ކޮވިޑް-19 އަށް ޕޮޒިޓިވްވެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ހާލުކޮޅު ރަނގަޅު ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
ބުދަ ދުވަހުގެ މެންދުރު އެމަނިކުފާނު ކުރެއްވި ޓުވީޓެއްގައި ވަނީ އަވަސް ޝިފާއަކަށް އެދުނު ރައްޓެހިންނާއި އެމަނިކުފާނަށް ހެޔޮ އެދޭ ފަރާތްތަކަށް ޝުކުރު އަދާ ކުރާއްވާފައެވެ. އަދި އެމަނިކުފާނު ވަނީ ހުރިހާ އެންމެން ވެސް މުސީބާތްތަކުން ސަލާމަތް ކޮށްދެއްވުމަށް އެދި މާތްﷲ ހަޟްރަތުން ދުޢާ ދަންނަވާފައެވެ.
ރައީސް މައުމޫން މިހެން ވިދާޅުވެފައިވާއިރު އެމަނިކުފާނުގެ ދަރިކަނބަލުން ޔުމްނާ މައުމޫން ވެސް ވަނީ މާތްﷲ އިރާދަފުޅުން ބައްޕަ ހާލުކޮޅު ރަނގަޅު ކަމަށް ވިދާޅުވެފައެވެ. އަދި އަލާމަތްތައް ހުރީ ކުޑަކޮށް ކަމަށް ވިދާޅުވިިއެވެ.
ރައީސް މައުމޫން ކޮވިޑަށް ޕޮޒިޓިވްވިކަން ހާމަކުރައްވާފައިވަނީ އަންގާރަ ދުވަހުގެ ރޭ ކުރެއްވި ޓުވީޓެއްގައެވެ. އެމަނިކުފާނުގެ އެ ޓުވީޓުގައި ވަނީ ޕޮޒިޓިވްވި ވާހަކަ ވިދާޅުވެ ވައިރަސް ޖެހިފައިވާ އެހެން މީހުންނަށް ވެސް ބަލިން ޝިފާ ދެއްވުމަށް އެދި ދަންނަވާފައެވެ.
ރައީސް މައުމޫން ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު އެމަނިކުފާނު އަނބިކަނބަލުން ނަސްރީނާ އިބްރާހިމް ވަނީ މީގެ ކުރިން ކޮވިޑަށް ޓެސްޓު ކުރައްވާފައެވެ. އެކަމަނާ ވަނީ ކޮވިޑަށް ނެގެޓިވްވެފައެވެ.
ރައީސް މައުމޫންގެ އުމުރުފުޅަކީ 83 އަހަރު އެވެ. އެ އުމުރު ފުރާއަކީ ކޮވިޑް-19ގެ ހައި ރިސްކް ކެޓަގަރީ އެވެ.