ކޮވިޑާއި ގުޅިގެން ހާރިޖީ ވުޒާރާއިން ހަރަދު ކުރީ ގާނޫނާއި ގަވާއިދާއި އެއްގޮތަށް ކަމަށް އޮޑިޓަރ ޖެނެރަލް ނެރުއްވި ރިޕޯޓުން ފާހަގެވެފައިވާތީ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު މުވައްޒަފުންނަށް ތައުރީފު ކުރައްވައިފިއެވެ.
މިކަމާއި ގުޅިގެން ހާރިޖީ ވަޒީރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ހާރިޖީ ވުޒާރާއިން ކުރި ޚަރަދުތަކަކީ ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި، ދައުލަތުގެ މާލިއްޔަތުގެ ޤަވާއިދާއި، މިނިސްޓްރީ އޮފް ފިނޭންސުން ކަނޑައަޅުއްވާފައިވާ އުޞޫލުތަކާއި އަދި ޚަރަދު ކުރުމަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން އެކުލަވާލާފައިވާ އުޞޫލުތަކާއި އެއްގޮތަށް ކޮށްފައިވާ ޚަރަދުތަކެއް ކަމަށް އޮޑިޓް އޮފީހުން ކުރެއްވި އޯޑިޓަށްފަހު ނެރުއްވި ރިޕޯޓްގައި ކަނޑައަޅާފައިވާތީ ވުޒާރާގެ ވެރިންނާއި، ހުރިހާ މުވައްޒަފުންނާއި، އަދި ރާއްޖެއިން ބޭރުގައި ހުރި ދިވެހި ޑިޕްލޮމެޓިކް މިޝަންތަކުގައި ތިއްބެވި ސަފީރުންނާ މުވައްޒަފުންނަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
ވަޒީރު ވިދާޅުވީ، މިއީ މުއައްޒަފުންގެ ބުރަ މަސައްކަތުން ހާސިލުވި ކާމިޔާބީއެއް ކަމަށާއި މި އޮޑިޓް ރިޕޯޓުން ސާބިތުވެގެން ދިޔައީ މުޅި ދުނިޔެ ކޮވިޑްގެ ނުރައްކަލާއި ކުރިމަތިލައި، ޤައުމުތައް ފުރަބަންދަށް ގޮސް، ބޯޑަރުތައް ބަންދު ކުރުމުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވި ބޮޑެތި ދަތިތައް ހައްލު ކުރުމުގަޔާއި، ރާއްޖެއިން ބޭރުގައި ޙާލުގައި ޖެހުނު ދިވެހިން ރާއްޖެ އަނބުރާ ގެނައުމުގައި އެހީތެރިވެ ދިނުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙްގެ ލަފާ ފުޅާ އިރުޝާދުގެ ދަށުން ފޮރިން ސާރވިސްގެ މުވައްޒަފުން ރެޔާ ދުވާލު ކުރެއްވި ބުރަ މަސައްކަތް ކުރެއްވުމުގައި އެންމެ އިސްކަމެއް ދެއްވީ ތެދުވެރިކަމާ، އަމާނާތްތެރިކަމާ، ނަޒާހަތްތެރިކަމާއެކު ރައްޔިތުންނަށް ޚިދުމަތް ކުރުމަށް ކަމަށެވެ.
އަދި ރައީސް ސޯލިހު ގެންގުޅުއްވާ "ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސް" ސިޔާސަތަށް ޢަމަލާއި ބަހުން ފޮރިން ސާރވިސަސްގެ އެންމެހާ މުވައްޒަފުން އިޖާބަ ދެމުންދާ ކަމުގެ ހެއްކެއް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. ރާއްޖެއަށް ބޭނުންވާ އަސާސީ ކާޑާ ހަކަތައިގެ ބާވަތްތަކާއި ބޭހާ އެނޫންވެސް ޒަރޫރީ ތަކެތި ހުސްނުވެ ރާއްޖެއަށް ލިބޭނެ މަގު ފަހިކޮށް ދިނުމުގައި ވެސް ހާރިޖީ ވުޒާރާއިން ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ.