ބަންގްލަދޭޝް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ރިއަރ އެޑްމިރަލް މުޙައްމަދު ނަޒްމުލް ޙަސަން، އެ މަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް އަރުވައިފިއެވެ.
ހޯމަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައި، ފަތްކޮޅު އެރުއްވުމަށްފަހު ބަންގްލަދޭޝްގެ އައު ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލު ކުރައްވައި، ދެ ޤައުމުގެ ރަޙުމަތްތެރިކަމުގެ ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖެއާއި ބަންގްލަދޭޝްގެ ދެމެދުގައި ސަޤާފީ އަދި ދީނީ ގޮތުން ހުރި އެއްގޮތް ކަންތައްތައް ފާހަގަކުރައްވާ، އެ ކަންކަމާއިމެދު އުފާފުޅު ކުރައްވާ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން، އިޖުތިމާޢީ ރޮނގުންނާއި އިޤްތިޞާދީ ގޮތުން، އަދި ކޯވިޑް-19 އާއި ގުޅިގެން ކުރިމަތިވި ހާލަތުގައި ބަންގްލަދޭޝް ސަރުކާރުން އެކި ގޮތްގޮތުން ވެދެއްވަމުން ގެންދަވާ އެހީތެރިކަން ފާހަގަކުރައްވާ، ބަންގްލަދޭޝް ސަރުކާރާއި ރައްޔިތުންނަށް އެ މަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ. އަދި ހަމައެއާއިއެކު، ޤަވާއިދާއި ޚިލާފަށް މަސައްކަތް ކުރާ ބަންގްލަދޭޝް ރައްޔިތުން އަނބުރާ އެ ޤައުމަށް ފޮނުވައިލުމަށް ސަރުކާރުން ކުރިއަށް ގެންދަވާ މަސައްކަތާއި، އެފަދަ މީހުންނަށް އަމާޒު ކުރައްވައިގެން ހިންގަވާ ރެގިއުލަރައިޒޭޝަން ޕްރޮގްރާމަށް ބަންގްލަދޭޝްގެ ހައި ކޮމިޝަނާއި ސަރުކާރުން ވެދެއްވަމުން ގެންދަވާ އެހީތެރިކަން ފާހަގަކުރައްވާ، ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ކަމަށް ވެސް ޝުކުރު އަދާކުރައްވާފައެވެ.
މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ބަންގްލަދޭޝްގައި ދިރިއުޅޭ ދިވެހިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ޤައުމުގެ ސަރުކާރުން ވެދެއްވަމުން ގެންދަވާ އެހީތެރިކަން ވެސް ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ދެ ބޭފުޅުން ދެއްކެވި ވާހަކަފުޅުގައި، ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ރަޙުމަތްތެރި ގުޅުން އިތުރު ހަރުފަތަކަށް ގެންދިއުމަށް ޝައުޤުވެރިކަން ފާޅުކުރައްވައި، ދޭދޭ ގުޅުންތައް އިތުރަށް ހަރުދަނާ ކުރެވިދާނެ ގޮތްތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.
މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައިސުލްޖުމްހޫރިއްޔާ ވަނީ ބަންގްލަދޭޝްގެ އައު ސަފީރަށް ސަފީރުކަމުގެ މަޤާމުގައި ކާމިޔާބީ ލިބުމަށް އެދިވަޑައިގަންނަވާ ކަމުގައި ވިދާޅުވެފައެވެ. އަދި ދެ ބޭފުޅުން ވެސް ވަނީ ޚިޔާލު އެއްގޮތް ކަންތައްތަކުގައި ދޭދޭ ގުޅުން ބަދަހި ކުރުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން އަރުވާފައެވެ.