އިންޑިއާގެ ކުރީގެ ރައީސް ޕްރަނާބް މުކަރުޖީ އަވަހާރަވުމަކީ މުޅި ދެކުނު އޭޝިއާއަށް ލިބުނު ހިތާމައެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސޯލިޙު ސިފަ ކުރައްވައިފިއެވެ.
ހޯމަ ދުވަހުގެ ވަގުތެއްގައި އިންޑިއާގެ އާރމީސް ރިސާޗް އެންޑް ރެފަރަލް ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ޕްރަނާބް މުކަރުޖީ އަވަހާރަވެފައިވާއިރު، އެކަމާ ގުޅިގެން ރައީސް ސޯލިޙު ކުރެއްވި ޓްވީޓެއްގައި ވަނީ ޕްރަނާބްގެ އާއިލާއާއި، އިންޑިއާގެ ރައްޔިތުންނަށް ތައުޒިޔާ ވިދާޅުވެފައެވެ.
ރައީސް ސޯލިޙު ވަނީ ޕްރަނާބް މުކަރުޖީގެ ޤާބިލިއްޔަތުކަމަށް ތައުރީފު ކުރައްވައި، އެމަނިކުފާނު އަވަހާރަވުމަކީ އިންޑިއާގެ އިތުރުން، މުޅި ދެކުނު އޭޝިއާ އަށް ވެސް ލިބުނު ފުން ހިތާމައެއްގެ ގޮތުގައި ސިފަ ކުރައްވާފައެވެ.
ރައީސް ސޯލިޙު އެހެން ވިދާޅުވެފައިވާއިރު، އިންޑިއާ އަކީ ރާއްޖޭގެ ތަރައްޤީޤައި މުހިއްމު ދައުރެއް ހިއްސާ ކުރާ ޤައުމެއްކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. އެގޮތުން ފާއިތުވި ދުވަސްތަކުގައި އިންޑިއާއިން ވަނީ އެކި ގޮތްގޮތުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.
2012 ވަނަ އަހަރުން ފެށިގެން 2017 ވަނަ އަހަރު އިންޑިއާގެ ރައީސްކަން ކުރެއްވި ޕްރަނާބް މުކަރުޖީ ވަނީ ސިޔާސީ ދާއިރާގައި ގާތްގަނޑަކަށް 50 އަހަރު ހޭދަ ކުރައްވާފައެވެ.
އިންޑިއާގެ ނޫސްތަކުން ރިޕޯޓް ކޮށްފައިވާ ގޮތުން ޕްރަނާބް މުކަރުޖީގެ ސިކުނޑީގައި ލޭ ކޮޅެއް ގަނޑުވެފައިވާއިރު، ދާދި ފަހުން ވަނީ އޮޕަރޭޝަނެއް ވެސް ކުރައްވާފައެވެ. އަދި އެމަނިކުފާނުގެ ފުއްޕާމޭގައި އިންފެކްޝަން އުފެދިފައިވާއިރު، އެމަނިކުފާނު އޭރު ގެންދެވީ ކޮވިޑް-19 އަށް ޕޮޒިޓިވްވެ، ވެންޓިލޭޓަރުގައި ފަރުވާ ހޯއްދަވަމުންނެވެ. އޭރު އެމަނިކުފާނު އޮންނެވީ ވެސް ކޯމާއެއްގައެވެ.