ގުގުރުމާއިއެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށް ވ އަތޮޅުން ފެށިގެން ތ އަތޮޅަށް ވައިޓް އެލަރޓް ނެރެފިއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން މި ސަރަހައްދަށް ވައިޓް އެލާރޓް ނެރެފައިވަނީ، ފަތިހު 4:00ން ފެށިގެން މިރޭ 8:00 ނިޔަލަށެވެ. މީގެއިތުރުން އަންގާރަ ދުވަހުގެ ރޭ 8:00 އާ ހަމައަށް ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުނެއެވެ.
ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގުދެކުނުން، އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން، ހުރިހައި ހިސާބަކަށްވެސް ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލުގެ ބާރުމިނަށް ވައި ގަދަވުން އެކަށީގެންވާކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާ އިން ވަނީ ބުނެފައެވެ.
ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށްވެސް މެޓް އޮފީހުން ބުނެއެވެ. އަދި ރާޅުގެ އުސްމިނުގައި ދެކުނުގައި 5 ފޫޓާއި 2 ފޫޓު ހުންނާނެކަމަށާއި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި މެދުރާއްޖެތެރެއާއި ދެކުނުގެ ބައެއް ރަށްތަކަށް އުދައެރުން އެކަށީގެންވާ ކަމަށް ލަފާކޮށް މެޓް އޮފީހުން ވަނީ ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.