ރައީސް އަބްދުﷲ ޔާމިން ފެކްޝަނުގައި ތިބި މަޖިލިސް މެމްބަރުންނަކީ މޮޔައިން ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ.
ތިމަރަފުށީ ޖަލްސާގައި ވާހަކަދައްކަވަމުން ރޮޒެއިނާ ވިދާޅުވީ ވަކި މީހަކަށް ވަކި ގޮތަށް ހަދައި މި ނިޒާމް ގަޑުބަޑު ކުރަމުން ގޮސް ޤާނޫނު އަސާސީއަށް ބޭނުން އިރަކު ބޭނުން ބަދަލެއް ގެންނަމުންދަނީ ރައްޔިތުންނާ މެދު ކުޑަކޮށް ވެސް ވިސްނާލުމެއް ނެތި ކަމަށެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ގެންގޮސް ޖަލަށްލިއިރު ޤާސިމް ހަރަދުކުރައްވައިގެން ހޮވާފައި ތިބި މަޖިލިސް މެމްބަރުން ބަލަން ތިބީ އިންސާފްގެ ކުޑަ މިންވަރެއް ވެސް ސިނކުޑީގައި ނެތުމުން ކަމަށް ޤަބޫލުކުރެއްވޭ ކަމަށް ރޮޒެއިނާ ވިދާޅުވި އެވެ.
ވިލިމާލެ މެމްބަރު އަހްމަދު ނިހާން ހުސެއިން މަނިކަށް ފާޑު ވިދާޅުވެ ވާހަކަދައްކަވަމުން ރޮޒައިނާ ވިދާޅުވީ ނިހާނު ވެސް ބެރިކޭޑް މަތިން ފުންމާލާ މަންޒަރު ފެންނަ ވީޑީއޯ އާންމުވެފައިވާއިރު އެކަމަށް އެއްވެސް އިންސާފެއް ނެތި މެމްބަރު އަހްމަދު މަހްލޫފަށް ހުކުމްކޮށް ޖަލުގައި އޮތީ ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދު ހުރަސް ކުރުމުގެ ތުހުމަތުގައި ކަމަށެވެ.
އެހެން ކަމުން މެމްބަރު ނިހާނުގެ މައްޗަށް ތަހްގީގެއް ނުކޮށް މެމްބަރު މަހުލޫފްގެ މައްޗަށް ހުކުމް ކުރުމަކީ މިސަރުކާރުގެ އެއްވެސް އިންސާފެއް ނެތުން ކަމަށް ވެސް ރޮޒައިނާ ވިދާޅުވިއެވެ.
މިސަރުކާރަށް ވޯޓްދޭން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށާއި ކަރަންޓް ބިލް ބޮޑުވެ ރައްޔިތުން ކަނު އަނދިރީގައި ތިބެން ޖެހުމަކީ ޤާބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.
އެހެންނަމަވެސް މިސަރުކާރުގެ އިސް ފަރާތްތަކުން މިދަނީ ރައީސް ޔާމިންއަށް ސަނާ ކިޔަމުން ކަމަށާއި އަދި މިކަމުގައި ވަޒީފާގެ ބިރުދެއްކުމަށް ފަހު ސަރުކާރުގެ ކުންފުނިތަކުގައި ތިބި ފަރާތްތައް ވެސް ބައިވެރި ކުރަމުންދާ ކަމަށް ރޮޒައިނާ ވިދާޅުވި އެވެ. އަދި އެއްވެސް މީހަކަށް ބިރު ނުދެއްކޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ކަރަންޓް ބިލް ބޮޑުވީމާ ކާކުތޯ އެކަމާ އުފާވާނީ. ވޭމަންޑޫގައި ކަރަންޓްދެނީ ބައިގަޑިން ބައިގަޑިން. ރައްޔިތުން މިތިބެނީ އަނދިރީގައި. ތާއީދު ނުކުރާ މީހަކަށް ސަނާ ކިޔަން ޖެހުނީމާ ވާނީ ކިހިނެއްތޯ؟ މިއަދު ވަޒީފާގެ ބިރުވެރިކަމާއި އެކު އެއްވެސް ކަމެއް ނުވާން ބޭނުންވަނީ ކާކުތޯ؟" ރޮޒެއިނާ ވިދާޅުވި އެވެ.
އެމްއެމްޕީއަރްސީގައި ހުރީ ރައްޔިތުންގެ ފާއިސާ ކަމަށާއި އެފާއިސާއިން ޚިޔާނާތްތެރިވެފައިވާ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.
ރޮޒައިނާ ވިދާޅުވީ މިސަރުކާރުގެ ފިއްތުންތަކާއި އެކުވެސް އަދި ތަރައްޤީ ލިބޭނީ ސަރުކާރުގެ ކެންޑިޑޭޓަކަށް ވުމުން ކަމަށް މިސަރުކާރުން ބުނަމުންދާއިރު އެކަމަށް ގޮން ޖައްސަވައި އެމްޑީޕީގެ ކެންޑިޑޭޓުން ނިކުމެ ކައުންސިލް އިންތިހާބުގައި ބައިވެރިވުމަކީ ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ. އަދި މިސަރުކާރަށް ނޫނެކޭ ބުނުމަށް ތިލަފަތަށް ވޯޓް ދެއްވުމަށް ރޮޒެއިނާ އެދިވަޑައިގެންނެވި އެވެ.