ޓޫރިޒަމް މިނިސްޓަރ ޑރ އަބްދުﷲ މައުސޫމަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މައްސޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ނިންމައިފިއެވެ.
މިގޮތަށް ފާސްވީ ކޮމިޓީއަށް ހާޒިރުވި މެމްބަރުންގެ އަގުލަބިއްޔަތުންނެވެ.
ޑރ އަބްދުﷲ މައުސޫމަށް ރުހުން ދިނުމުގެ މައްސަލަ ދިރާސާ ކުރުމަށްފަހު އެންމެ ފުރަތަމަ އެ މައްސަލަ ތަޅުމަށް ގެނައީ މިދިޔަ ހަފްތާއެވެ. ސަރުކާރުގެ މައްސޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީން އެ މައްސަލަ ދިރާސާ ކުރުމަށްފަހު މައުސޫމަށް ރުހުން ދިނުމަށް ފެންނަ ކަމަށް ފާސްކޮށް ކޮމިޓީ ރިޕޯޓް ތަޅުމާ ހަމައަށް އައި ފަހުން މައުސޫމް ކުރެއްވި މިނިސްޓަރުކަމުގެ ހުވާގައި ޤާނޫނީ މައްސަލަތަކެއް މެމްބަރުން ފެންމަތި ކުރެއްވިއެވެ. އެއީ މިނިސްޓަރ ކަމުގެ މަގާމަށް އައްޔަނު ކުރައްވާ އެކަމުގެ ހުވާ ކުރެއްވިއިރު މައުސޫމް ކުންފުންޏެއްގެ މެނޭޖިންގ ޑިރެކްޓަރ ކަމުގެ މަގާމުގައި ހުންނެވުމުންނެވެ. އެއާއެކު އަނެއްކާވެސް އެ މައްސަލަ ދިރާސާ ކުރުމަށް ކޮމިޓީއަށް ފޮނުވާލިއެވެ.
މައްސަލަ ދިރާސާ ކުރުމަށްފަހު ކޮމިޓީން ނިންމީ ޑރ މައުސޫމް އަލުން މިނިސްޓަރުކަމުގެ ހުވާ ކުރެއްވުމަށެވެ. ކޮމިޓީ ރިޕޯޓް ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައިވަނިކޮށް މައުސޫމް ވަނީ މިނިސްޓަރުކަމުން އިސްތިއުފާ ދެއްވާ އަލުން އެ މަގާމަށް އައްޔަން ކުރައްވާ ހުވާ ކުރައްވާފައެވެ. އަދި މައުސޫމަށް ރުހުން ދިނުމުގެ މައްސަލަ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވެވިއެވެ.
ހޯމަ ދުވަހުގެ ޖަލްސާގައި މައުސޫމްއަށް ރުހުން ދިނުމުގެ މައްސަލަ އިތުރަށް ދިރާސާ ކުރުމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ.
ކުރިން ހޯމަ ދުވަހުގެ ޖަލްސާއަކީ މިއަހަރުގެ ދެވަނަ ދައުރުގެ ފަހު ޖަލްސާކަމަށް ނިންމި ނަމަވެސް ޑރ. މައުސޫމަށް ރުހުން ދިނުމުގެ މައްސަލަ ނިމެންދެން މި ދައުރު ދިގު ދައްމާލުމަށް މަޖިލީހުން ވަނީ ނިންމާފައެވެ.