ކޮވިޑް-19ށް ޕޮޒިޓިވްވެފައިވާކަން ޔަގީންވެފައިވާ މީހުން އެންޓި ބޮޑީ ޓެސްޓު ހެދި ނަމަވެސް، ގިނަ ފަހަރަށް ނަތީޖާ ޕޮޒިޓިވް ނުވާ ކަމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގެ އެތެރަހަށީގެ ޑޮކްޓަރު މުހައްމަދު އަލީ ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ޑރ. މުހައްމަދު އަލީ ވިދާޅުވީ ބަލިޖެހިފަ ރަނގަޅުވެފައި ތިބި މީހުންގެ އެންޓި ބޮޑީ ޓެސްޓު ޕޮޒިޓިވް ނުވެގެން ވަރަށް ގިނަ ފަހަރު ޓެސްޓު ކޮށްފައިވާ ކަަމަށެވެ. އަދި އެމީހުން ޕީސީއާރް ޓެސްޓުން ޕޮޒިޓިވްވި ނަމަވެސް ގިނަ ބައެއް އެންޓި ބޮޑީ ޓެސްޓު ޕޮޒިޓިވްކަމުގެ ނަތީޖާ ނުލިބޭ ކަމަށެވެ.
އަޅުގަނޑުމެންގެ ޑީއެޗް11ގައި އޮތް ހާލު ދެރަ ބަލި މީހަކަށް މި ބައްޔަށް ބޭނުންކުރާ އެއް ޓްރީމެންޓަންޓް އޮޕްޝަންއެއް މިއީ. މާނައަކީ ބަލިޖެހިފަ ރަނގަޅުވެފަ ހުރި މީހެއްގެ ލޭގެ ވަކި މާއްދާތަކެއް ބަލި މީހާއަށް އަޅާ. އެއަޅަން ވެގެން އަޅުގަނޑުމެން ބަލި ޖެހިފައި ތިބި މީހުންގެ ބަލިޖެހިފަ ރަނގަޅުވެފައި ތިބި މީހުންގެ އެންޓި ބޮޑީ ޓެސްޓު ކޮށްކޮށް ވަރަށް ގިނަ ފަރާތްތައް ޓެސްޓު ކުރެވުނު. އެންޓި ބޮޑީ ޕޮޒިޓިވް ނުވެގެން. މިއީ ކޮވިޑް-19 ޕޮޒިޓިވްވެފައި ޕީސީއާރް ޕޮޒިޓިވްވެފައި ތިބި ފަރާތްތައް އަޅުގަނޑުމެން އޭރުގަ ހޯދީ އެންޓި ބޮޑީ ޕޮޒިޓިވް ފަރާތެއް އަޅުގަނޑުމެން ބޭނުންވެގެން. ބަލި ޖެހިފައި ރަނގަޅުވެފަ ހުރި މީހެއް ބޭނުންވެގެން. މިއީ ބަލި ޖެހިފައި ތިބިކަން އެނގޭ މީހުން.އައިޖީއެމްއެޗްގެ އެތެރެހަށީގެ ޑރ. މުހައްމަދު އަލީ
ޑރ. މުހައްމަދު އަލީ ވިދާޅުވީ މިދަނޑިވަޅުގައި އެންޓި ބޮޑީ ޓެސްޓުން ޕޮޒިޓިވްކަން ހާމަވީ މަދުބައެއް ކަމަށާއި، ހަށިގަނޑުގެ އެތެރޭގައި އެމިއުނިޓީ ހުންނަނީ ކުރު މުއްދަތަކަށް ކަމަށެވެ.
ގިނަ ރީސާޗްތަކަށް އަލިއަޅުއްވާލައްވާ ޑރ. މުހައްމަދު އަލީ ވިދާޅުވީ އެއްމަހަށްވުރެ ގިނަ ދުވަސްވަންދެން ހަށިގަނޑުގައި އެންޓި ބޮޑީ ޑިވެލޮޕްވެފައި ނުހުންނަ ކަަމަށެވެ. އަދި ހަށިގަނޑަށް ލިބެނީ އެހެން ވައްތަރެއްގެ އިމިއުނިޓީއެއްކަން ޑޮކްޓަރު ފާހަގަކުރެއްވިއެވެ.
އިމިއުނިޓީ ޓެސްޓެއް އަދި އެކިޓްތަކެއް ނާދޭ. ތަފާތު ވައްތަރެއްގެ އިމިއުނިޓީއެއް މިޓެސްޓު ކުރަން މިޖެހެނީ. މިއީ އަޅުގަނޑުމެން ޓެސްޓުކުރާ އެންޓި ބޮޑީތައް ޕޮޒިޓިވްވާ ރޭޓް ވަރަށް ކުޑަ. ވަރަށް މަދު ފަރާތްތަކެއްގެ އެންޓި ބޮޑީ ހުންނަނީ. މީގެ މިސާލެއް ބުނާނަމަ ޔޫކޭގައި ބައެއް ހިސާބުތަކުގަ ޓެސްޓު ކުރެވުނު އެންޓި ބޮޑީ ހަމަ ބޮޑު ޕޮޕިއުލޭޝަނެއް ޓެސްޓު ކުރެވުނުއިރުގަ ވަރަށް މަދު ފަރާތްތަކެއް މި ހުންނަނީ އެންޓި ބޮޑީ ޑިވެލޮޕްވެފަ. މާނައަކީ ޕޮޒިޓިވްވަނީ.އައިޖީއެމްއެޗްގެ އެތެރެހަށީގެ ޑރ. މުހައްމަދު އަލީ
އެންޓި ބޮޑީ ޓެސްޓުން ނަތީޖާއެއް ނުފެންނަކަން ޑރ. މުހައްމަދު ހާމަކުރައްވާފައިވާއިރު، އެންޓި ބޮޑީ ޓެސްޓު ނުހެދުމަށް ހެލްތް މިނިސްޓްރީން ވަނީ އަންގާފައެވެ.
އެންޓި ބޮޑީ ޓެސްޓު ހަދަން ޖެހިއްޖެ ހާލަތެއްގައި ހުއްދަ ދެވޭނީ އެޗްޕީއޭ އިން ހަމަޖައްސާ އުސޫލެއްގެ މަތިންނެވެ. އަދި ރިސާޗް ބޭނުމަށް އެންޓި ބޮޑީ ޓެސްޓު ހަދާނަމަ ހެލްތް މިނިސްޓްރީގެ ހެލްތް ރިސަރޗް ކައުންސިލަށް ހުށައަޅައިގެން ކުރިޔަށް ގެންދިޔުމަށް މިނިސްޓްރީން އެދިފައިވެއެވެ.