ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ފެސިލިޓީތަކަށް ނުގެންދެވޭ 200 އަށް ވުރެ ގިނަ މީހުން އެބަތިބި ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.
އެޗްއީއޯސީ އިން ހޯމަ ދުވަހުގެރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން، އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 232 މީހުން ފެސިލިޓީތަކަށް ނުގެންދެވި ވާ ކަމަށާއި އެމީހުންގެ ތެރެއިން 96 މީހުން ފެސިލިޓީތަކަށް ގެންދިއުމުގެ މަސައްކަތް އަންގާރަ ދުވަހު ކުރާނެ ކަމަށެވެ.
މީގެ އިތުރުން ހޯމަ ދުވަހު 122 މީހުން ފެސިލިޓީތަކަށް ގެންގޮސްފައިވާކަން ފާހަގަކޮށް ޑޮކްޓަރު ނަޒްލާ ވިދާޅުވީ އޭގެ ތެރޭގައި ހިމެނެނީ 96 ދިވެހިންނާއި 26 ބިދޭސީން ކަމަށެވެ.
ކޮވިޑް-19 އަށް ޕޮޒިޓިވްވެ ފެސިލިޓީތަކަށް މީހުން ގެންދިއުމުގައި ލަސްތަކާ ކުރިމަތިވަމުންދާ އިރު، ރާއްޖެ އިން ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދުވެސް ދަނީ އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުންނެވެ. މިހާރު 2588 މީހުން ބައްޔަށް ފަރުވާ ހޯދަމުންދާ އިރު، 171 މީހުންނަށް ފަރުވާދެމުން ދަނީ އައިސީޔޫގައިއެވެ.
މީގެ ކުރިން ޑޮކްޓަރު ނަޒްލާ ވަނީ ބައްޔަށް ޕޮޒިޓިވްވާ މީހުން ފެސިލިޓީތަކަށް ގެންދިއުމަށް ބައެއް ލަސްތައް ކުރިމަތިވާކަން ގަބޫލު ކުރާ ކަމަށާއި އެހެންނަމަވެސް ބޮޑަށް ލަސްތައް ކުރިމަތިވަނީ ޕޮޒިޓްވާ މީހުން ކޮންމެވެސް ސަބަބުތަކާ ހުރެ, ދިއުމަށް ދެކޮޅު ހަދާތީ ކަމަށް ވިދާޅުވެފައެވެ. އަދި ޕޮޒިޓިވްވާ މީހުން ފެސިލިޓީތަކަށް ދެތިން ދުވަހުގެ ތެރޭގައި ބަދަލު ކުރާ ކަމަށް ވެސް ޑޮކްޓަރު ނަޒްލާ ފާހަގަކުރެއްވިއެވެ.