ކޮވިޑް-19 އަށް ޕޮޒިޓިވްވި ފަހުން ފިލައިގެން އުޅޭ ބިދޭސީން ހޯދުމުގެ މަސައްކަތް ދެން ނުކުރާނެ ކަމަށް ހެލްތް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)ގެ ތަރުޖަމާން ޑރ ނަޒްލާ ރަފީގު ވިދާޅުވެއްޖެ އެވެ.
ހޮނިހިރު ދުވަހުގެ ރޭ އެސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިލައިގެން އުޅޭ ބިދޭސީން ހޯދުމުގެ މަސައްކަތާއި ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ޑރ ނަޒްލާ ވިދާޅުވީ އެމީހުން ހޯދުމުގެ މަސައްކަތް ދެން ކުރިޔަށް ނުގެންދަން ނިންމީ އެމީހުން މިހާރު ރަނގަޅުވެފައިވާނެ ކަމަށް ބަލާފައިކަމަށެވެ. ބަލި ޖެހިފައި ވަނިކޮށް ފިލާފައިވަނީ ބަންގްލަދޭޝް ބައެކެވެ. އޭގެ ތެރެއިން ބައެއް މީހުން ހޯދާފައިވާއިރު 15 މީހަކު އަދިވެސް ނުފެނެ އެވެ.
ކުރިން ތިބި 15 މީހުންގެ މިހާރު 21 ދުވަސް ހަމަވެއްޖެ. އަޅުގަނޑުމެނަށް އޭގެ ތެރެއިން ބައެއް މީހުން ވަނީ ހޯދިފައި. ނުފެނި ތިބީ 15 މީހުން. އެ މީހުން މިހާރު 21 ދުވަސްވީމަ ދެން އިތުރަށް އަޅުގަނޑުމެން އެ މީހުން ހޯދުމުގެ މަސައްކަތެއް ނުކުރާނެން. ދެން އެ މީހުން ރިކަވާވީ ކަމަށް އަޅުގަނޑުމެން މި ބަލަނީޑރ ނަޒްލާ ރަފީގު
ކޮވިޑް-19 އެންމެ ފުރަތަމަ ރާއްޖޭގައި ފެތުރެން ފެށިއިރު ގިނަ އަދަދެއްގެ ބިދޭސީން ވަނީ ވައިރަސް އަށް ޕޮޒިޓިވްވެފަ އެވެ. ވަކިން ޚާއްސަކޮށް ތޮއްޖެހިގެން ގިނަ އަދަދެއްގެ ބިދޭސީން އުޅެމުން ދިޔަތަންތަނުން ބިދޭސީން ވަނީ ޕޮޒިޓިވްވެފަ އެވެ.
އެއާއެކު ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން އެފަދަ ތަންތަން ފާހަގަކޮށް ވަކިން އެތަންތަން ބަލަހައްޓަމުން ގެންދިޔަ އެވެ. ފިލައިގެން ގޮސްފައިވާ ބައެއް މީހުންނަކީ ކޮވިޑަށް ޕޮޒިޓިވްވުމުން ސަރުކާރުން ކަނޑައަޅާފައިވާ ކަރަންޓީން ފެސިލިޓީތަކާއި ކޮންޓެއިންމެންޓު ސައިޓުތަކަށް ގެންދިޔަ ފަހުން ފިލައިގެން ދިޔަ މީހުންނެވެ. އޭގެ ތެރެއިން ބައެއް މީހުން ހޯދަން ފުލުހުން އިއުލާނުވެސް ކޮށްފައިވެ އެވެ. އަދި އެމީހުންގެ ފޮޓޯ އާއި އެކު ހުރިހާ ވަނަވަރެއް އާންމުވެސް ކުރިއެވެ.
ރާއްޖޭގައި މިހާރު ކޮވިޑް-19 އަށް 4,769 ޕޮޒިޓިވްވެފައިވާއިރު ޕޮޒިޓިވްވެފައިވާ ދިވެހިންގެ އަދަދު ވަނީ ބިދޭސީންނަށް ވުރެ މިހާރު މަތިވެފަ އެވެ. އެޗްއީއޯސީން ހާމަކުރާ ގޮތުގައި މިހާރު ގިނަ އަދަދަކަށް ޕޮޒިޓިވްވަމުން އަންނަނީ ދިވެހިންނެވެ. އަދި ކޮންޓެކްޓުންގެ ގޮތުގައިވެސް ފާހަގަވަމުން އަންނަ ދިވެހިންގެ އަދަދު މިހާރު އިތުރުވެފައިވާ ކަމަށް އެސެންޓަރުން ބުނެއެވެ.