ކޮވިޑް-19 އަށް ޕޮޒިޓިވްވެ ރަނގަޅުވާ މީހުން ރާއްޖެގެ އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރުމުގައި ކަރަންޓީންވާން ނުޖެހޭނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިން ބުނެފިއެވެ.
އެޗްޕީއޭ އިން އާންމުކޮށްފައިވާ ކޮވިޑް-19 އަށް ފޮޒިޓިވްވެ ރަނގަޅުވެފައިވާ މީހުން އިސްތިސްނާވާ ކަންކަމުގެ ތެރޭގައި ކޮވިޑާއި ގުޅިގެން އެމީހަކު ދިރިއުޅޭ ގެއަށް ވަދެނިކުތުން މަނާ ކުރެވިފައިވާ ހާލަތުގައި އެމީހަކު ކަރަންޓީނުގައި ހުންނާކަށް ނުޖެހެއެވެ. ޕޮޒިޓިވްވެ ރަނގަޅުވެފައިވާ މީހަކު ޕޮޒިޓިވްވި މީހަކާ ކޮންޓެކްޓުވި ނަމަވެސް އަލާމާތެއް ނުފެންނަ ނަމަ ކަރަންޓީންވާން ނުޖެހޭނެ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.
މީގެއިތުރުން އެހެން އެއްވެސް ކަމަކާ ގުޅިގެން ޓެސްޓުކޮށް ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން އައިސޮލޭޓް ކުރުމުން ވެސް އެމީހުން އިސްތިސްނާވާނެ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.
އެޗްޕީއޭ އިން ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެ ރަނގަޅުވާ މީހުން ވަޒީފާ އަށް ނުވަތަ މަސައްކަތަށް ނުކުތުމުގެ ބޭނުމުގައި ޓެސްޓު ކުރުމުން އިސްތިސްނާވާނެ ކަމަށާއި ޕޮޒިޓިވްވެ ރަނގަޅުވެފައިވާ މީހަކު ޕޮޒިޓިވްވި މީހަކާ ކޮންޓެކްޓުވި ނަމަވެސް އަލާމާތެއް ނުފެންނަ ނަމަ ޓެސްޓު ކުރަން ނުޖެހޭނެ ކަމަށް ބުނެފައެވެ. އަދި އެޗްޕީއޭ އިން ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ކުރިއަށްގެންދާ ސަރވައިލަންސްގެ ތެރެއިން ވެސް އެމީހުން ޓެސްޓުކުރަން ނުޖެހޭނެ ކަމަށް އެ އެޖެންސީ އިން ބުނެއެވެ.
ކޮވިޑް-19 އާއި ބެހޭގޮތުން މިހާތަނަށް ހޯދާފައިވާ ސައިންޓިފިކް ހޯދުންތަކުން އެ ބައްޔަށް ޕޮޒިޓިވްވެ ބަލިން ރަނގަޅުވެފައިވާ މީހުންގެ ފަރާތުން ބަލިފެތުރޭކަން ކަށަވަރު ނުވާކަން ފާހަގަކޮށްފައެވެ. އެހެންނަމަވެސް ކޮވިޑް-19 އާއި ބެހޭގޮތުން ހޯދޭ ހޯދުންތަކުގެ އަލީގައި، ބަލިން ރަނގަޅުވެފައިވާ މީހުން އިސްތިސްނާވާނެ ކަމަށް އެޗްޕީއޭ އިން ކަނޑައަޅާފައިވާ ކަންކަމަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެޗްޕީއޭއިން ފާހަގަކުރެއެވެ.