ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ ވެރިކަމުގައި ނޭޝަނަލް ޓެންޑަރ ބޯޑުން އެވޯޑް ކުރި ޕްރޮޖެކްޓްތަކުގެ ޖުމްލަ އަދަދަށްވުރެ ގިނަ ޕްރޮޖެކްޓްތައް މިސަރުކާރުގައި މިހާރު އެވޯޑް ކުރެވިފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ.
ރާއްޖެ ޓީވީގެ "ފަލަ ސުރުޚީ" ޕްރޮގްރާމްގައި މިނިސްޓަރު އަމީރު ވިދާޅުވީ ކޮވިޑް-19ގެ ހާލަތުގައި ވެސް ތަރައްގީއަށް ހިންގާ މަޝްރޫއުތައް ނުހުއްޓި ކުރިއަށްދާ ކަމަށެވެ. އެގޮތުން މިހާރު ވެސް ގާތްގަނޑަކަށް 65 ޕްރޮޖެކްޓް މަސައްކަތް ކުރިއަށްދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އޭގެ ތެރޭގައި ކޯސްޓަލް ޕްރޮޓެކްޝަންގެ 2 ޕްރޮޖެކްޓް، ހަރބާގެ 9 ޕްރޮޖެކްޓު، ތައުލީމީ ދާއިރާގެ 2 ޕްރޮޖެކްޓު، ފެނާ ނަރުދަމާގެ ގާތްގަނޑަކަށް 31 ޕްރޮޖެކްޓު، ވޭސްޓް މެނޭޖްމެންޓްގެ ގާތްގަނޑަކަށް ހަތަރު ޕްރޮޖެކްޓް އެބަ ކުރިއަށްދާ ކަަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ރާއްޖޭގެ 88 ރަށުގައި ޕްރޮޖެކްޓްތަކުގެ ތެރެއިން ގާތްގަނޑަކަށް 67 ޕްރޮޖެކްޓް ނިމިފައިވާކަން ފާހަގަކުރައްވައި މިނިސްޓަރު އަމީރު ވިދާޅުވީ މިހާތަނަށް 233 ޕްރޮޖެކްޓް ވަނީ އެވޯޑްކޮށްފައިވާ ކަމަށެވެ.
2019 ވަނަ އަހަރުން ފެށިގެން އަޅުގަނޑުމެން ސަރުކާރާ ހަވާލުވި ހިސާބުން ފެށިގެން މިއަދާ ހަމައަށް ބަލާއިރު ގާތްގަނޑަކަށް 6.3 ބިލިއަން ރުފިޔާ ޕްރޮޖެކްޓްތައް އަޅުގަނޑުމެން މިހާރު ވަނީ އެވޯޑް ކޮށްފައި. 2020 ވަނަ އަހަރަށް ގާތްގަނޑަކަށް ދެބިލިއަން ރުފިޔާ 2019 ވަނަ އަހަރު ހަމައެކަނި ނޭޝަނަލް ޓެންޑަރ ބޯޑުން ގާތްގަނޑަށް 150 ޕްރޮޖެކްޓް އެއީ 4.1 ބިލިއަން ރުފިޔާ ޕްރޮޖެކްޓް އަޅުގަނޑުމެން އެވޯޑް ކޮށްފައިވާނެ.ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް އަލިއަޅުއްވާލައްވާ މިނިސްޓަރު އަމީރު ވިދާޅުވީ 2018 ވަނަ އަހަރު 39 ޕްރޮޖެކްޓެއް 254 މިލިއަން ރުފިޔާ، 2017 ވަނަ އަހަރު 53 ޕްރޮޖެކްޓް 851 މިލިއަން ރުފިޔާ، 2016 ވަނަ އަހަރު 85 ޕްރޮޖެކްޓް 1.7 ބިިލިއަން ރުފިޔާ، 2015 ވަނަ އަހަރު 115 މިލިއަން ރުފިޔާ، އަދި 2014 ވަނަ އަހަރު 1.6 ބިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ކަަމަށެވެ.
މިނިސްޓަރު އަމީރު ވިދާޅުވީ ކުރީގެ ސަރުކާރުން ނޭޝަނަލް ޓެންޑަރ ބޯޑުން އެވޯޑް ކުރި ޕްރޮޖެކްޓްތަކުގެ ޖުމްލަ އަދަދަށްވުރެ ގިނަ ޕްރޮޖެކްޓްތައް މިފާއިތުވެދިޔަ ދެއަހަރު ދުވަހުގެ ތެރޭގައި އެވޯޑް ކުރެވިފައިވާ ކަމަށެވެ.