ ހައްގުތަކުގެ އެމްބެސެޑަރު މުހަންމަދު ޝިހާބު

ޝިހާބު ވިދާޅުވީ އިންސާނީ ވަގުފާރީގެ ތެރެއިން ރާއްޖެއަށް އެތެރެކުރާ ބިދޭސީންނަށް އުޖޫރަނުދީ މަސައްކަތްކުރާ މައްސަލައަކީވެސް މީގެ ތެރެއިން ކަންބޮޑުވާ ކަމެއް ކަމަށެވެ. ހަމަ އެހެންމެ އެކަމުގެ ސަބަބުން މުޖުތަމައަށްވެސް އެކަމުގެ ނޭދެވޭ އަސަރު އިންތިހާއަށް ބޮޑުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އިންސާނީ ވަގުފާރި ހުއްޓުވުމަށް ކަމާގުޅުންހުރި އިދާރާތަކުން އެންމެ އެކަށީގެންވާ ގޮތުގައި މަސައްކަތްތައް ކުރަމުންނުދާއިރު، އެކަން ހައްލުކުރުމުގައި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އަށްވެސް ވަނީ ގިނަ ގޮންޖެހުންތަކާ ކުރިމަތިލާންޖެހިފައެވެ. އަދި މިކަމަކީ ކޮންމެވެސް ބަޔަކު އަޑީގައި ތިބެގެން ހިންގާ ބޮޑު ޖިނާއީ ކުށަކަށްވާއިރު އެފަރާތްތައް ހޯދާ ގާނޫނީ ފިޔަވަޅު އެޅުންވެސް ރާއްޖޭގައި މިވަނީ ފަހަތު ފަޔަށް ބުރަވެފައެވެ.

- ކޮމެންޓް