މިނިސްޓް އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީން ތައްޔާރު ކުރަމުންދާ "އައިލެންޑް.އެމްވީ" ޕޯޓަލްގެ މަސައްކަތް މަހެއްހާ ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް މިނިސްޓަރ އޮފް ސްޓޭޓް ފޯރ ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ އަލީ ސޯލިހު ވިދާޅުވެއްޖެ އެވެ.
ބުރާސްފަތި ދުވަހުގެ ރޭ ރާއްޖެ ޓީވީގެ "ފަލަ ސުރުޚީ" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އަލީ ސޯލިހު ވިދާޅުވީ ރައީސުލްޖުމްހޫއްޔާގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ރަށުފަތުރުވެރިކަމާއި ގުޅުވައިގެން ފަރުމާކޮށް ތަޢާރަފް ކޮށްފައިވާ "އައިލެންޑް.އެމްވީ" ޕޯޓަލ އަޕްޑޭޓް ކުރުމުގެ މަސައްކަތް މިހާރުވެސް ހަލުވި ކަމާއިއެކު ކުރިއަށްދާ ކަމަށެވެ. މި ޕޯޓަލްއަށް މިހާތަނަށް 80 އެއްހާ ރަށް މައުލޫމާތު އަޅާ ނިމިފައިވާ ކަމަށާއި މި ޕޯޓަލް ފަރުމާ ކުރެވިފައިވަނީ ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކަށް އެރަށެއްގެ މައުލޫމަތު ޕޯޓަލް މެދުވެރިކޮށް ބެލެހެއްޓޭނެ ގޮތަށް ކަމަށް އަލީ ސޯލިހް ވިދާޅުވި އެވެ.
އެރަށެއްގެ ކައުންސިލް މެދުވެރިކޮށް އެއަށް ޑާޓާ އެޅުމަށް ބަލާނަމަ އެތަނެއްގައި އެކަންކަން ކުރާނެ އައިޓީ ދާއިރާގެ ބޭފުޅުން މިވަގުތު ނެތްކަން ފާހަގަކުރައްވާ އަލީ ސޯލިހް ވިދާޅުވީ އެކަމުގެ ސަބަބުން ގޮންޖެހުންތައް ދިމާވަމުންދާކަމަށެވެ. ނަމަވެސް މިނިސްޓްރީ މެދުވެރިކޮށް އެ ޑާޓާތައް އަޅާ އެރަށެއްގެ ޑާޓާ އެރަށަކާއި ހަވާލުކުރެވި ބެލެހެއްޓުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
އަލީ ސޯލިހު ވިދާޅުވީ މި ޕޯޓަލް މުޅިން ފުރިހަމަވެގެންދާއިރު ރަށްރަށުގައި ވަޒީފާގެ ފުރުސަތުތައް އެފެދިގެންދާނެ ކަމަށެވެ. ޕޯޓަލް ބަލަހައްޓާ، ޕޯޓަލްއަށް މައުލޫމާތު އެޅުމަށްޓަކައި އައިޓީ ދާއިރާގެ ބޭފުޅުންނާއި، ޕޮޓޯ ގްރާފަރުންނާއި، ވީޑިއޯ ގްރާފަރުނާއި މިފަދަ އެތައް ވަޒީފާތަކެއް އުފެދިގެންދާނެ ކަމަށެވެ.
މި ޕޯޓަލުން ކޮންމެ ގައުމެއްގެ ފަތުރުވެރިއަކުވެސް ރާއްޖޭގެ ކޮންމެ ރަށަކަށް ޒިޔާރަތް ކުރަން ބޭނުންވި ނަމަވެސް އޭނާ އަމަލު ކުރަންޖެހޭ ގޮތް ޕޯޓަލް މެދުވެރިކޮށް އެނގިގެންދާނެ ކަމަށެވެ. އަދި ރަށުގެ ޘަޤާފަތާއި، ރަށުގެ ޘަޤާފީ ތަރިކައިގެ މައުލޫމާތާއި، ރަށުގެ ހުރިހާ ކަމެއް ޕޯޓްލް އިން އެނގެން ހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޔޫކޭގެ ރައްތިތަކު ހއ. ކެލާއަށް އަންނަން ބޭނުންވެއްޖެ ނަމަ ދަތުރުފަށައިގެން މާލޭގެ ބަނދަރަށް އައިސް، މާލޭގެ ބަނަދަރުން ދެން ކެލާއަށް ދެވޭނެ ހުރިހާ ރޫޓްތަކެއް، ފްލައިޓެއްގައި ދާން ބޭނުންނަމަ ފްލައިޓެއްގައި ދެވޭނެ ކައިރިމިނެއް އަދި ސީޕްލޭންގައި ދާން ބޭނުންވަނީނަމަ ސީޕްލޭންގައި ދެވޭނެ ގޮތާއި ކެލާއަށް ދިއުމަށްފަހު ކެލާގައި މަޑުކުރާނެ ގެސްޓްހައުސްތަކުގެ މައުލޫމާތު އެ ޕޯޓަލުން އެނގެން ހުންނާނެ.
މި ޕޯޓަލްގެ މައިގަނޑު ބެލެނިވެރި ފަރާތަކަށް ވާނީ ރަށު ކައުންސިލާއި ޓުއަރިޒަމް މިނިސްޓްރީ ކަމަށާއި އެންސީއައިޓީ ހަރަކާތްތެރިވަނީ ޑިވެލޮޕަރުންގެ ގޮތުގައި ކަމަށް އޭނާ ވިދާޅުވިއެވެ. ޕޯޓަލްގެ މަސައްކަތް މިހިނގާ އޮގަސްޓް މަހުގެ ފަހުކޮޅު ނުވަތަ މި ފެށޭ ސެޕްޓެމްބަރު މަހުގެ ކުރީކޮޅު އެއްކޮށް ނިންމާލެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.