ވިޔަފާރިއާއި ގުޅޭ އުސޫލުތައް ބަޔާންކޮށް މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ޤާނޫނަށް އަމަލުކުރަން ފަށައިފިއެވެ.
މި ގާނޫނަކީ ދިވެހިރާއްޖޭގައި މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތަކުގެ ޙައްޤުތައް ކަނޑައަޅައި، އެ ޙައްޤުތައް ޙިމާޔަތްކުރުމާއި، މުދާ ވިއްކާ ނުވަތަ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ޒިންމާތައް ކަނޑައަޅައި، މުދާ ވިއްކުމުގައި އަދި ޚިދުމަތް ފޯރުކޮށްދިނުމުގައި ހުންނަންޖެހޭނެ މިންގަނޑުތައް ކަނޑައަޅާ، އެ މިންގަނޑުތަކާ ޚިލާފުވާ ފަރާތްތަކާމެދު ފިޔަވަޅުއެޅުމުގައި ޢަމަލުކުރާނެ އުސޫލުތައް ބަޔާންކުރާ ގާނޫނެވެ.
މި ގާނޫނުގެ މަގްސަދުތަކުގެ ތެރޭގައި 7 ކަމެއް ހާސިލް ކުރުމަށް ހިމަނާފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތަކުގެ ޙައްޤުތައް ކަނޑައެޅުމާއި، ވިއްކާ މުދަލެއްގައި ނުވަތަ ދެވޭ ޚިދުމަތެއްގައި ހުންނަންޖެހޭ ޝަރުޠުތައް ކަނޑައެޅުމާއި، މުދާ ވިއްކާ ފަރާތްތަކާއި ޚިދުމަތްދޭ ފަރާތްތަކުގެ ޒިންމާތައް ކަނޑައެޅުމުގެ އިތުރުން މުދާ ވިއްކުމުގައި ނުވަތަ ޚިދުމަތް ދިނުމުގައި ކުރުން މަނާ ކަންކަން ބަޔާންކުރުން ހިމެނެއެވެ.
މީގެ އިތުރުން މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ބަދަލު ލިބިދޭންޖެހޭ ޙާލަތްތަކުގައި ބަދަލުގެ މިންވަރު ކަނޑައެޅުމާބެހޭ އުސޫލުތައް ބަޔާންކުރުމާއި، އިލެކްޓްރޯނިކް ޒަރީއާއިން މުދާ ވިއްކާ ފަރާތްތަކާއި ޚިދުމަތް ދޭ ފަރާތްތަކުން ޢަމަލުކުރަންޖެހޭ އުސޫލުތައް ބަޔާންކުރުން އަދި މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތަކުގެ ޙައްޤުތައް ހިފެހެއްޓުމާގުޅޭ ނުވަތަ ނިގުޅައިގަތުމާގުޅޭ މައްސަލަތައް ބަލާނެ ކޮންސިއުމަރ އޮމްބަޑްސްމަންގެ މަޤާމު އުފެއްދުމާއި، ކޮންސިއުމަރ އޮމްބަޑްސްމަންގެ ބާރުތަކާއި މަސްއޫލިއްޔަތުތައް ކަނޑައެޅުމެވެ.
މި ގާނޫނުގެ ތިންވަނަ ބާބުގައި މުދާ ގަންނަ ފަރާތްތަކުގެ ހައްގުތަކެއް ހިމެނިފައިވެއެވެ. އޭގެ ތެރޭގައި މުދާ ވިއްކާ ފަރާތާއި މުދާ ގަންނަ ފަރާތާ ދެމެދު ވަކިގޮތަކަށް އެއްބަސްނުވެ ގަނެފައިވާ މުދަލަކީ މި ޤާނޫނުގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފެންވަރަށް ނުފެތޭ މުދަލެއްނަމަ، އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި އެ މުދާ އަނބުރާ ވިއްކާ ފަރާތަށް ރައްދުކުރުމުގެ ޙައްޤު ނުވަތަ އެ މުދަލެއް ގަތުމަށް ދިން އަގު ނުވަތަ އެ މުދަލުގެ ބަދަލުގައި ހަމަ އޭގެ މުދަލެއް ލިބިގަތުމުގެ ޙައްޤު މުދާ ގަންނަ ފަރާތަށް ލިބިގެންވެއެވެ.
މި ގާނޫނުގެ 6 ވަނަ މާއްދާގައި ބުނެފައިވަނީ މުދަލުގެ ފެންވަރެވެ. އެގޮތުން މުދަލެއް ވިއްކާއިރު އެ މުދަލަކީ ބަލައިގަނެވޭ ފެންވަރުގެ މުދަލެއް ކަމުގައި ވުމުގެ އިތުރުން މުދަލުގައި ވަކި ޝަރުޠުތަކެއް ބަޔާންކޮށްފައިވެއެވެ.
މުދާ ގަންނަ ފަރާތްތަކުގެ ހައްގުތަކުގެ ބާބުގައި އިތުރަށް ބުނެފައިވަނީ އެކަށީގެންވާ މުއްދަތު ކަނޑައެޅުމުގައި ބަލާނީ، ބައެއް ކަންކަމަށް ރިޢާޔަތްކޮށް، މުދާ ގަންނަ ވަގުތުން ފެށިގެން، އެ މުދަލެއްގައި ހުރި މައްސަލަތައް މުދާ ގަންނަ ފަރާތުގެ ސަމާލުކަމަށް އަންނާނެކަމަށް ލަފާކުރެވޭ މުއްދަތެއް ކަނޑައެޅުމަށެވެ. ރިއާޔަރްކުރާ ކަންތައްތަކުގެ ތެރޭގައި މުދާ ބޭނުންކުރެވޭ ޙާލަތާއި، މުދާ ބޭނުންކުރާނެކަމަށް ލަފާކުރެވޭ އެކަށީގެންވާ މުއްދަތު އަދި މުދަލުގެ ބާވަތުން، އެ މުދަލެއް ބޭނުންކުރުމުން އެ މުދަލުގައި ހުރި މައްސަލަތައް އެނގޭނެކަމަށް ލަފާކުރެވޭ އެކަށީގެންވާ މުއްދަތު ހިމެނެއެވެ.
މި ގާނޫނުގެ 4 ވަނަ ބާބުގައި ބުނެފައިވަނީ ލިބިގަންނަ ޚިދުމަތެއްގައި ހުންނަންޖެހޭ ޝަރުޠުތަކެވެ. އެގޮތުން ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ ވިޔަފާރިތަކަށް އަދި ރަޖިސްޓަރީކުރުމަށް ޤާނޫނު ލާޒިމްކުރާ، އެހެންނަމަވެސް ރަޖިސްޓަރީނުކޮށް ހިންގާ ވިޔަފާރިތަކަށް މި ބާބު ހިނގާނެއެވެ.
މި ގާނޫގެ 5 ވަނަ ބާބުގައި ހިމަނާފައިވަނީ ޚިދުމަތް ލިބިގަންނަ ފަރާތްތަކުގެ ޙައްޤުތަކެވެ. އެގޮތުން ޝަރުޠު ފުރިހަމަވެފައިނުވަނީ، ޚިދުމަތްދޭ ފަރާތް ނޫން އެހެން ފަރާތަކުން ކޮށްފައިވާ ޢަމަލެއް ނުވަތަ ނުކޮށް ދޫކޮށްލާފައިވާ ޢަމަލަކުން ނުވަތަ ދީފައިވާ އިރުޝާދަކާ އެއްގޮތަށް ޢަމަލުކުރުމުން ކަމަށްވުމާއި، ޝަރުޠު ފުރިހަމަ ވެފައިނުވަނީ، މީހަކަށް ބާރުނުފޯރުވޭނެފަދަ ކަމެއްގެ ސަބަބުން ކަމުގައިވުން ފިޔަވައި އެހެން ޙާލަތްތަކުގައި ލިބިގަންނަ ޚިދުމަތެއްގައި މި ޤާނޫނުގައި ބަޔާންކޮށްފައިވާ ޝަރުޠެއް ފުރިހަމަނުވެގެން ނުވަތަ ޤާނޫނުގެ އެހެން މާއްދާއަކާ ޚިލާފުވެގެން، އެކަމަކާ ގުޅިގެން ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދުމަށް ދަޢުވާކުރުމުގެ ޙައްޤު ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ލިބިގެންވެއެވެ.
އޮންލައިންކޮށް ކުރާ ވިޔަފާރިތަކާއި ދެވޭ ހިދުމަތުގެ މައްޗަށް މި ގާނޫނު ހިނގާނެއެވެ. މި ޤާނޫނުގެ ދެ ވަނަ ބާބު އަދި ތިން ވަނަ ބާބުގައި މުދަލެއްގައި ނުވަތަ ޚިދުމަތެއްގައި ފުރިހަމަވާންޖެހޭނެކަމަށް ބަޔާންކޮށްފައިވާ ޝަރުޠުތަކުގެ އިތުރަށް، މަދުވެގެން ހަތަރު ކަމެއް އިލެކްޓްރޯނިކް ޒަރީއާއިން މުދާ ވިއްކުމުގައި ނުވަތަ ޚިދުމަތެއް ދިނުމުގައި މުދާ ގަންނަ ފަރާތަށް ނުވަތަ ޚިދުމަތް ލިބިގަންނަ ފަރާތަށް ދޭންވާނެއެވެ.