ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައި ދެމެހެއްޓުމުގެ ބިލާއި، މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތް ކުރުމުގެ ބިލާއި، އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް 4 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރައްވައިފިއެވެ.
ހޯމަ ދުވަހު ތަސްދީޤުކުރެއްވި މި 3 ބިލަކީ ވެސް 18 އޮގަސްޓް 2020 ވީ އަންގާރަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2020 ވަނަ އަހަރުގެ 28 ވަނަ ޖަލްސާ އިން ފާސް ކުރި ތިން ބިލެވެ.
އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް (ޤާނޫނު ނަމްބަރު 5/2009) 4 ވަނަ އިޞްލާޙު ގެނައުމުގެ ބިލުގައި އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ ދަށުން ކުރެވޭ ޖުރިމަނާއާ ގުޅިގެން ޓްރާންސްޕޯޓް މިނިސްޓްރީ އަށް ޝަކުވާ ހުށަހެޅޭނެ ނިޒާމެއް އެ މިނިސްޓްރީ އިން ޤާއިމު ކުރަން ޖެހޭނެ ކަމަށް ކަނޑައަޅައިފައިވެއެވެ. އަދި، ޖޫރިމަނާގެ ފައިސާ ނުދައްކާ އޮވެއްޖެނަމަ އެ ފައިސާއަކީ އެމީހަކު ދައުލަތަށް ދައްކަންޖެހޭ މަދަނީ ދަރަންޏެއްކަމުގައި ކަނޑައަޅައި ޝަރީޢަތަށް ހުށަހަޅައިގެން އެ ފައިސާ ހޯދުމުގެ ބާރު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ އަށް ލިބިގެންވާ ކަމަށް މި އިޞްލާޙުގައި ބަޔާން ކޮށްފައިވެއެވެ.
މީގެ އިތުރުން ތިމާވެއްޓާ ރަށްޓެހިކޮށް ފަރުމާކޮށްފައި ހުންނަ އެއްގަމު އުޅަނދު އަދި ބެޓަރީ ހަކަތަ ނުވަތަ އިރުގެ ހަކަތަ ފަދަ، ތެޔޮ އަންދައިގެން އުފައްދާ ހަކަތަ ނޫން އެހެން ހަކަތައެއް ބޭނުން ކޮށްގެން ދުއްވާ އެއްގަމު އުޅަނދު ރަޖިސްޓަރީ ކުރަން ނުޖެހޭ ގޮތަށް މި އިޞްލާޙުގައި ކަނޑައަޅާފައިވެއެވެ. އަދި، މިނިސްޓްރީން ޤަބޫލު ކުރާ އެހެން ޤައުމެއްގެ ލައިސަންސެއް އޮންނަ ފަރާތްތަކަށް އިތުރު ލައިސަންސެއް ހޯދުމަކާ ނުލައި، 90 (ނުވަދިހަ) ދުވަހަށް ރާއްޖޭގައި އެއްގަމު އުޅަނދު ދުއްވިދާނެ ކަމަށް ކަނޑައަޅުމާއި ޓެކްސީގެ ޚިދުމަތް ދިނުމުގެ އުޞޫލަށް ބަދަލު ގެނައުމާއި، ޕްރައިވެޓް ހަޔަރގެ ޚިދުމަތް ދެވޭނެ ގޮތްތައް ކަނޑައެޅުމާއި، ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ އެއްގަމު ދަތުރުފަތުރު ކުރާ އުޅަނދުފަހަރާ މެދު ޢަމަލުކުރެވޭ އިޖުރާއަތުތައް ވެސް މި ބިލުގައި ހިމަނާފައިވެއެވެ.
ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައި ދެމެހެއްޓުމުގެ ބިލުގައި ރާއްޖޭގައި ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައި ދެމެހެއްޓުމަށާއި، ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން ހަނިވާ ގޮތަށް ހިންގާ ވިޔަފާރީގެ ޢަމަލުތަކުގެ ސަބަބުން ޤައުމުގެ އިޤްތިޞާދީ ކުރިއެރުމަށް ކުރާ ނޭދެވޭ އަސަރުތައް ހުއްޓުވުމަށްޓަކައި ވިޔަފާރީގެ ދާއިރާގެ ވާދަވެރިކަމަށް ހުރަސް އަޅާ އެއްބަސްވުންތަކާއި އެފަދަ ވިޔަފާރީގެ ޢަމަލުތައް މަނާކުރުމާއި، އެފަދަ ޢަމަލުތައް ހިންގާ ފަރާތްތަކަށް ފިޔަވަޅުއެޅުމާ ގުޅޭ އުޞޫލުތައް ބަޔާންކޮށްފައިވެއެވެ. އަދި ވިޔަފާރީގެ ބާޒާރުގައި ނުފޫޒުފޯރުވޭ މަޤާމެއް ލިބިފައިވާ ވިޔަފާރިއަކުން އެފަދަ މަޤާމެއްގެ ބޭނުން ނަހަމަ ގޮތުގައި ހިފުން މަނާކުރުމާއި، އެއް ވިޔަފާރިއެއް އަނެއް ވިޔަފާރިއަކާ އެއްކުރުމުގެ ސަބަބުން ވިޔަފާރީގެ ދާއިރާގެ ވާދަވެރި ކަމަށް ހުރަސްއެޅިގެންދާ ދިޔުން ކޮންޓްރޯލް ކުރުމުގެ ގޮތުން ކަމާބެހޭ އުޞޫލުތައް އެކުލަވާލުމާއި، އަދި ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައި ދެމެހެއްޓުމާ ބެހޭ ކަންކަން ބަލަހައްޓާ އިދާރާގެ ބާރުތަކާއި މަސްޢޫލިއްޔަތުތައް މި ބިލުގައި ބަޔާންކޮށްފައިވެއެވެ.
މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތް ކުރުމުގެ ބިލުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގައި މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތަކުގެ ޙައްޤުތައް ކަނޑައަޅައި، އެ ޙައްޤުތައް ޙިމާޔަތް ކުރުމާއި، ވިއްކާ މުދަލެއް ނުވަތަ ފޯރުކޮށްދޭ ޚިދުމަތެއްގައި ފުރިހަމަ ވާންޖެހޭނެ ޝަރުޠުތަކާއި މިންގަނޑުތައް ކަނޑައެޅުމާއި، އެފަދަ ޝަރުޠުތަކާއި ނުވަތަ މިންގަނޑުތަކާ ޚިލާފަށް މުދާ ވިއްކާ ފަރާތްތަކާއި ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން ޢަމަލު ކޮށްފައިވާނަމަ ފިޔަވަޅު އެޅުމުގެ އުޞޫލުތައް ބަޔާންކުރުމެވެ. މީގެ އިތުރުން، މުދާ ގަންނަ ފަރާތެއް ނުވަތަ ޚިދުމަތް ލިބިގަންނަ ފަރާތްތަކުގެ ޙައްޤުތައް ނިގުޅައިގެންފައިވާ ޙާލަތެއްގައި ނުވަތަ އެ ޙައްޤުތަކަށް އުނިކަމެށް ލިބޭ ޙާލަތެއްގައި އެ މައްސަލަތައް ބަލާނެ ފަރާތެއްގެ ގޮތުގައި އޮމްބަޑްސްމަންއެއް ޢައްޔަންކޮށް، އެ ފަރާތުގެ ބާރާއި މަސްއޫލިއްޔަތު ކަނޑައެޅުމާއި، މުދާ ގަންނަ ފަރާތްތަކާއި ނުވަތަ ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ގެއްލުން ލިބޭ ޙާލަތުގައި ބަދަލު ލިބިދިނުމާގުޅޭ އުޞޫލުތައް ވެސް މި ބިލުގައި ބަޔާންކޮށްފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ މި ބިލުތައް ތަސްދީޤު ކުރެއްވުމާއި ގުޅިގެން މި ތިން ޤާނޫނު ހޯމަ ދުވަހު ވަނީ ގެޒެޓުގައި ޝާއިޢުކޮށްފައެވެ.