އިތުރު 96 މީހަކު ޕޮޒިޓިވްވެ، ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 6660ށް އަރައިފިއެވެ.
އެޗްޕީއޭއިން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ހޮނިހިރު ދުވަހު ޕޮޒިޓިވްވި 96 މީހުންގެ ތެރޭގައި ގިނައީ ދިވެހިންނެވެ. އެގޮތުން 64 ދިވެހިން ޕޮޒިޓިވްވެފައިވާ އިރު ދެން ހިމެނެނީ ބަންގުލަދޭޝްގެ 26 މީހަކާއި، ލަންކާގެ 4 މީހެއްގެ އިތުރުން އިންޑިއާ އަދި ނޭޕާލު މީހެކެވެ. ހޮނިހިރު ދުވަހު ރިޕޯޓްކުރި ހުރިހާ ކޭސްތަކަކީ ވެސް މާލެ ސަރަހައްދުން ފެނުނު ކޭސްތަކެވެ.
ހޮނިހިރު ދުވަހު 101 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި ރަނގަޅުވި މީހުންގެ އަދަދު ވަނީ 4113ށް އަރާފައެވެ. ހޮނިހިރު ދުވަހު ޕޮޒިޓިވްވި 96 މީހުންނާއެކު ފަރުވާ ދެމުންދާ މީހުންގެ އަދަދަކީ 2521 އެވެ. އެޗްޕީއޭއިން ބުނީ އިތުރު 3 މީހަކު އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަ ކަމަށާއި، މިވަގުތު 169 މީހަކަށް އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަ ކަމަށެވެ.
ހޮނިހިރު ދުވަހު އައިސޮލޭޝަނަށް އިތުރު 21 މީހަކު ގެންގޮސްފައިވާ އިރު ޖުމްލަ 1419 މީހަކު ވަނީ އައިސޮލޭޓް ކުރވިފައެވެ. މިހާތަނަށް ރާއްޖޭގައި 26 މީހަކު ވަނީ ބަލީގައި ނިޔާވެފައެވެ. އަދި ނިޔާވި މީހުންގެ ތެރޭގައި ގިނައީ ދިވެހިންނެވެ.
ޕޮޒިޓިވް ކޭސްތައް އިތުރުވުމާއި ގުޅިގެން ހެލްތް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ވޭތުވެދިޔަ ހަފްތާއަށް ބަލާ އިރު ޕޮޒިޓިވްވި މީހުންގެ އަދަދު އެއްދުވަހުން އަނެއް ދުވަހަށް އިތުރުވެފައިވާ ކަމަށެވެ. އަދި ހަފްތާ ނިމެންދާއިރު ގާތްގަޑަކަށް ހާހަކާ ގާތްކުރާ އަދަދަކަށް ޕޮޒިޓިވް ކޭސްތައް ރިޕޯޓް ކުރެވިފައިވާ ކަމަށެވެ. އަދި މި ހަފްތާގައި 4 މީހަކު ނިޔާވެފައިވާ އިރު، މިއީ އެންމެން ވެސް ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. ޑރ. ނަޒްލާ ވިދާޅުވީ މިއީ ވަރަށް ބޮޑަށް ސީރިއަސްވެ މިއަށްވުރެ ބޮޑަށް ރައްކާތެރިވުމަށް ސަމާލުކަންދީ ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގެ ވިސްނުން އެންމެން ބަހައްޓަން ޖެހޭ ކަމެއް ކަމަށެވެ.
ގްރޭޓަރ މާލެ ސަރަހައްދު ފިޔަވައި ދެން އެކްޓިވް ކޭސްތައް ފެނިފައިވަނީ ހދ. ކުރިނބި، ހދ. ނާވައިދޫ، ނ. މިލަދޫ، ބ. ކަމަދޫ، ރ. އިނގުރައިދޫ، ރ. ހުޅުދުއްފާރު، ޅ. ނައިފަރު، ޅ. ހިންނަވަރު، ކ. ގުޅި، ކ. ތުލުސްދޫ، ކ. ހިންމަފުށި، އދ. މާމިގިލި، އދ. އޮމަދޫ، ފ. ނިލަންދޫ، ވ. ތިނަދޫ، ވ. ކެޔޮދޫ، ތ. ވިލުފުށި، ތ. ތިމަރަފުށި، ތ. މަޑިފުށި އަދި އައްޑޫ ސިޓީ ހިތަދޫ އާއި ފޭދޫންނެވެ.
މީގެ އިތުރުން 10 ރިސޯޓަކުން އެކްޓިވް ކޭސްތައް ފެނިފައިވާ އިރު، 4 ފަތުރުވެރިންނާއި 13 މުވައްޒަފުން ހިމެނެއެވެ.