ކ. މާލެ
|
31 އޯގަސްޓް 2020 | ހޯމަ 19:06
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން
ރައްޔިތުންގެ މަޖިލިސް
ބޮންޑް އިޝޫކުރުން
ކަނޑައަޅާފައިވާ ވަރަށް ވުރެ އިތުރަށް ބޮންޑު ވިއްކުމަށް މަޖިލީހުން ރުހުންދީފި
ބަޖެޓްގައި ހިމަނާފައިވާ 5.55 ބިލިއަން ރުފިޔާއަށް ވުރެ އިތުރަށް ސެކިޔުރިޓީ އިޝޫކުރުމުގެ ހުއްދަ ދިނުމަށް މަޖިލީހަށް ފެނޭ
ބަޖެޓްގައި ހިމެނޭ ނެޓް ފައިނޭންސްގެ އަދަދުކަމުގައިވާ 6.044 ބިލިއަން ރުފިޔާއަށްވުރެ އިތުރުނުވާނެ ހެން ބަޖެޓް ނެޓް ފައިނޭންސިން ހިފެހެއްޓުމަށް ވަނީ އެދިފައި

ދައުލަތުގެ ބަޖެޓްގެ ތެރެއިން ނެޓް ފައިނޭންސްގެ ގޮތުގައި 604 ބިލިއަން ރުފިޔާއަށްވުރެ އިތުރުނުވާނެ ހެން ބަޖެޓްގެ ނެޓް ފައިނޭންސިންގ ހިފެހެއްޓުމަށް ސަރުކާރަށް ދަންނަވާއި ބޮންޑު ވިއްކުމުގެ ހުއްދަ ރައްޔިތުންގެ މަޖިލީހުން ދީފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ އެންމެ ފަހު ޖަލްސާއަށް މަޖިލީހުގެ ރައީސްގެ މޭޒުން ހުށަހަޅާ ކަންކަމުގެ ތެރެއިން ސަރުކާރުން ސެކިޔުރިޓީ އިޝޫކުރުމާއި ގުޅޭގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ފޮނުވާފައިވާ މައްސަލަ އެއް ވަނީ އެޖެންޑާކޮށްފައެވެ. ސެކިޔުރިޓީ އިޝޫކުރުމާއި ގުޅޭގޮތުން އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް މަޖިލީހުގެ ލަފަޔަކަށް އެދި ފޮނުއްވާފައިވާ ސިޓީގައި ވަނީ ދައުލަތުގެ ބަޖެޓުގައި ބޮޮންޑު ވިއްކައިގެން ހޯދުމަށް ކަނޑައަޅާފައިވާ އާމްދަނީ އަށްވުރެ އިތުރަށް ބޮންޑު ވިއްކުމަށް ރައްޔިތުންގެ މަޖިލީހުގެ ލަފާ ހޯދަން ޖެހޭތޯ ސާފުކޮށްދެއްވުމަށް އެދިލައްވާ ކަމަށެވެ.

އަދި އެއަށްވުރެ އިތުރަށް ދަރަނި އިތުރު ކުރެވޭނީ ކިހާ މިންވަރަކަށްތޯ ސާފުކޮށްދިނުމަށް ވެސް ގަވަރުނަރު ވަނީ އެދިވަޑައިގެންފައެވެ.

ދައުލަތުގެ ބަޖެޓުގައި، 2018 އިން 2022 ގެ ނިޔަލަށް ރާއްޖެއިން ބޭރަށް ބޮންޑު ނުވަތަ ސުކޫކު ވިއްކައިގެން 4.26 ބިލިއަން ރުފިޔާ ހޯދުމަށް ވަނީ ހިމަނާފައެވެ. ރާއްޖޭގެ ފަރާތްތަކަށް ބޮންޑާއި ޓީބިލު ވިއްކައިގެން 930 މިލިއަން ރުފިޔާ ހޯދަންވެސް ވަނީ ބަޖެޓްގައި ހިމަނާފައެވެ.

ސަރުކާރުގެ ސެކިޔުރިޓީ އިޝޫ ކުރުމުގައި އެމްއެމްއޭއިން އަމަލު ކުރަނީ ކުރިން ފާހަގަކުރި ދެ އަދަދު ގެ ޖުމްލަ ކަމުގައިވާ 5.56 ބިލިއަން ރުފިޔާއަށް ވުރެ ސެކިޔުރިޓީގެ ނެޓް އިޝުއަރަންސް އިތުރުނުވާ ގޮތަށް ބަލައިގެން ކަމަށް ގަވަރުނަރު ވަނީ ވިދާޅުވެފައެވެ. ނަމަވެސް ސްޓޭޓް ބޭންކް އޮފް އިންޑިޔާ އިން އިޝޫ ކުރުމަށް މަސައްކަތް ކުރަމުންދާ ޓްރެޝަރީ ބޮންޑް އިޝޫކޮށްފިނަމަ މިއަދަދަށް ވުރެ ޖުމްލަ އިތުރު ވެގެންދާނެ ކަމަށް ގަވަރުނަރު ވިދާޅުވިއެވެ.

މީގެއިތުރުން ދައުލަތުގެ ބަޖެޓްގައި ހިމެނޭ ނެޓް ފައިނޭންސިންގެ އަދަދު ކަމުގައިވާ 6.44 ބިލިއަން ރުފިޔާއަށްވުރެ އިތުރަށް ސަރުކާރުން އަހަރު ތެރޭގައި ދަރަނި ނެގިދާނެ ކަމަށާއި އެހެންނަމަވެސް އަހަރު ނިމުމުގެކުރިން ނެޓް ފައިނޭންސިންގެ އަދަދު 6.44 ބިލިއަން ރުފިޔާއަށްވުރެ އިތުރު ނުވާނެ އަދަދަކަށް ދަރަނި ކުޑަނުކުރެވިއްޖެނަމަ ބަޖެޓާއި އެއްގޮތަށް އަމަލުކުރެވުނު ކަމަށް އެޓާރނީ ޖެނެރަލް ގެ އޮފީހުން މިނިސްޓްރީ އޮފް ފިނޭންސަށް ލަފާދެއްވާފައިވާ ކަމަށް މިސިޓީގައި ބަޔާންކޮށްފައިވެއެވެ.

ސަރުކާރުން ސެކިޔުރިޓީސް އިޝޫކުރަނީ ސަރުކާރުގެ އެޖެންޓެއްގެ ހައިސިއްޔަތުން މިއޮތޯރިޓީ މެދުވެރިކޮށް ކަމަށްވާތީ ސެކިޔުރިޓީޒް ވިއްކައިގެން ފައިނޭންސް ހޯދުމަށް ބަޖެޓްގައި ހިމަނާފައިވާ ފަސް ބިލިއަން ފައްސަތޭކަ ފަންސާސް ހަ މިލިއަން ހަތް ލައްކަ ތޭރަހާސް ދުއިސައްތަ ހަތް ރުފިޔާއަށްވުރެ އިތުރަށް ސަރުކާރުން ސެކިޔުރިޓީސް އިޝޫކުރުމަށް ތިޔަ މަޖިލީހުގެ ހުއްދައެއް ހޯދުމަށް ޖެހޭތޯ ސާފުވުމަށް ބޭނުންވާތީ މިކަން ސާފުކޮށް ދިނުމަށް އެދި ދެންނެވިން. އަދި މިއަދަދަށްވުރެ އިތުރަށް ސަރުކާރަށް ސެކިޔުރީޓިސް އިޝޫކުރެވޭނަމަ ފާސްކުރެވޭ ބަޖެޓްގެ ތެރެއިން އެންމެ ގިނަވެގެން އިޝޫކުރެވޭ އަދަދު ވެސް އަންގަވައިދެއްވުން އެދެން.
އެމްއެމްއޭއިން މަޖިލީހަށް ފޮނުވި ސިޓީ

މިކަން އިތުރަށް ދިރާސާކުރުމުގެ މަސައްކަތް ކުރައްވާފައިވަނީ މާލިއްޔަތު ކޮމިޓީއާއި މަޖިލީހުގެ މެޖޯރިޓީ ލީޑަރާއި މައިނޯރިޓީ ލީޑަރު ހިމެނިވަޑައިގެންނެވެ. އެއަށްފަހު ކޮމިޓީން ނިންމި ގޮތް ތަޅުމަށް ހުށަހަޅުއްވަމުން މާލިއްޔަތު ކޮމިޓީގެ މުގައްރިރު ކިނބިދޫ ދާއިރާގެ މެމްބަރ މުހައްމަދު ނާޝިޒު ވިދާޅުވީ 2020 ވަނަ އަހަރުގެ ބަޖެޓްގައި ހިމަނާފައިވާ 5.55 ބިލިއަން ރުފިޔާއަށް ވުރެ އިތުރަށް ސެކިޔުރިޓީ އިޝޫކުރުމުގެ ހުއްދަ ދިނުމަށް މަޖިލީހަށް ފެންނަ ކަމަށެވެ.

އެމްއެމްއޭގެ ސިޓީ އާ ހަވާލާދީ ފައިނޭންސް ހޯދުމަށް 2020 ވަނަ އަހަރުގެ ބަޖެޓްގައި ހިމަނާފައިވާ 5.55 ބިލިއަން ރުފިޔާ އަށް ވުރެ އިތުރަށް ސަރުކާރުން ސެކިޔުރިޓީ އިޝޫކުރުމުގެ ހުއްދަ މިމަޖިލީހުން ދިނުމަށް ފެންނަކަމަށާއި އެގޮތުން މިއަހަރު ނިމުމުގެކުރިން މިއަހަރަށް ފާސްކޮށްފައިވާ ބަޖެޓްގައި ހިމެނޭ ނެޓް ފައިނޭންސްގެ އަދަދުކަމުގައިވާ 6.044 ބިލިއަން ރުފިޔާއަށްވުރެ އިތުރުނުވާނެ ހެން ބަޖެޓް ނެޓް ފައިނޭންސިން ހިފެހެއްޓުމަށް ސަރުކާރަށް ދެންނެވުމަށް ހުށަހަޅަން.
ކިނބިދޫ ދާއިރާގެ މެމްބަރ މުހައްމަދު ނާޝިޒު

ހޯމަ ދުވަހުގެ ޖަލްސާގައި ވަނީ މި ނިންމުން ފާސްކުރަން ފެނޭތޯ ވޯޓަށް އައްސަވާފައެވެ. އެގޮތުން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 65 މެމްބަރުން ވަނީ މި ނިންމުން ފާސްކުރުމަށް ވޯޓު ދެއްވާފައެވެ.

- ކޮމެންޓް