ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާކޮށްފައިވާ ހުރިހާ ކަމެއް ނިމެންދެން ޖަލްސާ ކުރިއަށްދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުން ބުނެފިއެވެ،
ހޯމަ ދުވަހުގެ ޖަލްސާގައި ރިޔާސަތު ބަލަހައްޓަވަމުން ގެންދަވާ، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވަނީ މިއީ މި ދައުރުގެ އެންމެ ފަހު ޖަލްސާ ކަމުން ވަރަށް ގިނަ މަސައްކަތްތައް އެޖެންޑާ ކުރެވިފައިވާކަން ފާހަގަކުރައްވާފައެވެ.
އަދި މިއަދު ދައުރު ނިންމާލަން މެމްބަރުން ބޭނުންވެލައްވާނަމަ އެޖެންޑާ ކުރެވިފައިވާ މަސައްކަތްތައް ނިންމަން ޖެހޭ ކަަން ވެސް ފާހަގަކުރެއްވިއެވެ.
އަޅުގަނޑު މި ގަސްތުކުރަނީ އެހެންވީމަ ވޯޓު ގަޑިއަކަށްވާނީ މިއަދު ވޯޓަށް އަހަން ހުރި ކަންކަން ވޯޓަށް އަހާ، ވޯޓަކާއި ހަމަޔަށް ދިޔައީމާ ދެން ވޯޓަށް އެހުން. އޭގެ މާނައަކީ އިއްޒަތްތެރި މެމްބަރުންނަށް ވަކި ގަޑިއެއްގައި އެނގިވަޑައެއް ނުގަންނަވާނެ މިއަދު ވޯޓަށް އަހާނެ. ފަސް މިނެޓުގެ ރަނގަބީލުގައި، ގަވާއިދުގަވާގޮތުން ފަސްމިނެޓުގެ ރަނގަބީލުގެ ނޯޓިހެއް ލިބިވަޑައިގަންނަވާނެ. އެކަމު އެއަށް ވުރެ އިތުރު ނޯޓިސް އެއް ލިބިވަޑައެއް ނުގަންނަވާނެ. އެކެއް ޖަހާއިރަކު، ދެ ގަޑިބަޔަކު ނޫން، އަޅުގަނޑަށް ލަފާ ކުރެވެނީ މިއަދު ވޯޓަށް އެހޭނީ. މިއަދުގެ ޖަލްސާ ކިތަންމެ ދިގުވެގެން ދާން ޖެހުނަސް، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މިއަދުގެ މަސައްކަތް ނިންމާފަ މިއަދުގެ ޖަލްސާ ނިންމަން މި ގަސްތުކުރަނީ.ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ
މަޖިލިސް ތިން ދައުރަކަށް ބެހިގެންދާއިރު މިހާރު ހިނގަމުން މިދަނީ މިއަހަރުގެ 2 ވަނަ ދައުރުގެ ފަހު ޖަލްސާއެވެ.
މިއަދުގެ ޖަލްސާގައި ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދު އާއި ސުވާލުކުރައްވާފައިވާއިރު، ޓުއަރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމަށް ރުހުންދިނުމުގެ މައްސަލަ ވަނީ އެޖެންޑާ ކުރެވިފައެވެ. ސަރުކާރުން ސެކިއުރިޓީ އިޝޫ ކުރުމާ ގުޅޭގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ފޮނުއްވާފައިވާ މައްސަލަ ވެސް ވަނީ އެޖެންޑާކޮށްފައެވެ.
މީގެއިތުރުން، 18 ކޮމިޓީ ރިޕޯޓެއް ހުށައަޅާ ބަހުސް ކުރުމަށް ވަނީ އެޖެންޑާކުރެވިފައެވެ. މިއަދުގެ ޖަލްސާގައި އެޖެންޑާގައި ވޯޓަށް އަހަން ޖެހޭ ހުރިހާ ކަމަކަށް ވޯޓަށް އަހާނެއެވެ.